ފިނިޕޭޖް

ދީޕިކާ ޕަދުކޯން އާއި ޕްރަބާސްގެ ފިލްމެއް

"ސަހޯ" ގެ ބަތަލު ޕްރަބާސްގެ އާ ފިލްމެއް އިއުލާން ކުރަން ތައްޔާރު ވެއްޖެ އެވެ. އެތައް ބަހަކުން ތައްޔާރުކުރާ މި ފިލްމުގެ ބަތަލާއަކަށް ހަމަޖެހިފައި ވަނީ ދީޕިކާ ޕަދުކޯން ކަމަށް ޚަބަރުތައް ބުނެ އެވެ.

"ސާހޯ"އަށް ފަހު ޕްރަބާސް މަސައްކަތް ކުރަމުން ދަނީ ޕޫޖާ ހެގްޅޭ އާއެކު ކުޅޭ "ރާދޭ ޝާމް" ގައެވެ. ދާދިފަހުން ވަނީ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ރިލީޒް ކޮށްފަ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޕްރަބާސް ދީޕިކާ އާއެކު ކުޅެން ހަމަޖެހިފައިވާ ފިލްމަކީ ތެލުގޫ ފިލްމެކެވެ. ނަމަވެސް ހިންދީ ބަހުން އަޑު އަޅައިގެން ވެސް މި ފިލްމު ނެރޭނެ އެވެ. ޕްރަބާސް އަކީ ސައުތު އިންޑިޔާގައި ސުޕަސްޓާރަކަށް ވެފައި ދީޕިކާ އަކީ ބޮލީވުޑްގެ ސުޕަސްޓާރަކަށް ވާތީ މި ދެ ތަރިން އެކުގައި ފިލްމަކުން ދެކިލުމަށް ވަރަށް ގިނަ ބަޔަކު ބޭނުން ވެއެވެ.

ވަރަށް އަވަހަށް ރަސްމީކޮށް މި ފިލްމު އިއުލާން ކުރާނެ ކަމަށާއި ފިލްމު ޑައިރެކްޓްކުރަނީ ނާގް އަޝްވިން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. މި ފިލްމަކީ ސައިންސް ފިކްޝަން ފިލްމެކެވެ.

ވަރަށް ބޮޑު ބަޖެޓަކުން އުފައްދަން ހަމަޖެހިފައިވާ މި ފިލްމު ރިލީޒްކުރަން ހަމަޖައްސާފައިވަނީ އަންނަ އަހަރު އެވެ.