ބޮލީވުޑް

ޕްރާބާސް އާއި ދީޕިކާގެ ފިލްމުގައި އަމީތާބު ބައިވެރިވެއްޖެ

ވީޖަޔަންތީ މޫވީސްއިން އުފައްދާ 50 ވަނަ ފިލްމުގެ ތަރިންނަކީ ސައުތު އިންޑިއާގެ ސްޕަސްޓާރެއް ކަމަށްވާ ޕްރަބާސް އާއި ދީޕިކާ ޕަދުކޯން ކަން ތަންކޮޅެއް ކުރިން ވަނީ އިއުލާން ކޮށްފަ އެވެ. ޚުދް ދީޕިކާ އަކީ ވެސް ސުޕަސްޓާރެއް ކަމުން މި ފިލްމަކީ ވަރަށް ބިޔަ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިން ވެސް އޮތީ ބެލެވިފަ އެވެ.

މި ފިލްމުގައި އަމީތާބު ބައްޗަން ވެސް ބައިވެރިވާކަން އެ ކުންފުނިން ހުކުރު ދުވަހު ވަނީ އިއުލާން ކޮށްފަ އެވެ. އަދި ޚުދް އަމީތާބު ވެސް ވަނީ ފިލްމުގައި ބައިވެރިވާން ފުރުސަތު ދިނީތީ ވިޖަޔަންތީ މޫވީޒް އަށް ޝުކުރު އަދާކޮށް ޓުވީޓްކޮށްފަ އެވެ.

އަމީތާބުގެ ޓުވީޓްގައި ބުނެފައިވާ ގޮތުގައި ވީޖަޔަންތީ ފިލްމްސް އިން އުފައްދާ 50 ވަނަ ފިލްމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ނާގް އަޝްވިން އެވެ. އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ނާގް އަޝްވިން ބުނި ގޮތުގައި އަމީތާބަށް ލިބިފައިވާ އެތައް ބައިވެރިވި ފުރުސަތުތަކުގެ ތެރެއިން އެ ފިލްމު ޚިޔާރު ކުރީތީ ވަރަށް އުފާވެއްޖެ އެވެ. މި ފިލްމުގައި އަމީތާބުގެ ރޯލު ވަރަށް ވަރުގަދަވާނެ ކަމަށް ޑައިރެކްޓަރު ބުންޏެވެ.

ޕްރަބާސް ލީޑް ރޯލު ކުޅުނަސް މި ފިލްމުގައި އަމީތާބު ކުޅޭ ރޯލަށް ވެސް އެކަށީގެންވާ ގޮތެއްގައި އިންސާފު ކޮށްދޭން މަސައްކަތް ކުރާނެ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ. މި ފިލްމަކީ ތިން ވަނަ ބޮޑު ހަނގުރާމަ އަށް ބިނާކޮށް އުފައްދާ ސައިންސް ފިކްޝަން ޑްރާމާއެއް ކަމަށް އިންޑިޔާގެ ބައެއް މީޑިއާ ތަކުން ބުނެފައި ވެއެވެ.

އަމީތާބާއި ދީޕިކާ މީގެ ކުރިން "ޕީހޫ" ގައި ދެ ބަފައިންގެ ރޯލު އަދާ ކޮށްފައި ވެއެވެ. ނަމަވެސް ޕްރަބާސް އާއެކު އަމީތާބު ވެސް އަދި ދީޕިކާ ވެސް ކުޅޭ މިއީ ފުރަތަމަ ފިލްމެވެ.