ބޮލީވުޑް

ޑިޕްރެޝަން ދިމާވުމުން ދިރިއުޅުމުގެ އުންމީދު ކެނޑުނު: ދީޕިކާ

އަމީތާބު ބައްޗަން ހޯސްޓްކުރާ ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ"ގެ އެޕިސޯޑެއްގައި ދާދިފަހުން ކޯރިއޮގްރާފަރު ފަރާ ޚާން އާއެކު ދީޕިކާ ޕަދުކޯން ބައިވެރިވެފައި ވެއެވެ. މި ޝޯގައި ދީޕިކާ ވަނީ ޑިޕްރެޝަންގެ މައްސަލަތައް ދިމާވުމުން އޭނާ އަށް ކުރިމަތިވި އުނދަގޫތައް އަމީތާބަށް ކިޔައިދިފަ އެވެ.

ދީޕިކާ ބުނި ގޮތުގައި އޭނާގެ ޑިޕްރެޝަން ހުރިކަން އެނގުނީ 2014 ގައެވެ. އަދި މި މައްސަލަ ހުންނަ މީހުން އެ ވާޙަކަ ދައްކަން ފަސްޖެހޭތީ ވަރަށް ހައިރާންވާ ކަމަށް ދީޕިކާ ބުންޏެވެ.

"އެ ދުވަސްވަރު އަހަންނަށް ބުނަން ނޭނގޭ ހުސްކަމެއް ހަޔާތުގައިވާކަން އިހްސާސްވި. އަދި އެއްވެސް މީހަކު އަހަރެން ދެކެ ލޯބި ނުވެޔޭ ހީވި،" ދީޕިކާ ބުންޏެވެ.

ދީޕިކާ ބުނި ގޮތުގައި އެ ދުވަސްވަރު ބޭރަށް ގޮސް އުޅޭކަށް ވެސް އޭނާ ބޭނުމެއް ނުވެ އެވެ. ފިލްމު ޝޫޓިންގްތަކަށް ދާހިތެއް ވެސް ނުވެ އެވެ.

"މިއީ އަސްލު ބުނަން ރަނގަޅު އެއްޗެއްނޫންކަން ވެސް އެނގޭ. އެ ދުވަސްވަރު ބައެއް ފަހަރު ހިތަށް އެރި ދިރިއުޅުމުގެ ބޭނުމެއް ނެތޭ ވެސް. އަދި ދިރިއުޅުމުގެ އެއްވެސް މަގްސަދެއް ނެތް ކަމަށް ވެސް އިހްސާސް ކުރެވުނު،" އަމީތާބަށް މި ވާހަކަތައް ކިޔައިދެމުން ދީޕިކާ ބުންޏެވެ.

އޭނާއަށް ދިމާވެގެން އުޅެނީ ޑިޕްރެޝަންގެ މައްސަލަތައް ކަން އެނގުނީ ކިހިނެއްތޯ އަމީތާބު ސުވާލުކުރުމުން ދީޕިކާ ބުނީ އެކަން ވެސް އެނގުނީ އެކްސިޑެންޓަކުން ކަމަށެވެ.

"އަހަރެންގެ މައިންބަފައިން ދިރިއުޅެނީ ބެންގަލޫރޫގަ. އެމީހުން އެއް ފަހަރު އަހަރެން ކައިރިއަށް މުމްބައި އަށް އައިސް ތިބެފައި އެނބުރި ރަށަށް ދާން ފުރަން ނުކުންނަން ދިޔަ ވަގުތު އަހަރެންނަށް ކުއްލިއަކަށް ބޭއިޚްތިޔާރުގައި ވަރަށް ބާރަށް ރޯން ފެށުނީ. އެވަގުތު މަންމައަށް އިހްސާސްވި ކޮންމެވެސް ކަމެއް ގޯސްކަން. އަހަރެން ރުއި ގޮތުން މަންމައަށް ވިސްނުނު ހުރިހާ ކަމެއް ރަނގަޅުނޫންކަން. އަހަރެން ރޮނީ އެހީއަށް އެދިއޭ މަންމައަށް ހީވި. އެހެންވެ އަވަހަށް ސައިކޭޓްރިސްޓަކަށް ދައްކަން މަންމަ އެދުނު. މަންމަ ބުނި ގޮތަށް އަހަރެން ޑޮކްޓަރަށް ދެއްކުމުން އެނގުނީ ޑިޕްރެޝަންގެ މައްސަލައެއްކަން ދިމާވެގެން އުޅެނީ،" ދީޕިކާ ބުންޏެވެ.

ދީޕިކާ ބުނި ގޮތުގައި ޑޮކްޓަރުގެ ބޭސް ފަރުވާއިން އޭނާ ރަނގަޅުވާން އެތައް މަހެއް ނެގި އެވެ. އަދި ރަނގަޅުވިޔަސް ނަފްސާނީ މައްސަލަތަކަކީ ދުވަހަކުވެސް ހަނދާން ނައްތާ ނުލެވޭ މައްސަލަތަކެއް ކަމަށް އޭނާ ބުންޏެވެ.

ޑިޕްރެޝަން އިން ރަނގަޅުވުމާއެކު ދީޕިކާ ވަނީ އޭނާއަށް ދިމާވި ކަންކަން މުޅި ދުނިޔެއާ ހިއްސާ ކޮށްފަ އެވެ. އަދި ފައުންޑޭޝަނެއް ގާއިމްކޮށް އެފަދަ އެތައް ހާސް ބަޔަކަށް މިކަމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގައިދިނުމުގެ އިތުރުން ބޭސް ފަރުވާއަށް ވެސް ދީޕިކާ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

ފިލްމީ ރޮނގުން ބަލާއިރު ދީޕިކާ އަތުގައި ވަރަށް ރަނގަޅު ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ޝާހް ރުކް ޚާނާއެކު ކުޅޭ "ޕަތާން" އެވެ. އަދި ރިތިކް ރޯޝަން އާއެކު "ދަ ފައިޓާ"، އަމީތާބާއެކު "ދި އިންޓާން"، ޕްރަބާސް އާއެކު "ޕްރޮޖެކްޓް ކޭ"، ޑައިރެކްޓަރު ޝަކުން ބަޓްރާގެ އަދި ނަމެއް ހަމަނުޖެހޭ ފިލްމެއް އަނަންޔާ ޕާންޑޭ އާއި ސިދާންތު ޗަތުރަވޭދީ އާއެކު ދީޕިކާ ދަނީ ކުޅެމުންނެވެ.