އާބަންކޯ

ޖާހުގެ އެޕާޓްމަންޓްތައް ނިންމަން އާބަންކޯ ހަވާލުވެއްޖެ

ޖާހު އިންވެސްޓްމަންޓްސް އިން ހުޅުމާލޭގައި މަސައްކަތުގެ ބޮޑު ބައެއް ނިންމާފައިވާ "ދަ ގާޑަންސް" އެޕާޓްމެންޓްތަކުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމާ އާބަންކޯ އިން ހަވާލުވެއްޖެ އެވެ.

އާބަންކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖާހުގެ އެޕާޓްމަންޓްތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާތީ ފުލެޓްތައް ގަނެފައިވާ މީހުންނަށް ލިބޭ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަށް މަސައްކަތް ނިންމުމަށް އާބަންކޯއިން އެޕާޓްމަންޓްތައް ނިންމަން ހަވާލުވެފައިވާ ކަމަށެވެ.

އާބަންކޯ އިން އެ ކުންފުނިން މި އެޕާޓްމަންޓްތައް ނިންމުމާ ހަވާލުވިއިރު އެޕާޓްމަންޓްތަކުގެ 91 ޕަސަންޓް މަސައްކަތް ޖާހު ކުންފުނިން ނިންމާފައިވާ ކަމަށެވެ. އެހެންވެ ޑިވެލޮޕަރު ބަދަލުކޮށް އާ ޑިވެލޮޕަރެއް ހޯދައި، މިހާރު ކުރަން ހުރި މަސައްކަތްތައް ކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށް އާބަންކޯ އިން ނުދެކޭ ކަމަށެވެ.

"މި ކޯޕަރޭޝަނުން އެ ކުންފުންޏާއި ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކްތައް ކުރިއަށް ގެންގޮސް ވީހާވެސް އަވަހަކަށް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ،" އާބަންކޯގެ ބަޔާނުގައިވެ އެވެ.

އެޕާޓްމަންޓްތައް ނިންމުމަށް ޖާހުއާ އެކު އާބަންކޯ އިން ހެދި އެއްބަސްވުމާ ގުޅޭގޮތުން އެ ކުންފުނިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އާބަންކޯ އިން އިތުރަށް ބުނީ އެ ކުންފުނީގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ހަދާފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުއާމަލާތްތައް ބަލައި ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމުން ކަމަށެވެ.

ޖާހް އިންވެސްޓްމަންޓްގެ ނަމުގައި "ދަ ގާޑަންސް" އެޕާޓްމަންޓްތައް އަޅަން ހަވާލުކުރީ 2017 ވަނަ އަހަރު އެވެ. މަސައްކަތް ނިންމަން އޭރު ދިނީ ދެ އަހަރުގެ މުއްދަތެކެވެ. އެކަމަކު އެ މުއްދަތަށް ނިންމާލެވިފައި ނުވާތީ އެކި ފަހަރު މުއްދަތު އިތުރުކޮށްދީގެންވެސް މަސައްކަތް ނިންމާފައި ނުވާތީ މިދިޔަ މަހުގެ ހަވަނަ ދުވަހު އާބަންކޯ އިން ވަނީ އެޕާޓްމަންޓްތައް ނިންމުމަށް ޖާހުއަށް 30 ދުވަހުގެ ނޯޓިސް ވެސް ދީފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އާބަންކޯއަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށްވެސް އެންގި އެވެ.

އާބަންކޯގެ ނޯޓިސްއާ އެއްގޮތަށް ޖާހު ކުންފުނިން އަމަލުކުރި ގޮތެއް ވެސް އެނގިފައެއް ނުވެ އެވެ.

ޖާހްގެ އެޕާޓްމަންޓްތައް އެޅުމުގައި އުޅޭ ބިދޭސީންނަށް މުސާރަ ނުދީގެން އެމީހުން މިދިޔަ ދެތިން މަހުގެ ތެރޭގައި މުޒާހަރާވެސް ކޮށްފައިވެ އެވެ. ދައުލަތަށް ޓެކްސް ނުދައްކާ ކުންފުނިތަކުގެ ތެރޭގައިވެސް ޖާހް އިންވެސްޓްމަންޓް ހިމެނެ އެވެ.

ޖާހްގެ އެޕާޓްމަންޓްތައް ނިންމުން ލަސްވެގެން ބައެއް މީހުން ވަނީ އެ މައްސަލަތައް ފުލުހުންނަށްވެސް ހުށަހަޅާފަ އެވެ.