ބޮލީވުޑް

އާދީޕުރުޝް: މީހުންގެ ރުޅިއާއި ނަފްރަތު އިތުރުވެ ވިޔަފާރި ދަށަށް

"އާދީޕުރުޝް" އަށް ހަފުތާ ބަންދުގައި ރެކޯޑް އަދަދަކަށް ވިޔަފާރިވުމަށްފަހު ހޯމަ ދުވަހު (ފިލްމު ރިލީޒްކުރިތާ ހަތަރު ވަނަ ދުވަހު) ފިލްމުގެ ވިޔަފާރި ހީނުކުރާ ވަރަށް ވެއްޓިއްޖެ އެވެ.

ފިލްމުގެ ވިޔަފާރި އެހާ ދަށްވީ ފިލްމު ބަލާފައި ނުކުތް މީހުން ދައްކަމުންދާ ވާހަކަތަކުންނާއި އެމީހުން ރުޅިއައިސް ފިލްމަށް އެހެން މީހުންގެ ހިތުގައިވެސް ނަފްރަތު އުފެދޭ އެކި ކަހަލަ ވާހަކަތައް ދައްކަމުންދާތީ އެވެ.

ފިލްމާ ދެކޮޅަށް ވަރަށް ވަރުގަދަ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ރުޅިއައިސްފައިވާ މީހުން ވަރަށް ވަރުގަދައަށް ތަންތަނުގައި މުޒާހަރާވެސް ކުރަމުން އެބަދެ އެވެ. އަދި ފިލްމު މަނާކުރުމަށް ގޮވާލާ އަޑުވެސް ވަނީ ގަދަވެފަ އެވެ.

ފިލްމު ރިލީޒްކުރި ފުރަތަމަ ތިން ދުވަހުގެ ތެރޭގައި 220 ކްރޯޑުގެ ވިޔަފާރި ވެފައި ވިޔަސް ހުކުރު ދުވަހު ރިލީޒްކުރާ ފިލްމުތަކަށް އެންމެ ބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހެނީ ހޯމަ ދުވަހު އެވެ. ފިލްމު ކާމިޔާބުތޯ ނޫންތޯ ނިންމަނީ ހޯމަ ދުވަހުން ފެށިގެން ވިޔަފާރި ހިނގާ ގޮތެއްގެ މައްޗަށެވެ.

ކަންދިމާކުރި ގޮތުން "އާދީޕުރުޝް" އަށް ހޯމަ ދުވަހުގެ އިމްތިހާނުން ކުރި ހޯދޭ ގޮތެއް ނުވި އެވެ. ފިލްމުގެ ވިޔަފާރި ތިންގުނަ ދަށަށް ގޮސްފައިވާތީ އެވެ. ހޯމަ ދުވަހު މި ފިލްމަށް އިންޑިއާ އިން ލިބިފައިވަނީ 20 ކްރޯޑެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ބުނެފައިވާ ގޮތުގައި ހޯމަ ދުވަހު މި ފިލްމު ވަނީ "ކްރޭޝް" ވެފަ އެވެ.

"ނެގެޓިވް ވާހަކަތައް ފިލްމާ ބެހޭ ގޮތުން މީހުން ދައްކާތީ އޭގެ ނޭދެވޭ އަސަރު ފިލްމަށް ވަރަށް ބޮޑަށް ކޮށްފައިވޭ. ހަފުތާ ބަންދުގައި ވަރަށް ރަނގަޅު ވިޔަފާރިއެއް ވިޔަސް ހޯމަ ދުވަހު ފިލްމު ވަނީ އަނގަވަތަށް ވެއްޓިފައި،" ތަރަން ލިޔެފައި ވެއެވެ.

މި ފިލްމާ މެދު މީހުން ހިތްހަމަނުޖެހިގެން އުޅެނީ މި ފިލްމުގައި ދައްކަނީ ހިންދޫ ދީނުގެ ވާހަކަތަކަކަށް ވެފައި ހިންދޫ ގަބޫލުކުރާ ގަބޫލުކުރުންތަކާ ފިލްމުގައި ދައްކާ ކަންތައްތައް ފުށުއަރާތީ އެވެ.

ނޭޕާލްގައި މި ފިލްމު ދެއްކުން މުޅިން މަނާ ކޮށްފައިވާއިރު އިންޑިއާގެ އެކި ސްޓޭޓްތަކުގައި ވެސް ފިލްމު މަނާ ކޮށްދިނުމަށް އެދި ގިނަ ބަޔަކު މަގުތަކަށް ނުކުމެ ހަޅުތާލުކުރަމުން އެބަގެންދެ އެވެ. އަދި ފިލްމުގެ ވާހަކަ ލިޔުނު ލިޔުންތެރިޔާ މަނޯޖް މުންތަޝިރް ޝުކުލް އަށާއި ޑައިރެކްޓަރު އޯމް ރާއުތު އަށް މަރުގެ އިންޒާރުތައް ލިބެމުންދާތީ އެމީހުންނަށް މުމްބައި ފުލުހުން ސެކިއުރިޓީ ދީފައިވެ އެވެ.

ޕްރަބާސް އާއި ކްރީތީ ސެނޯން އަދި ސައިފް އަލީ ޚާން ލީޑް ރޯލުތައް ކުޅެފައިވާ މި ފިލްމުގެ ބައެއް ޑައިލޯގްތައް ވެސް ހިންދޫން ހިތްހަމަނުޖެހޭ ގޮތަށް ހުރިކަމަށް ބުނެ އެމީހުން އެކަމާވެސް އަޑުގަދަކުރަމުން އެބަގެންދެ އެވެ.

"އާދީޕުރުޝް" އަކީ 500 ކްރޯޑުގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި މި ފިލްމުގެ ވިޔަފާރި މާބޮޑަށް ދަށްވެއްޖެނަމަ ފިލްމު ފްލޮޕްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.