ބޮލީވުޑް

ކޭބީސީ: ޖަޔާ ދެއްކި ވާހަކައިން އަމީތާބު ރޮއްވާލައިފި

އަމީތާބު ބައްޗަންގެ 80 ވަނަ އުފަން ދުވަހާ ދިމާކޮށް އޭނާ ހޯސްޓްކުރާ ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ 14" (ކޭބީސީ 14)ގެ ޚާއްސަ އެޕިސޯޑެއް ދައްކަން ވަނީ ހަމަޖެހިފަ އެވެ.

އޮކްޓޯބަރު 11 ވަނަ ދުވަހު ދައްކާ މި އެޕިސޯޑުގައި ބައިވެރިވަނީ އަމީތާބުގެ އަންހެނުން ޖާޔާ ބައްޗަން އާއި ދަރިފުޅު އަބީޝެކް ބައްޗަން އެވެ.

ސޮނީން މިހާރު ދައްކަމުންދާ މި ޝޯގެ ޕްރޮމޯޝަނަލް ވީޑީއޯއެއްގައި ފެންނަނީ ޖާޔާ ޝޯގައި ބައިވެރިވެ ދައްކާ ވާހަކައަކުން އަމީތާބު ޖަޒުބާތުގައި ޖެހި ރޯ ތަނެވެ.

މި އެޕިސޯޑު ޝޫޓްކުރަން ތައްޔާރުވީއިރު ޝޯގައި ޖާޔާ އާއި އަބީޝެކް ބައިވެރިވާ ކަމެއް އަމީތާބަކަށް ނޭނގެ އެވެ. މިއީ އޭނާއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން ޝޯގެ ޕްރޮޑިއުސަރުން އޭނާއަށް ސިއްރުން ރާވާފައި އޮތް ކަމެކެވެ.

އެހެންވެ ކުއްލިއަކަށް އަބީޝެކް އައުމުން އަމީތާބު ވަރަށް ހައިރާންވެ އުފަލުން ގޮސް ފެންކަޅިވީ ތަން ފެނުނެވެ. އަދި އަބީޝެކް ހޮޓްސީޓުގައި އިށީނދެފައި އޭނާއާ އެކު ގޭމްގައި ބައިވެރިވާން އޭނާގެ މަންމައަށް ދައުވަތު ދިނުމުން އަމީތާބު ވަކިން ބޮޑަށް ހައިރާންވި އެވެ.

އޯޑިއަންސްގައި ތިބި މީހުންނާ ވާހަކައެއް ހިއްސާކޮށްލަން ބޭނުންކަމަށް ގޭމްގެ ވަކި ހިސާބަކުން ޖާޔާ ބުނެ އެވެ. އަދި ޖާޔާ ކިޔައިދިން ވާހަކައިން އަމީތާބަށް ރޮވުނުއިރު އަބީޝެކް އިނީ ހަމަ ހިމޭނުންނެވެ. ނަމަވެސް ޖާޔާ ބުނި އެއްޗެއް މި ޕްރޮމޯގައި ދައްކާފައެއް ނުވެ އެވެ.