ވިޔަފާރި

މިދިޔަ އަހަރު ހައުސިންއަށް ދޫކުރި ލޯނުގެ އަދަދު ބިލިއަނަކަށްވުރެ މަތި: ބީއެމްއެލް

Mar 15, 2018
11
  • ގެދޮރުވެރިކުރަން ބޮޑު އެހީތެރިކަމެއް ދެވޭ
  • ފްލެޓްގަނެވޭ ލޯނު %5 އިންޓްރެސްޓްގައި
  • ހަލާސްކުރުން 25 އަހަރަށް ބަހާލެވޭ

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހައުސިން ސެކްޓަރަށް ދޫކުރި ލޯނުގެ އަދަދު އެއް ބިލިއަނަށް އަރައިފި އެވެ.

ބީއެމްއެލްއިން ހައުސިން ސެކްޓާ އަށް ދޫކުރާ ލޯނުތަކާ ގުޅޭގޮތުން "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ރީޓެއިލް ބޭންކިން މޫސާ ނިމާލް ވިދާޅުވީ ދިވެހިން ގެދޮރުވެރި ކުރަން، މާލީ ގޮތުން މިހާތަނަށް ބީއެމްއެލް އެހީތެރިކަން ފޯރުކޮށްދީފައި ނުވާ މިންވަރަކަށް މާލީ އެހީތެރިކަން މިހާރު ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"މިދިޔަ އަހަރެއްހާ ދުވަސްތެރޭ އަޅުގަނޑުމެން ހައުސިން ސެކްޓާއަށް އަމާޒުކޮށް ދޫކުރި ލޯނުގެ އަދަދު ވަނީ އެއްބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރާފައި. އަމާޒަކީ ހަމައެކަނި ރާއްޖޭގެ ވަކި ސަރަހައްދެއް ނޫން. މުޅި ރާއްޖެ. ދިވެހި ކޮންމެ އާއިލާއެއްގެ ދިރިއުޅުން ތަރައްގީކުރުމުގެ ބައިވެރިއަކަށްވުން،" އޭނާ ވިދާޅުވި އެވެ.

ހައުސިން ސެކްޓާ އަށް އަމާޒުކޮށް ބީއެމްއެލް އިން ތަފާތު ލޯނުތައް ދެ އެވެ. އޭގެ ތެރޭގައި ހޯމް ލޯނާއި ހޯމް ކޮންސްޓްރަކްޝަންސް ލޯނާއި އަދި ރިއަލް އެސްޓޭޓް ލޯނު ހިމެނެ އެވެ. އިތުރުން ބީއެމްއެލް އިސްލާމިކް އިންވެސް ގެދޮރުގަތުމަށާއި ގެދޮރު އިމާރާތްކުރުމަށް ފައިނޭންސްކޮށްދެ އެވެ.

"އަޅުގަނޑުމެންގެ ޕްރޮޑަކްޓަތަކަށް ގެނައި ބަދަލާއެކު މިހާތަނަށް ބޭންކުން ހައުސިން ސެކްޓަރަށް ލޯނު ދޫނުކުރާހާ ބޮޑު އަދަދެއްގެ ލޯނު މިވަނީ ދޫކޮށްފައި. ގެދޮރުވެރިވުމަށް ބޭނުންވާ އެތައް ހާސް މީހުންނާއި އާއިލާތަކަށް އަޅުގަނޑުމެންގެ ހައުސިން ޕްރޮޑަކްޓްތަކުގެ ފައިދާ ވަނީ ލިބިފަ." ނިމާލް ވިދާޅުވި އެވެ.

މާލެ އާއި ހުޅުމާލޭގައި ސަރުކާރުންނާއި އަމިއްލަ ކުންފުނިތަކުން ފްލެޓްތައް އަޅާއިރު އަގުހެޔުކޮށް ފްލެޓްގަތުމަށް ބޭނުންވާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އެމްއެމްއޭ އާއި ބޭންކްތަކާ ގުޅިގެން ވަނީ އެފޯޑަބަލް ހައުސިން ލޯން ނަމުގައި ލޯން ސްކީމެއް ވެސް ތައާރަފްކޮށްފައެވެ.

ނިމާލް ވިދާޅުވީ ހެޔޮއަގެއްގައި ފަސޭހަ ކަމާއެކީ ފްލެޓް ގަތުމަށް ބޭނުންވާ މީހުނަށް ހާއްސަ އެފޯޑަބަލް ހައުސިން ލޯނު މެދުވެރިކޮށް ފަސް ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގައި ފްލެޓްގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެއީ 25 އަހަރަށް ބަހާލައިގެން ދެއްކޭ ލޯނެކެވެ.

"ލޯނު ނަގާ ފަރާތުން އެ މުއްދަތަށް ވުރެ ކުރިން ލޯނު ދައްކަން ބޭނުންވާ ނަމަ ކަސްޓަމަރަކު އެދޭ މުއްދަތެއް ހަމަޖައްސައިދެވޭނެ. އަދި އިކްއިޓީއަކީ ގަންނަ ތަނުގެ 20 ޕަސެންޓް އިކްޓީ ހަމަޖެއްސުމުގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ވެސް ބޭނުން ކުރެވޭނެ. ފްލެޓް، އެޕާޓްމަންޓް އަދި ރޯހައުސް ގަތުމަށް އަޅުގަނޑުމެން ދޫކުރާ ހޯމްލޯން ގެ އިކްއިޓީ އަކީވެސް ހަމަ 20 ޕަސެންޓް އަދި އެ ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ފަސް ޕަސެންޓްގެ އިންޓަރެސްޓް ރޭޓަކީ މިހާތަނަށް ރާއްޖޭގައި ހައުސިން އަށް ދޫކުރާ ލޯނުތަކަށް ބަލާއިރު އެންމެ ދަށް އިންޓްރެސްޓް ރޭޓެވެ.