ބޮލީވުޑް

"ޕަޓާން"ގެ ރެކޯޑް މުގުރާލައި "އާދީޕުރުޝް" ކުރިހޯދައިފި

މިއަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ޝާހް ރުކް ޚާން އާއި ދީޕިކާ ޕަދުކޯންގެ "ޕަޓާން" ވަނީ މިހާތަނަށް އިންޑިޔާގައި ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމުގެ މަގާމު ހޯދާފަ އެވެ. އަދި މީން ޒަމާނަކުވެސް މި ފިލްމާ ވާދަކުރެވޭ ވަރުގެ ފިލްމެއް ރިލީޒް ކުރާނެކަމަށް ނުބެލެވޭ ކަމަށް ވަރަށް ގިނަ މީހުން ބުނެފައި ވެއެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޕްރަބާސް އާއި ކްރީތީ ސެނޯން އަދި ސައިފް އަލީ ޚާންގެ "އާދީޕުރުޝް" ވަނީ "ޕަޓާން" އަށް ވުރެ ރަނގަޅު ފެށުމެއް ހޯދައި އެ ފިލްމުގެ ރެކޯޑް މުގުރާލާފަ އެވެ.

"އާދީޕުރުޝް" ރިލީޒްކުރުމުގެ މާކުރިން އެ ފިލްމުގެ ނޭދެވޭ ވާހަކަތައް ދެކެވެމުން ދިޔަ އެވެ. އަދި ފިލްމުގެ ނެގެޓިވް ރިވިއުތައް ވެސް ވަރަށް ގިނަ އެވެ. މިހާތަނަށް ފިލްމު ބެލި މީހުން ވެސް ވަރަށް ހިތްހަމަނުޖެހޭ ގިނަ ކަންތައްތަކެއް ފިލްމުގައި ހުރިކަން ސޯޝަލް މީޑިއާގައި މީހުން ދައްކާފައި ހުރި ވާހަކަތަކުން ހާމަ ވެއެވެ. އެކަމަކު ފިލްމުގެ ވިޔަފާރިއަކަށް މިކަމަކުން ނޭދެވޭ އަސަރެއް ނުކުރި އެވެ.

ޝާހް ރުކްގެ "ޕަޓާން" އަށް ފުރަތަމަ ދުވަހު ލިބިފައިވަނީ 105 ކްރޯޑެވެ. ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "އާދީޕުރުޝް" އަށް ފުރަތަމަ ދުވަހު 136 ކްރޯޑުގެ ވިޔަފާރި ވެފައި ވެއެވެ.

މުޅި ދުނިޔޭގެ ރެކޯޑްތަކަށް ބަލާއިރު މިހާތަނަށް ރިލީޒްކުރި އިންޑިޔާ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު މުޅި ދުނިޔޭން އެންމެ ރަނގަޅު ވިޔަފާރިއެއް ކުރެވިފައިވަނީ "އާރްއާރްއާރް" އަށެވެ. މި ފިލްމަށް ރިލީޒްކުރި ދުވަހު 223 ކްރޯޑު ލިބިފައި ވެއެވެ. މި ލިސްޓުގެ ދެ ވަނައިގައި އޮތީ "ބަހޫބަލީ 2" އެވެ. އެ ފިލްމަށް ކުރެވިފައިވަނީ 217 ކްރޯޑުގެ ވިޔަފާރި އެވެ. "ކޭއެފްޖީ 2" އަށް 164 ކްރޯޑު ލިބުނުއިރު "ސާހޯ"އަށް 130 ކްރޯޑު ފުރަތަމަ ދުވަހު ލިބިފައި ވެއެވެ. އަދި މި ލިސްޓުގެ ފަސް ވަނައިގައި މިހާރު އޮތީ 126 ކްރޯޑު ހޯދައިގެން "އާދީޕުރުޝް" އެވެ.

"އާދީޕުރުޝް" އަށް މުގުރާލެވެނީ "ޕަޓާން" ހަދާފައިވާ ކޮންކޮން ރެކޯޑްތަކެއް ކަން އެނގޭނީ ކުރިޔަށް އޮތް ތަނުގައި ސިނަމާތަކަށް މި ފިލްމު ބަލަން މީހުން ވަންނަ ނިސްބަތަކުންނެވެ.

"އާދީޕުރުޝް" އަކީ ހިންދޫ ދީނުގެ ވާހަކައެއް ކަމަށްވާ "ރާމާޔަން"ގައި ލިޔެފައިވާ ވާހަކަތަކެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.