ބޮލީވުޑް

ޕްރަބާސްގެ "އަޅިޕްރޫޝް" ޓްރެއިލާއަށް ފާޑުކިޔަނީ

ޕްރަބާސް އާއި ސައިފް އަލީ ޚާން އަދި ކްރީތީ ސެނޯން ކުޅެފައިވާ "އަޅިޕުރޫޝް"ގެ ފުރަތަމަ ޓީޒާ ރިލީޒްކުރުމާއެކު ގިނަ ބަޔަކު ފިލްމަށް ފާޑުކިޔައި މަލާމާތްކޮށްފި އެވެ.

މި ފިލްމުގެ ފުރަތަމަ އިޝްތިހާރު ރިލީޒްކުރުމަށް އިންޑިއާގެ އަޔޯދިޔާގައި އާދިއްތަ ދުވަހު ވަނީ ވަރަށް ބޮޑު ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މި ރަސްމިއްޔާތުގައި މި ފިލްމުގެ ލީޑް ދެ އެކްޓަރުން އަދި މިހާރު ހަގީގީ ދެ ލޯބިވެރިން ކަމަށް ވާހަކަ ދެކެވޭ ޕްރަބާސް އާއި ކްރީތީ ވެސް ބައިވެރިވި އެވެ. ނަމަވެސް ފުރަތަމަ ޓީޒާ އާއެކު ހީނުކުރާ ވަރުގެ ބޮޑެތި ފާޑުކިޔުންތަކާ މި ފިލްމާ ވަނީ ކުރިމަތިވެފަ އެވެ.

ޓީޒާ ބަލާފައި ޕްރަބާސްގެ ފޭނުން ބުނަނީ މި އިޝްތިހާރުން އެމީހުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބިއްޖެ ކަމަށެވެ.

"އަޅިޕުރުޝް" އޮފިޝަލް ޓީޒާ

އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޕްރަބާސް ކުޅެނީ ހިންދޫ ލޯޑް ރާމާގެ ރޯލެވެ. ސައިފް މި ފިލްމުގައި ކުޅެނީ ރާވަން ކިޔާ ނުބައިބައި މީހެއްގެ ރޯލެވެ.

މި ފިލްމުގެ އިޝްތިހާރަށް ސޯޝަލް މީޑީއާގައި ފާޑުކީ ގިނަ މީހުންގެ ޝަކުވާ އަކީ ސްޕެޝަލް އިފެކްޓްސް (ވީއެފްއެކްސް)ގެ ފެންވަރު ދަށްވުމެވެ. އަދި ސައިފް ކުޅެފައިވާ ރާވަންގެ ރޯލު ވެސް އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި ފިލްމުގައި ސައިފް ހީވަނީ ރާވަންގެ ކެރެކްޓާގެ ބަދަލުގައި "ޕަދުމާވަތު"ގައި ރަންވީރު ސިންގް ކުޅުނު އަލާއުއްދީން ޚިލްޖީގެ ކެރެކްޓާ ހެން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

މި ފިލްމުގެ ވާހަކައިގެ މައްޗަށް މީގެ ކުރިން ކާޓޫނު ފިލްމެއް އުފައްދާފައި ވެއެވެ. މިއީ އެފަދަ ކާޓޫނު ފިލްމެކޭ ބުނެ ވެސް ބައެއް މީހުން ކޮމެންޓު ކޮށްފައި ވެއެވެ.

އަންނަ އަހަރު ޖެނުއަރީ 12ގައި ރިލީޒްކުރާނެ ކަމަށް އިއުލާން ކޮށްފައިވާ މި ފިލްމަށް 300 ކްރޯޑަށް ވުރެ ގިނައިން ހަރަދުކޮށްފައި ވެއެވެ. އަދި ޕްރަބާސްގެ ފަހުގެ ފިލްމުތައް ފްލޮޕްވީ ގޮތަށް މި ފިލްމު ވެސް ފްލޮޕްވެ ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް މިހާރުއްސުރެ ފޭނުން ވަނީ ބުނަން ފަށާފަ އެވެ.