ބޮލީވުޑް

އަމީތާބު ހަރުފަ ދެކެ ގަންނަނީ އަމަށަކު ބިރެއް ނޫން!

އަމީތާބު ބައްޗަން ހޯސްޓްކުރާ ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ"ގެ 14 ވަނަ ސީޒަން މިހާރު ދަނީ ދައްކަމުންނެވެ.

މި ޝޯގައި އަމީތާބު ގެންދަނީ އޭނާގެ ހޯސްޓްކުރުމުގެ ކުޅަދާނަކަން ދެއްކުމުގެ އިތުރުން އަމިއްލަ ތަޖުރިބާތައްވެސް ޝޯގެ ބައިވެރިންނާ ހިއްސާ ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގައި ދެއްކި އެޕިސޯޑެއްގައި ބައިވެރިވި މީހެއް ގާތު އަމީތާބު ބުނި ގޮތުގައި އޭނާއަކީ ހަރުފަ ދެކެ އާދަޔާޚިލާފަށް ބިރު ގަންނަ މީހެކެވެ.

ނަވީން ކުމާރު ނަމަކަށް ކިޔާ މި ކޮންޓެސްޓެންޓަށް ހުށަހެޅުނު ސުވާލެއްގައި ގެރިއަކާއި ހަރުފައެއް އަދި މިނިކާވަގަކާއި ބަކައްޓެއްގެ ފޮޓޯ ދެއްކި އެވެ. މި ސުވާލު ޖަވާބު ނަވީން ދިނީ ރަނގަޅަށެވެ. އޭނާ ޖަވާބު ދިނުމާއެކު އެ ފޮޓޯތަކުގެ ތެރެއިން ހަރުފައިގެ ފޮޓޯ ފޮހެލަން އަމީތާބު އެދުނެވެ.

އަމީތާބު ބުނި ގޮތުގައި އޭނާ ހަރުފަ ދެކެ ގަންނާކުރައްވާ ބިރުން ހަރުފައެއް ފެންނަ ކޮންމެ ފަހަރަކު ހުން އާދެ އެވެ. އަދި އޭނަގެ ޕްރޮފެޝަންގެ ގޮތުން ހަރުފައާ މުޅީން ދުރުގައި އުޅުމަކީ ވެސް ކުރެވޭ ވަރުގެ ކަމަކަށް ނުވާ ކަމަށް އަމީތާބު ބުންޏެވެ.

"ބައެއް ފިލްމުތަކުގައި އެބަހުރޭ ހަރުފައާއެކު ނަގަން ޖެހޭ މަންޒަރުތައް. ހަރުފަޔާ ވާހަކަ ދައްކާ އަދި އެ ސޮރު ކައިރީގައި އަހަރެންގެ ގައިގައި ދަތް ނާޅާށޭ ބުނަން ޖެހޭ ކަހަލަ މަންޒަރު ވެސް އެބަ ކުޅެން ޖެހޭ،" އަމީތާބު ބުންޏެވެ.

މިފަދަ އެއް މަންޒަރެއް ނެގި ދުވަހެއްގެ ހަނދާން އާކުރަމުން އަމީތާބު ކިޔައިދިން ގޮތުގައި އެއްފަހަރަކު ޝޫޓިންގްގައި އޭނާގެ މޭމަތީގައި ހަރުފައެއް ބައިންދައިގެން މަންޒަރެއް ޝޫޓްކުރި އެވެ.

"އަހަރެން ބިރުން ގޮސް މަރުނުވީ ކިރިޔާ. އަހަރެން ބުނިން އެމީހުން ކައިރީ އަހަންނަކަށް ތިކަމެއް ނުވާނޭ. އަދި ޑައިރެކްޓަރު ކައިރީ އަހަރެން ބުނިން ތި މަންޒަރެއް ކުޅޭކަށް އަހަންނަކަށް ލާހިކެއް ނޫނޭ. ދެން ޑައިރެކްޓަރު ބުނި ރަބަރު ހަރުފައެއް މޭ މަތީ ބައިންދައިން އެ މަންޒަރު ކުޅޭނިއްޔޭ. އެހެންވެ އަހަރެން އެގޮތަށް އެއްބަސްވީ،" އަމީތާބު ބުންޏެވެ.

އަމީތާބު އެ ހަރުފައާއެކު މަންޒަރު ޝޫޓްކޮށް ނިމުނު ފަހުން އެސިސްޓެންޓް ޑައިރެކްޓަރަކަށް އުޅޭ މީހަކު އައިސް އޭނާ ކައިރީއިގަ އެއީ ރަބަރު ހަރުފައެއް ނޫން ކަމަށާއި އަސްލު ހަރުފައެއް ކަމަށް ބުނި ކަމަށެވެ. އަދި އެކަން އެނގުމާއެކު ވީގޮތެއް ބުނެދޭން ވެސް ނޭނގޭ ކަމަށް އަމީތާބު ބުންޏެވެ.

ފިލްމީ ރޮނގުން ބަލާއިރު އަމީތާބު މިހާރު ކުޅޭ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރާނީ "ގުޑްބައި" އެވެ. މި ފިލްމުގައި އަމީތާބާއެކު ބައިވެރިވަނީ ރަޝްމިކާ މަންދަނާ އާއި ނީނާ ގުޕްތާ އެވެ.

އަމީތާބުގެ ފިލްމުތަކުގެ ތެރެއިން ސޫރަޖް ބަރްޖަތިޔާ ޑައިރެކްޓްކުރާ "އޫންޗާއީ" އާއި ވެސް ނޮވެމްބަރު 11 ގައި ރިލީޒްކުރަން ހަމަޖެހިފައި ވެއެވެ. މި ފިލްމުގައި އަނޫޕަމް ކޭރާއި ޕަރިނީތީ ޗޯޕްޅާ އަދި ބަމަން އިރާނީ ވެސް ބައިވެރިވެ އެވެ.