ބޮލީވުޑް

ފޭނުންނަށް "ޖޫމޭ ޖޯ ޕަތާން" ބަރާބަރު

ޝާހް ރުކް ޚާނާއި ދީޕިކާ ޕަދުކޯންގެ އާ ފިލްމު "ޕަތާން"ގެ ފުރަތަމަ ލަވަ "ބޭޝަރަމް ރަންގް" އަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ ގިނަ ބަޔަކު ލަވަޔާ ހިތްހަމަނުޖެހިގެން އުޅެނިކޮށް ފިލްމުގެ ދެވަނަ ލަވަ ބުރާސްފަތި ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ. އަދި ލަވަ ބަލާފައި ފޭނުން ބުނެފައިވާ ގޮތުގައި ފުރަތަމަ ލަވަޔަށް ވުރެ މި ލަވަ މާމޮޅުވެފައި ރަނގަޅެވެ.

މި ލަވައިގައި ޝާހް ރުކް ހުރީ އިސްތަށިގަނޑު ވަރަށް ދިގުކޮށްފަ އެވެ. އަދި އޭނާގެ ހަށިގަނޑު ވެސް ހުރީ ވަރަށް ވަރުގަދަކޮށް ރީތިކޮށްލާފަ އެވެ. އަދި ދީޕިކާ އާއި އޭނާގެ ކެމިސްޓްރީ ވެސް ވަރަށް ބަރާބަރު ކަމަށް ލަވަ ބެލި މީހުން ބުނެފައި ވެއެވެ.

އަންނަ ޖެނުއަރީ 23 ގައި ރިލީޒްކުރަން ތައްޔާރުވަމުންދާ "ޕަތާން"ގެ ފުރަތަމަ ލަވައަށް ވުރެ މި ލަވަ ހުރިހާ ގޮތަކުން ވެސް ރަނގަޅެވެ. އަދި ދީޕިކާ އަޅައިގެން ހުންނަ ހެދުންތައް ވެސް ތަންކޮޅެއް ބަލާލަން ކެރޭވަރު ވެއެވެ.

ވިޝާލް-ޝޭކަރް މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވަ ކިޔައިފައިވަނީ އަރިޖީތު ސިންގް އާއި ސުކްރީތީ ކައްކަރް އެވެ.

"ޕަތާން"އަކީ ހިންދޫންނާ ދެކޮޅު ޝިއާރުތަކެއް ހިމެނޭ ފިލްމެއް ކަމަށް ބުނެ ބައެއް ސިޔާސީ ޕާޓީތަކުން މި ފިލްމު އެޅުވިޔަ ނުދޭން މަސައްކަތް ކުރާނެކަމަށް ބުނެފައި ވެއެވެ. އަދި މުސްލިމުންނާ ދެކޮޅު ކަމަށް ބުނެ މުސްލިމް ބައެއް ޖަމާއަތްތަކުން ވެސް ފިލްމާ ދެކޮޅު ހަދަމުން ގެންދެއެވެ.