ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ ނޮޓިފިކޭޝަން އެޕަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނެޓް ބޭންކިން އަދި ބީއެމްއެލް އެޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ "ޕުޝް ނޮޓިފިކޭޝަން" އެޕުން ފޯނަށް އަންނަ ގޮތް ހަދައިފި އެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުންކޮށްގެން ކަސްޓަމަރުންގެ އަމިއްލަ އެކައުންޓްތަކުން ކުރާ މުއާމަލާތްތަކުގެ ނޮޓިފިކޭޝަން އެޕް މެދުވެރިކޮށް ފޯނުގެ ނޮޓިފިކޭޝަން ސްކްރީނާށާއި ލޮކް ސްކްރީނަށް އަންނާނެ ކަމަށެވެ.

އެޕަލް އައިފޯން، އެޕަލް ވޮޗް، އެންޑްރޮއިޑް ޑިވައިސްތަކުގެ އިތުރުން ޓެބްލެޓަށް ވެސް މި ނޮޓިފިކޭޝަން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ނަމަވެސް، އޭޓީއެމް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ އިތުރުން އޭޓީއެމަށް ޑިޕޮޒިޓްކުރާ ފައިސާ އަދި ޗެކުތަކާއި ކާޑާގުޅޭ އެއްވެސް މުއާމަލާތަކަށް "ޕުޝް ނޮޓިފިކޭޝަން" ނުލިބޭނެ އެވެ. މިފަދަ މުއާމަލާތްތަކުގައި ނޮޓިފިކޭޝަން ލިބޭނީ ފޯނަށް އަންނަ މެސެޖެއްގެ ގޮތުގަ އެވެ.

މީގެ އިތުރުން އީމެއިލް އަށް އޯޓީޕީ ފޮނުވުން ހުއްޓާލުމުގެ ގޮތުން އޯތެންޓިކޭޓާ އެޕްތައް ބޭނުންކުރެވޭ ގޮތްވެސް ބީއެމްއެލް އިން ވަނީ ހަދާފަ އެވެ.