ބޮލީވުޑްގެ އެއްވަނަ ދަރަޖައިގެ އެކްޓަރުން ލައިގެން ބޮޑެތި ބަޖެޓްތައް ޚަރަދުކޮށްގެން އުފެއްދި ވަރަށް ގިނަ ފިލްމުތަކެއް މި ފާއިތުވަމުންދާ 2022 ވަނަ އަހަރު ރިލީޒްކޮށްފައި ވެއެވެ.
މި ފިލްމުތަކަކީ ރިލީޒްކުރުމުގެ ކުރިން ވަރަށް ގިނަ ބަޔަކު ކާމިޔާބުވާނެ ކަމަށާއި ބަލާހިތްވާ ކަހަލަ ފިލްމަށް ވާނެކަމަށް އުންމީދުކުރި ފިލްމު ތަކެކެވެ. ފިލްމު އުފެއްދުމާއި ޕްރޮމޯޝަނަށް ފިލްމުގެ ޕްރޮޑިއުސަރުން ގިނަ އަދަދެއްގެ ފައިސާ އޮއްސާފައިވަނީ ފިލްމު ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަގީންކަމާ އެކުގަ އެވެ. ނަމަވެސް ފިލްމު ރިލީޒްކުރުމާއެކު ފިލްމުގައި ބައިވެރިވި އެކްޓަރުންނާއި ޕްރޮޑިއުސަރުންނަށް ވެސް ލިބުނީ ބޮޑު މާޔޫސްކަމަކާއި ހިތްދަތި ކަމެކެވެ. އުންމީދުކުރިވަރާ ގާތަށް ވެސް ފިލްމުތައް ނުހިނގައި ފިލްމަށް ބޮޑު ގެއްލުމަކާ ކުރިމަތިވީމަ އެވެ.
މިއަހަރު އެންމެ ބޮޑު ނާކާމިޔާބެއް ކުރިމަތިވި އެކްޓަރުންގެ ލިސްޓުގެ ކުރި ލިބެނީ ރަންވީރު ސިންގް އަށެވެ. އޭނާގެ "ސާކަސް" އާއި "ޖަޔޭޝްބާއީ ޖޯރްދާރް" އަށް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބެއް ލިބިފައިވާތީ އެވެ. "ޖަޔޭޝްބާއީ ޖޯރްދާރް" އުފެއްދީ 83 ކްރޯޑުގެ ބަޖެޓަކުންނެވެ. ފިލްމަށް މުޅިއެކު ލިބިފައިވަނީ 26 ކްރޯޑެވެ.
ފިލްމު އޯޓީޓީ ޕްލެޓްފޯމެއްގައި ރިލީޒްކުރުމުން ރަނގަޅު ތަރުހީބެއް ބެލުންތެރިން ދީފައި ވެއެވެ. އެހެންވެ ފިލްމަށް ލިބުނު ގެއްލުން ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ އެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިން ރިލީޒްކުރި "ސާކަސް" ވެސް ވަނީ ބޮމެއް ހެން ގޮވާފަ އެވެ. ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ބެލުންތެރިންނާއި ކްރިޓިކްސް ވެސް ބުނީ ނޫނެކޭ އެވެ.
"ދާކަޅް" ފްލޮޕްވެ ކަންގަނާ ރަނާވަތު ވެސް ނާކާމިޔާބު ލިސްޓުގައި މިއަހަރު ވަނީ ހިމެނިފަ އެވެ. މި ފިލްމު ވެސް އުފެއްދީ 85 ކްރޯޑުގެ ބަޖެޓަކުންނެވެ. ފިލްމަށް ލިބުނީ އެންމެ 2.5 ކްރޯޑެވެ. ފިލްމު ރިލީޒްކުރުމުން ސިނަމާތަކަށް ފިލްމު ބަލަން ދާނެ ބަޔަކު ނުވެގެން އިސާހިތަކު ފިލްމު ނަގައި ތައްބޫ އާއި ކާރްތިކް އާރްޔަންގެ "ބޫލް ބުލައްޔާ 2" ރިލީޒްކުރި އެވެ. އަދި "ބޫލް ބުލައްޔާ 2" ބަލަން ގިނަ އަދަދެއްގެ މީހުން ސިނަމާތަކަށް ދިއުމުން އެ ފިލްމު ވަނީ ކާމިޔާބުވެފަ އެވެ.
ފިލްމު ފްލޮޕްވީ އޭނާ އާއި ފިލްމާ ގުޅޭ ވަރަށް ނެގެޓިވް ވާހަކަތަކެއް ފެތުރުމުގެ ސަބަބުން ކަމަށް ކަންގަނާ ބުނެފައި ވެއެވެ.
ރަންބީރު ކަޕޫރު މިއަހަރު ކުޅުނު ދެ ފިލްމުގެ ތެރެއިން ފުރަތަމަ ރިލީޒްކުރި ފިލްމު "ޝަމްޝޭރާ"އަށް ވެސް ކުރިމަތިވީ ވަރަށް ބޮޑު ނާކާމިޔާބެކެވެ. މިއީ ކުރީ ޒަމާނުގެ ވާހަކައަކަށް ކުޅެފައިވާ ފިލްމަކަށް ވާތީ 150 ކްރޯޑުގެ ބޮޑު ބަޖެޓެއް މި ފިލްމަށް ޚަރަދުކޮށްފައި ވެއެވެ. ވާނީ ކަޕޫރު ބަތަލާގެ ރޯލު ކުޅެފައިވާ މި ފިލްމަށް މުޅިއެކު ލިބުނީ 64 ކްރޯޑެވެ.
