ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްއިން ހައުސިން ގްރާންޓް އިފްތިހާހްކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ ހައުސިން ގްރާންޓްގެ ދަށުން ހިލޭ އެހީގައި ތިން އާއިލާއަކަށް ފަރުނީޗަރު ހިމެނޭހެން ގެ އިމާރާތްކޮށްދޭނެ ކަމަށެވެ.
ހައުސިން ގްރާންޓް ހަރަކާތުގެ ދަށުން އެހީ ބޭނުންވާ އާއިލާތައް ނޮމިނޭޓްކޮށް ހިލޭ އެހީއަށް އެދި ހުށަހަޅުމުގެ ފުރުސަތު ޖަމިއްޔާތަކާއި ކައުންސިލްތަކަށް ހުޅުވާލާފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މި ހަރަކާތާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއަދު ތައާރަފްކުރި މި ހިލޭ އެހީގެ ޒަރިއްޔާއިން ދިރިއުޅުމުގައި ދަތިކަން ތަހައްމަލު ކުރަމުންދާ އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ޕްރޮޖެކްޓްގެ ދަށުން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ އާއިލާތަކަށް ދިރިއުޅުމަށް ހެޔޮ ބަދަލުގެނުވައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ފުރުސަތު ހޯދައިދިނުން،" ޓިމް ސޯޔާ ވިދާޅުވި އެވެ.
ހައުސިން ގްރާންޓް ހަރަކާތުގެ ދަށުން ހިލޭ އެހީއަށް އެދުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލާފައިވަނީ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ހިލޭ އެހީއަށް ބޭނުންވާ ފަރާތްތަކުން މެއިލް ކުރުމަށް ބީއެމްއެލްއިން އެދެއެވެ.
މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށް ބޭންކުން ބުނެ އެވެ. ބީއެމްއެލްގެ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކަކީ ބީއެމްއެލް ސްކޮލާޝިޕް ފަންޑު، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން އަދި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ތައާރަފްކުރުމެވެ.