އާބަން އައިލް

އާބަން އައިލް މަޝްރޫއުގައި ހިމެނޭ ހަތް އިމާރާތެއް އެޅުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ހުޅުމާލެގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" މަޝްރޫއުގައި ހިމެނޭ "ސްޕައިން" ރަމްޒުކޮށްދޭ ހަތް އިމާރާތެއް އެޅުމަށް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާ މިއަދު ހަވާލުކޮށްފި އެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ޗައިނާއަށް މިހާރު ވަޑައިގެން އުޅުއްވާ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ.

އާބަންކޯ އިން އަންދާޒާކޮށްފައިވާ ގޮތުގައި މިއިމާރާތްތަކުގެ މަސައްކަތްތަކަށް 50 މިލިއަން ޑޮލަރު -- 771 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

މި އިމާރާތްތަކަށް "ސްޕައިން"ގެ ނަމުން ނަން ދީފައިވަނީ އިމާރާތްތައް ގުޅުވާލައިގެން އަދި ތަފާތު، ހިތްގައިމު އޮނިގަނޑަކަށް އިމާރާތްތައް ހެދުމަށް ނިންމާފައިވާތީ އެެވެ.

ގާތްގަނޑަކަށް 290،000 އަކަފޫޓުގެ ސަރަހައްދެއްގައި ތިނެއް ނުވަތަ ހަތަރު ބުރިއަށް ހަދާ މި އިމާރާތްތަކުގައި ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ހިދުމަތް ދިނުމަށް ގާއިމުކުރާ ވަސީލަތްތަކުގެ އިތުރުން ބޭންކިން ހިދުމަތްތަކާއި، ވެލްނެސް ހިދުމަތްތަކާއި، ރީޓެއިލް ފިހާރަތަކާއި، މުނިފޫހިފިލުވުމަށް އެކިއެކި ވަސީލަތްތައް ގާއިމުކުރާނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި މަރުކަޒުގެ ގޮތުގައި "އާބަން އައިލް" މަޝްރޫއު ތަރައްގީކުރާއިރު އެތަނުން ތަފާތު ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.