ހައުސިން ޔުނިޓް

ރެއިންބޯ 15 ބުރީގެ ކޮންޑެމީނިއަމްގެ އެޕާޓްމަންޓް ވިއްކަން ފަށައިފި

Jan 25, 2016
4
  • އަގުތައް އުޅެނީ 2.9-7 މިލިއަން ރުފިޔާއާ ދެމެދުގައި
  • ކޮންޑެމީނިއަމް ހަޅަނީ މަނާގޭގައި
  • އެޕާޓްމަންޓް ގަތުމަށް އެޗްޑީއެފްސީން ފައިނޭންސް ހަމަޖެހޭ

ރެއިންބޯއިން މާލޭގައި އަޅާ، 15 ބުރީގެ ކޮންޑެމީނިއަމް ބިލްޑިންގެ އެޕާޓްމަންޓްތައް ވިއްކަން ފަށައިފި އެވެ.

ރެއިންބޯ ކޮންސްޓްރަކްޝަންގެ އޮފިޝަލަކު ވިދާޅުވީ "މަނާގެ ރެސިޑެންސް" ގެ ނަމުގައި ތަރަައްގީ ކުރާ 15 ބުރީގެ މި ބިލްޑިންގައި އިމާރާތް ބޭނުންކުރާ މީހުންގެ ކާރާއި ވެހިކަލް ޕާކު ކުރެވޭނެ ގޮތްވެސް ހަމަޖެހިފައިވާނެ ކަމަށެވެ.

"މި ބިލްޑިންގަކީ 4،500 އަކަފޫޓު ތަނެއް. މިއީ ރެއިންބޯއިން ކޮންޑެމީނިއަމް ކޮންސެޕްޓަށް ހަދާ އެންމެ ބޮޑު ތަން،" އޮފިޝަލް ވިދާޅުވި އެވެ.

ރެއިންބޯ ކޮންސްޓްރަކްޝަން އިން މި އިމާރާތް އަޅަނީ މާވެޔޮ މިސްކިތް ކައިރީގަ އެވެ. މި މަޝްރޫއުގެ ދަށުން ވިއްކާ އެޕާޓްމަންޓުގެ ބޮޑު މިނުގައި 800 އަކަފޫޓާއި 1،700 އަކަފޫޓު ހުރެ އެވެ. އަދި މި ތަނުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި އެޕާޓްމަންޓްތަކުގެ އަގުތައް އުޅެނީ 2.9 މިލިއަން ރުފިޔާ އާއި ހަތް މިލިއަން ރުފިޔާގެ އަގުތަކެއްގަ އެވެ.

ރެއިންބޯގެ އޮފިޝަލް ވިދާޅުވީ މި އެޕާޓްމަންޓްތައް ގަތުމުގައި އެޗްޑީއެފްސީ އިން ފައިނޭންސް ހަމަ ޖެހޭނެ ކަމަށެވެ.

"މި އިމާރާތުގެ ބޭސްމަންޓުގައި ޕާކިން ފެސިލިޓީ ވެސް ހުންނާނެ. ޓެރަސް ފްލޯގައި ޖިމް އަކާއި ސުވިމިން ޕޫލެއް ވެސް ހިމެނޭ،" އޮފިޝަލް ވިދާޅުވި އެވެ.

ރެއިންބޯ އިން ބުނީ މި އިމާރާތް 24 މަހަށް ވުރެ އަވަހަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.