ބޮލީވުޑް

ކޭބީސީގެ ސެޓުގައި އަމީތާބުގެ ފަޔަށް އަނިޔާވެ ހޮސްޕިޓަލަށް

އަމީތާބު ބައްޗަން ހޯސްޓްކުރާ "ކޯން ބަނޭގާ ކްރޯޅްޕަތީ" (ކޭބީސީ)ގެ ސެޓުގައި ދިމާވި އެކްސިޑެންޓެއްގައި އަމީތާބަށް ވަރަށް ބޮޑަށް އަނިޔާވެ ވަގުތުން ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެ އެވެ.

މި އެކްސިޑެންޓުގައި ވަނީ އަމީތާބުގެ ފައިގެ މައި ނާރެއް ބުރިވެފަ އެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް ލޭ މަނާކުރުމަށްފަހު މިހާރު ވަނީ ފަހާފަ އެވެ.

އަމީތާބުގެ ބްލޮގްގައި މި އެކްސިޑެންޓުގެ ވާހަކަތައް ލިޔެފައިވެ އެވެ. އޭނާ ލިޔެފައިވާ ގޮތުގައި ފައި ކަނޑައިގެން ދިޔައީ ދަގަނޑު އެތިކޮޅެއްގައި އަޅައިގަނެގެންނެވެ. އަދި ފައި ކަނޑައިގެން ދިޔައިރު ނާރެއް ބުރިވުމުން ލޭ މަނާ ނުކުރެވިގެން އަވަހަށް ހޮސްޕިޓަލަށް ދާން ޖެހުނީ ކަމަށް ވެސް އޭނާ ލިޔެފައިވެ އެވެ.

އަމީތާބު އިތުރަށް ބުނެފައިވާ ގޮތުގައި "ކޭބީސީ"ގެ ކޮންމެ އެޕިސޯޑެއް ޝޫޓްކުރަން 3-4 ގަޑިއިރު ނަގަ އެވެ. އެހެންވެ ފައިގައި އަޅާ ވޭނުން އެ ޝޯގެ ޝޫޓިން ކުރިއަށް ގެންދާކަށް އެހާ ފަސޭހައެއް ނުވި އެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި ޝޫޓިން ނިންމި ކަމަށް އޭނާ ބުނެފައި ވެއެވެ.

"ކޮޅަށް ނުހުރުމަށާއި މާބޮޑަށް އެ ފައި ހަރަކާތް ނުކުރުމަށް އަދި ފަޔަށް ބާރުވާ ކަހަލަ ކަންކަން ނުކުރުމަށާއި ޓްރެޑްމިލް އަށް ވެސް އަދި ނާރަން ޑޮކްޓަރުން އަންގާފައިވޭ. ކުރާނެ ކަމެއް ނެތް އެމީހުން ބުނާ ގޮތެއް ވެސް ހަދަން ޖެހޭނީ،" އަމީތާބުގެ ބްލޮގްގައި އޭނާ ލިޔެފައިވެ އެވެ.

ފިލްމީ ރޮނގުން ބަލާއިރު އަމީތާބުގެ "ބްރަމަސްތުރަ" ރިލީޒްކޮށް ބޮޑު ކާމިޔާބެއް ވަނީ ހޯދާފަ އެވެ.

މިހާރު އޭނާ ތައްޔާރުވަމުންދަނީ "އޫންޗާއީ" ރިލީޒް ކުރުމުގެ ކުރިން ކުރަން ޖެހޭ ޕްރޮމޯޝަންގެ މަސައްކަތް ތަކަށެވެ.

ސޫރަޖް ބަރްޖަތިޔާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ނޮވެމްބަރު 11 ވަނަ ދުވަހު ޕްރިމިއާ ކުރަން ވަނީ ހަމަޖެހިފަ އެވެ.