ބޮލީވުޑް

އާމިރު "ކޭބީސީ" ޕްރޮމޯޓް ނުކުރާތީ އަމީތާބު ޝަކުވާކޮށްފި

އަމީތާބު ބައްޗަން ހޯސްޓްކުރާ މަޝްހޫރު ކުއިޒް ޝޯ ކޯން ބަނޭގާ ކްރޯޅްޕަތީ (ކޭބީސީ) ގެ 14 ވަނަ ސީޒަން އަންނަ ހަފުތާގައި ފަށަން ވަނީ ހަމަޖެހިފަ އެވެ.

އޮގަސްޓް ހަތެއްގައި ދައްކަން ހަމަޖެހިފައިވާ މިފަހަރުގެ ސީޒަންގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވަނީ ބޮލީވުޑްގެ "މިސްޓަ ޕާފެކްޝަނިސްޓް"ގެ ނަމުން މަޝްހޫރުވެފައިވާ އާމިރު ޚާނެވެ.

މި އެޕިސޯޑުގެ ޕްރޮމޯ މިހާރު ދައްކަން ފަށާފައިވާއިރު އެ އިޝްތިހާރުގައި ފެންނަނީ އަމީތާބާއި އާމިރުގެ މެދުގައި ބަދަލުކުރެވޭ މަޖާ ވާހަކަ ތަކެކެވެ.

މީގެން އެއް ޕްރޮމޯއެއްގައި އާމިރު ޓުވިޓާގައި އުޅޭ ވާހަކަ އަމީތާބު ދައްކަ އެވެ. އާމިރު ބުނަނީ އޭނާ ޓުވިޓާ އެކައުންޓަށް ލޮގިން ވަނީ ހާލަކު ފަހަރަކު ކަމަށެވެ. އެވެސް ރައްޓެއްސެއްގެ ފިލްމެއް ރިލީޒްވާން ކައިރިވުމުން އެ ފިލްމެއް ޕްރޮމޯޓް ކޮށްލަ ދިނުމަށެވެ.

އާމިރު ދެއްކި ވާހަކައަށް ޖަވާބު ދެމުން އަމީތާބު ބުނަނީ ޓުވިޓާގައި އެތައް ފިލްމެއް ޕްރޮމޯޓްކޮށްދިނުމުގެ މަސައްކަތް އާމިރު ކުރަމުންދާއިރު ދުވަހަކުވެސް "ކޭބީސީ" ޕްރޮމޯޓް ނުކުރާ ކަމަށެވެ.

އަމީތާބު މިހެން ބުނުމުން އާމިރު ކުޑަކޮށް ލަދުގަންނަ ގޮތެއް ވިއެވެ. ނަމަވެސް ވަރަށް އަވަހަށް މޮޅު ޖަވާބެއް ދިނެވެ. އާމިރު ބުނީ "ކޭބީސީ" ޕްރޮމޯޓްކުރުމުގެ ބޭނުމެއް ނެތް" ކަމަށެވެ. އެއަށް ވުރެ ޝޯ މާ މަޝްހޫރު ކަމަށެވެ.

އާމިރުގެ މި ޖަވާބުން އަމީތާބުގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ.