ހިޔާ މަޝްރޫއު

ހިޔާ ފްލެޓުގައި 40 އަށްވުރެ ގިނަ އާއިލާ ދިރިއުޅެން ފަށައިފި

ރާއްޖޭގައި އެޅި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ "ހިޔާ ފްލެޓް" ގެ އެޕާޓްމަންޓްތަކަށް 40 އަށްވުރެ ގިނަ އާއިލާ ބަދަލު ވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި ހިޔާފްލެޓުގެ މަަޝްރޫއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހުޅުމާލެ ބަލަހައްޓައި އަދި ވިޔަފާރި ކުރާ ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 40 އާއިލާއެއް މި ފްލެޓުގައި ދިރިއުޅުން ފަށާފައިވާ ކަމަށެވެ.

ފްލެޓުގެ އަގު ހެޔޮކުރަން "ހިޔާ ޔޫނިއަނުން" ހުށަހަޅާފައިވާ ޕެޓިޝަނާ ބެހޭ ގޮތުން މެންބަރަށް ކުރެއްވި ސުވާލަކާ ގުޅިގެން ސުހައިލް ވިދާޅުވީ މިހާރު ވެސް ފްލެޓަކަށް އެވްރެޖުކޮށް 85،000ރ. ގެ ޑިސްކައުންޓެއް ދީފައިވާނެ ކަމަށެވެ.

"މިހާރު ވެސް ބިމުގެ އަގާއި ޕްރޮޖެކްޓް މެނޭޖުމަންޓުގެ ކޮސްޓް އުނިކޮށްލީމަ މިހާރު ވެސް މިވަނީ ފްލެޓަކަށް 85،000ރ. ގެ މަގުން ޑިސްކައުންޓެއް ދީފަ. އަދި ކުލި ދައްކަން ފަށަން އެއް އަހަރުގެ ގްރޭސްޕީރިއަޑެއް ދީފިނަމަ ވަރަށް ގިނަ ބަޔަކަށް ވަރަށް ދަތީގައި އެތަނުގައި [ހިޔާ ފްލެޓު] ގައި ދިރިއުޅެން ޖެހޭނީ." ސުހައިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވެސް މަގުސަދެއް ނޫން ބޭނުން ނެތް ވަރަކަށް ނޫނީ އެއް ފިއްތާލަން ކުޑަ ކުރާކަށް. އެހެންނަަވެސް އެއް ހަފުތާ ތެރޭގައި ދިރިއުޅުން ފަށައިފި، އެހެންވެ އެ ބޭފުޅުން އެއް އަހަރު ތެރޭގައި އެ ގޮތަށް ދިރިއުޅެން ވެއްޖެނަމަ އެ ވާނީ ބޮޑު ޝަކުވާއަކަށް،"

ފްލެޓުގެ އަގު ހެޔޮފިނަމަ ލޯނެއް ނުދެއްކޭނެ

ފްލެޓުގެ އަގު ހެޔޮ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސުހައިލް ވިދާޅުވީ ހިޔާ ފްލެޓުގެ ލޯނަކީ ސަރުކާރުން ސޮވްރިން ގެރެންޓީ ދިންނަމަވެސް އެ ކުންފުނިން ޒިންމާވާން ޖެހޭ ލޯނެއް ކަމަށާ، އެހެނަމަވެސް ފްލެޓުގެ އަގު ހެޔޮކޮށްފިނަމަ ލޯނު ނުދެއްކޭނެ ކަމަށެވެ.

"މިހާރު އޮތްގޮތަށް 7500ރ. ނަގައިގެން ނޫނީ ލޯނު އަނބުރައެއް ނުދެއްކޭނެ. އެހެންވެ އަޅުގަނޑުމެންނަކަށް މިއަށްވުރެ ކުޑަ ކުރެވޭކަށެއް ނެތް،" ސުހައިލް ވިދާޅުވި އެވެ.

ފްލެޓުގެ އަގު ކަނޑައެޅީ މި އަހަރު

އެޗްޑީސީގެ ޗީފް ފައިނޭންސް އޮފިސަރު (ސީއެފްއޯ) އަހުމަދު ޝާމް ވިދާޅުވީ ހިޔާފްލެޓު ލިބުނު ފަރާތްތަކުގެ އަތުން ނަގަން މިހާރު ނިންމި އަގު ކަނޑައަޅާފައިވަނީ މި އަހަރުތެރޭގައި ކަމަށެވެ.

"ފްލެޓުގެ އަގާ ބެހޭ ގޮތުން މައުލޫމާތާއި ސިޓީ ބަދަލު ކުރެވިފައި އެބަހުރި. އެކަމަކު އަގު ކަނޑައެޅީ މި އަހަރު. އަދި 2018 ގެ ކުރިންވެސް އެޗްޑީސީގެ ސިޓީތަކުން އެނގޭ 10،000ރ. އަށްވުރެ ކުޑަކޮށް މެނޭޖު ނުކުރެވޭނެ ކަމަށް،" ޝާމް ވިދާޅުވި އެވެ.

ހިޔާ ފްލެޓުގެ ބައެއް ފެކްޓްތައް
ހިޔާ ފްލެޓްގެ 7،000 އެޕާޓްމަންޓް ހުންނަ މިތަނުގައި 25 ބުރީގެ 16 ޓަވަރު ހުރެ އެވެ. މީގެތެއިން 10 ޓަވަރުގައި ހުންނަނީ 392 އެޕާޓްމަންޓެވެ. އަދި ބާކީހުރި ހަ ޓަވަރުގެ 492 އެޕާޓްމަންޓް ހުރެ އެވެ. މީގެ ތެރެއިން 10 ޓަވަރުގައި ތިން ލިފްޓް އަދި ބާކީހުރި ހަ ޓަވަރުގައި ހަތަރު ލިފްޓް ހުރެ އެވެ. މީގެ ކޮންމެ ލިފްޓެއްގެ މެކްސިމަކް ކެޕޭސިޓީ ނުވަތަ އެންމެ ގިނައިން އެރޭ މީހުންގެ އަދަދަކީ 14 އެވެ. އެއް ފަހަރާ މީގެ 10 ޓަވަރުން 56 މީހުންނަށް އަރާ ފޭބޭނެ އެވެ. އަދި ތިން ލިފްޓް ހުންނަ ހަ ޓަވަރުން 46 މީހުންނަށް އެއް ފަހަރާ އަރާފޭބޭނެ އެވެ. ލިފްޓަކުން 24 ވަނަ ބުރިން ގްރައުންޑް ފްލޯ އަށް 31 ސިކުންތުން އާދެވޭނެ އެވެ. "ހިޔާ ފްލެޓު"ގެ ކޮންމެ އެޕާޓްމަންޓެއްގެ ބޮޑު މިނަކީ 570 އަކަފޫޓެވެ. ހުރިހާ އެޕާޓްމަންޓަކީ ވެސް ދެ ކޮޓަރީގެ ތަންތަނެވެ. ކޮޓަރިއެއްގެ އެވްރެޖު ދިގުމިނަކީ 13.50 ފޫޓެވެ. އަދި ފުޅާމިނަކީ 9.50 ފޫޓެވެ. މި ހުރިހާ އެޕާޓްމަންޓް ތަކެއް ވެސް ރާއްޖޭގައި އާއްމުކޮށް ދިވެހިން ދިރިއުޅޭ އެޕާޓްމަންޓްތަކަށްވުރެ ސިޓިން ރޫމް ބޮޑެވެ. މި ފްލެޓުތަކުގެ ސިޓިން ރޫމްގެ ދިގުމިނަކީ 25 ފޫޓެވެ. އަދި ފުޅާ މިނުގައި 10 ފޫޓު ހުރެ އެވެ. ފާނާތަކުގެ ދިގުމިނުގައި 6.50 ފޫޓު އަދި ފުޅާ މިނުގައި 3.50 ފޫޓު ހުރެ އެވެ. ސަރުކާރުން ވަނީ މީގެ ކޮންމެ ޓަވަރަކުން 280 އެޕާޓްމަންޓް އަސާސީ ހިދުމަތް ގާއިމް ކުރަން ނަގާފަ އެވެ. ފްލެޓުގައި މީހުން ދިއުޅޭނީ 6،720 އެޕާޓްމަންޓުގަ އެވެ. އަދި މިތަނުގައި އެންމެ މަދުވެގެން 35،000 މީހުން ދިރިއުޅޭނެ އެވެ. މި ފްލެޓުތައް ހަދަން 6.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި ފްލެޓުތައް ކުރިން ޕްލޭން ކުރީ އެއްކޮށް ނިންމައި ހަވާލު ކުރާށެވެ. ނަމަވެސް އިންޓީރިއާގެ ގިނަ މަސައްކަތްތަކެއް ނުނިންމައި މި ފްލެޓް ދޭން ސަރުކާރަށް މަޖުބޫރުވީ ފިނިޝަން އަށް ބޭރުން ހޯދަން ޖެހޭ 46 މިލިއަން ޑޮލަރުގެ ލޯނެއް ހޯދަން ދަތިވުމުން ނުވަތަ އެކަން ނުކުރީމަ އެވެ.

ސުހައިލް ވިދާޅުވީ ހިޔާ ފްލެޓުގެ މަސައްކަތް ނިންމަން ފަސޭހަ ކުރުމުގެ ގޮތުން އެ ސަރަހައްދުގައި ކޮންޓެއިނަރު ބަހައްޓައިގެން މުދާ ދޫކުރުމުގެ މަސައްކަތް ފަށަން ވެސް ނިންމާފައިވާ ކަމަށެވެ. އަދި ފްލެޓުގެ ތަކުގެ 90 ޕަސެންޓް މިހާރު ހަވާލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް ލިސްޓް ނައިސް 6،065 ފްލެޓުގެ ތެރެއިން 265 ފްލެޓަށް ލިސްޓެއް ނާދެ. އައިސްފައި ހުރި ފަރާތްތަކުގެ ތެރެއިން 6،065 ފްލެޓަށް ތަޅުދަނޑި ހަވާލުކޮށްފިން. އަދި ވިނަރެސް ފްލެޓަށް ބަދަލުވާން 220 ފަރާތެއް. ހައުސިން މިނިސްޓްރީން މައުލޫމާތު ސާފު ކުރާނީ 45 ފަރާތެއް ވަނީ ހޯލްޑްކޮށްފަ،" ސުހައިލް ވިދާޅުވި އެވެ.