އަހަރުގެ އެންމެ ނާކާމިޔާބު އެކްޓަރުންގެ ތެރޭގައި އަކްޝޭ ކުމާރު ވެސް ހިމެނެ އެވެ. އޭނާގެ "ރަކްޝާ ބަންދަން" އާއި "ސަމްރަތު ޕްރިތުވީރާޖް" އަދި "ރާމް ސެޓޫ" ފްލޮޕްވުމުންނެވެ. މީގެ ކުރިން އަކްޝޭ އަކީ ބޮކްސް އޮފީހުގައި އެންމެ ހިނގާ އެއް އެކްޓަރުގެ ގޮތުގައި މަޝްހޫރުވެފައި ވެއެވެ. ނަމަވެސް 2022 ވެފައިވަނީ އަކްޝޭގެ ކެރިއަރުގެ ވެސް އެންމެ ނާކާމިޔާބު އެއް އަހަރަށެވެ. ނަމަވެސް އަކްޝޭ އަދި މާޔޫސްވެގެން ފިލްމު ކުޅުން މަދުކޮށްލާކަށް ގަސްތެއް ނުކުރެ އެވެ. އެގޮތުން 2023 ގައި އޭނާގެ ހަ ފިލްމެއް ރިލީޒްކުރުމަށް މިހާޜު ދަނީ ތައްޔާރުވަމުންނެވެ.
"ލާލް ސިންގް ޗައްޑާ" ފްލޮޕްވެ އާމިރު ޚާނަށް ވެސް މިއަހަރު ބޮޑު ނާކާމިޔާބަކާ ކުރިމަތިވެފައި ވެއެވެ. މިކަމާ ވީ ދެރައިން އޭނާ ވަނީ ފިލްމު ކުޅުން ދޮޅުއަހަރެއްހާ ދުވަހަށް މެދުކަނޑާލާކަން އިއުލާން ކޮށްފަ އެވެ. މި ފިލްމު އުފައްދާފައިވަނީ 186 ކްރޯޑުގެ ބަޖެޓަކުންނެވެ. އަދި ޚަރަދު ފޫބެއްދޭ ވަރާ ގާތަށް ފިލްމަށް ލިބިފައެއް ނުވެ އެވެ. މި ފިލްމު ނާކާމިޔާބުވީ ފިލްމު ބޮއިކޮޓްކުރަން ގޮވާ އަޑުގަދަކޮށްފައިވާތީކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ޕްރަބާސް އަކީ ސައުތު އިންޑިޔާ މީހުން ވަރަށް ލޯބިވާ އެކްޓަރެއް ނަމަވެސް މިއަހަރު ރިލީޒްކުރި އޭނާގެ "ރާދޭ ޝާމް" އަށް ހިންދީ ފިލްމު ބަލާ މީހުންގެ އިތުރުން ސައުތު އިންޑީއާގައި އުޅޭ އޭނާގެ ފޭނުން ވެސް ދފައިވަނީ ފިނި ތަރުހީބެކެވެ. ޕޫޖާ ހެގްޅޭ ބަތަލާގެ ރޯލު ކުޅެފައިވާ މި ފިލްމު އުފައްދާފައިވަނީ 350 ކްރޯޑުގެ ބަޖެޓަކުންނެވެ. ފިލްމަށް މުޅިއެކު ލިބުނީ 150-200 ކްރޯޑެވެ.
އަމީތާބު ބައްޗަންގެ "ގުޑް ބައި" އާއި އަޔުޝްމާން ކުރާނާގެ "އަނޭކް" އަދި ރިތިކް ރޯޝަންގެ "ވިކްރަމް ވެދާ" ވެސް ފްލޮޕްވެ މި ތިން އެކްޓަރުންނަށް ވެސް މިއަހަރަކީ ވަރަށް ނާކާމިޔާބު އަހަރެއްގެ ގޮތުގައި ބެލެވިފައި ވެއެވެ. އެގޮތުން 30 ކްރޯޑުގެ ބަޖެޓަކުން އުފެއްދި "ގުޑްބައި" އަށް ލިބިފައިވަނީ އެންމެ 10 ކްރޯޑެވެ. އަޔުޝްމާންގެ "އަނޭކް" އުފެއްދީ 47 ކްރޯޑުގެ ބަޖެޓަކުންނެވެ. ފިލްމަށް ލިބުނީ 11 ކްރޯޑެވެ. ރިތިކް އާއި ސައިފް އަލީ ޚާންގެ "ވިކްރަމް ވެދާ" އުފައްދާފައިވަނީ 176 ކްރޯޑުގެ ބަޖެޓަކުންނެވެ. ފިލްމަށް ލިބުނީ 135 ކްރޯޑެވެ.
އަޖޭ ދޭވްގަންގެ ފިލްމުތައް އާއްމުކޮށް ރަނގަޅު ކާމިޔާބެއް ހޯދަމުން އައި ނަމަވެސް މިއަހަރު ރިލީޒްކުރި އޭނާ އާއި ރަކުލް ޕްރީތު ސިންގް ކުޅެފައިވަނީ "ރަންވޭ" އަށް ކުރިމަތިވީ ބޮޑު ނާކާމިޔާބެކެވެ. މި ފިލްމު އުފައްދަން ޚަރަދުކުރި 65 ކްރޯޑުގެ ތެރެއިން ލިބުނީ 54 ކްރޯޑެވެ. އެގާރަ ކްރޯޑުގެ ގެއްލުމެއް މި ފިލްމަށް ލިބުނެވެ.