ބޮލީވުޑް

"އާދީޕުރުޝް"ގެ 10،000 ޓިކެޓް ރަންބީރު ގަނެފި

ޕްރަބާސް އާއި ކްރީތީ ސެނޯން އަދި ސައިފް އަލީ ޚާން މުހިއްމު ރޯލުތައް ކުޅެފައިވާ "އާދީޕުރުޝް" އަކީ މިއަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން އިންޑިޔާގެ ގިނަ ބަޔަކު އެންމެ ކެތްތެރިކަމެއް ނެތި އެ ފިލްމަކަށްޓަކައި އިންތިޒާރުކުރާ އެއް ފިލްމެވެ.

އޯމް ރާއުތު ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޝޫޓިންގް ފެށީއްސުރެ ފިލްމާ ގުޅޭ ތަފާތު ވާހަކަތައް ދެކެވެމުން އައިސްފައި ވެއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖޫން 16 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ޝާހް ރުކް ޚާންގެ "ޕަޓާން" ވަރުގެ ބޮޑު ކާމިޔާބެއް ހޯދާނެ ފިލްމެއް ކަމަށް ލަފާ ކުރެވެ އެވެ.

ފިލްމުގެ ޓިކެޓު ގަތުމަށް މިހާރުއްސުރެ ގިނަ ބަޔަކު ހިތްނުތަނަވަސް ކަމާއެކު އިންތިޒާރު ކުރަމުންދާއިރު ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރު ވަނީ ފިލްމުގެ 10،000 ޓިކެޓް މިހާރު ވެސް ބުކް ކޮށްފަ އެވެ.

ރަންބީރު މި ޓިކެޓްތައް ހަދިޔާ ކުރާނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން 10،000 ކުއްޖަކަށް ކަމަށް ވެއެވެ. މިއީ ހިންދޫ ދީނުގެ ވާހަކަތަކެއް ކިޔައިދޭ ފިލްމަކަށް ވާތީ މިހާރުގެ ޖެނެރޭޝަނަށް މި ވާހަކަތައް އެނގުން މުހިއްމު ކަމަށް ރަންބީރު ދެކެ އެވެ. އެހާ ގިނަ ކުދިންނަށް ފިލްމު ބަލާލުމުގެ ފުރުސަތު ހޯދައިދޭން އޭނާ ނިންމީ އެހެންވެ އެވެ.

"އާދީޕުރުޝް"ގެ ޕްރޮޑިއުސަރުން ވަނީ ރަންބީރު 10،000 ޓިކެޓް ބުކްކޮށްފައިވާކަން ޔަގީން ކޮށްދީފަ އެވެ.
ޓީ-ސީރީޒް އިން ފަންޑްކޮށްފައިވާ މި ފިލްމުގެ ބަޖެޓަކީ 500 ކްރޯޑެވެ.