ބޮލީވުޑް

"ކަލްކީ 2898 އޭޑީ" އަށް ސިނަމާ ތަކުގައި ބޮޑު ކާމިޔާބީއެއް

ބޮލީވުޑްގެ ގިނަ މަޝްހޫރު ތަރިންނެއް ހިމެނޭ ބިރުވެރި ފިލްމު "ކަލްކީ 2898 އޭޑީ" އަށް ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.

ފިލްމު ރިލީޒް ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު އެވެ. މިހާތަނަށް މި ފިލްމަށް ބޮކްސް އޮފީހުގައި 506.87 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.

ފިލްމު ރިލީޒް ކުރި ދުވަހު އެކަނިވެސް އެ ފިލްމު ވަނީ 95.3 ކްރޯޑް ރުޕީސް ހޯދާފަ އެވެ. 3-ޑީ ކޮށް ބަލައިލެވޭ މި ފިލްމަކީ ހިންދީ ފިޔަވާ ބައެއް އެހެން ބަސްތަކުން ވެސް އަޑުއަޅާފައިވާ ފިލްމެކެވެ.

ނަގް އަޝްވިންގެ މި ފިލްމަކީ އިންޑިއާގައި ހަދާފައިވާ އެންމެ އަގު ބޮޑު ފިލްމު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ މި ފިލްމުގެ ބަޖެޓުގެ ގޮތުގައި 600 ކްރޯޑް ރުޕީސް ހޭދަކޮށްފައިވާތީ އެވެ.

ވިޖަޔަންތީ މޫވީޒް ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުގެ ތަރިންގެ ތެރޭގައި އަމީތާބް ބައްޗަންއާއި، ކަމާލް ހަސަން، ދިޕިކާ ޕަޑުކޯން، ޕްރަބާސް، ދިޝާ ޕަޓާނީ، ސަސްވާތާ ޗެޓަޖީ އަދި ޝޯބާނާ ހިމެނެ އެވެ.

ދާދި ފަހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފިލްމު އުފެއްދި ނަގް ބުނެފައިވަނީ އެއް ފިލްމުން ނިންމާލަން ފުރަތަމަ ބޭނުން ވިޔަސް، އޭނާގެ މައިގަނޑު ހަތަރު ކެރެކްޓާ -- ބައިރަވާ (ޕްރަބާސް)، އެސްޔޫ-އެމް80 (ދީޕިކާ)، އަޝްވަތަމާ (އަމީތާބް) އަދި ސުޕްރީމް ޔާސްކިން (ކަމަލް) އަށް އިންސާފު ހޯދައިދޭން އޭނާ ބޭނުންވާ ކަމަށެވެ.

"އަހަރެންނަށް ވިސްނުނީ އެންމެ ފިލްމަކަށް ހަތަރު ކެރެކްޓަރުން ނުފެއްތޭނެ ކަން. އެކަމުގައި ގޮންޖެހުންތަކެއް ކުރިމަތިވި. އަދިވެސް ގިނަ އެކްޝަންއާއި ބެކްސްޓޯރީ އެބަހުރި. އެ ވާހަކަތައް އަންނާނީ ސީކުއެލްގައި،" އޭނާ ބުނެފައިވެ އެވެ.