ބޮލީވުޑް

"އާދީޕުރުޝް" އަށް ފުރަތަމަ ދުވަހު 40-50 ކްރޯޑު ލިބޭނެ

ޕްރަބާސް އާއި ސައިފް އަލީ ޚާން އަދި ކްރީތީ ސެނޯންގެ އާ ފިލްމު "އާދީޕުރުޝް" ހުކުރު ދުވަހު ރިލީޒްކުރަން ތައްޔާރުވެފައިވާއިރު ފުރަތަމަ ދުވަހު އެކަނި ވެސް މި ފިލްމު 40-50 ކްރޯޑު ރުޕީސްގެ ވިޔަފާރި ކުރާނެ ކަމަށް އިންޑިއާގެ ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ލަފާ ކޮށްފި އެވެ.

އެމީހުން ލަފާ ކުރާ ގޮތުގައި ހަފުތާ ބަންދުގެ ތިން ދުވަހާއެކު މި ފިލްމަށް 170 ކްރޯޑުގެ ވިޔަފާރި ވާނެކަމަށް ބެލެވެ އެވެ.

އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް "ބަހޫބަލީ" އާއި "ބަހޫބަލީ 2" އަށް ލިބުނު ވަރުގެ ބޮޑު ތަރުހީބެއް ލިބޭނެކަމަށް ބެލެވެ އެވެ.

ޕްރޮޑިއުސަރު އަދި ފިލްމު ބިޒިނަސް އެކްސްޕާޓް ގިރިޝް ޖޯހަރް ބުނި ގޮތުގައި ފިލްމު ބެލުމުގެ ޝައުގުވެރިކަން އިންޑިއާގެ މީހުންގެ ހިތްތަކުގައި އޮތްވަރު ފެނިފައި ފިލްމުގެ ވިޔަފާރި ވަރަށް ރަނގަޅުވާނެ ކަމުގެ ޔަގީންކަން ވަނީ ލިބިފަ އެވެ. އެހެންވެ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ހުރި 4،000 ސިނަމާގައި މި ފިލްމު ހުކުރު ދުވަހު ރިލީޒްކުރާނެ ކަމަށް އޭނާ ބުންޏެވެ.

މި ފިލްމުގެ އާ ޓްރެއިލާ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ކަމަށް ޕްރޮޑިސަރު ބުންޏެވެ. ހާއްސަކޮށް މި ފިލްމަކީ ހިންދޫންނަށް ވަރަށް ކަމުދާނެ އަދި އެމީހުން ވަރަށް ޝައުގުވެރިކަމާއެކު ބަލާނެ ފިލްމެކެވެ. ސަބަބަކީ ފިލްމުގައި ދައްކަނީ އެމީހުންގެ ދީނީ ފޮތެއް ކަމަށްވާ "ރާމާޔަން"ގެ ވާހަކަތަކަކަށް ވާތީ އެވެ.

ފިލްމުގެ އެޑްވާންސް ބުކިންގްސް އަށް ވެސް ބޮޑު ތަރުހީބެއް ލިބެމުންދާތީ "އާދީޕުރުޝް" އަކީ މިއަހަރުގެ އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި މިހާތަނަށް އޮތް ޝާހް ރުކް ޚާންގެ "ޕަޓާން" އަށް ގޮން ޖަހާ ލެވޭ ވަރުގެ ފިލްމަކަށް ވާނެ ކަމަށްވެސް ބައެއް ޓްރޭޑް އެކްސްޕާޓުން ލަފާ ކުރެ އެވެ.