ކަންގަނާ ރަނާވަތު އަށް މީހަކު މަލާމާތް ކުރިޔަސް ތައުރީފު ކުރިޔަސް އޭނާ ހިތަށް އެރި އެއްޗެއް އެމީހަކާ ދިމާލަށް ބުނެލާނެ އެވެ. މިއީ އޭނާގެ ވައްތަރެވެ.
ކަންގަނާގެ ކަންތައްގަނޑު މާބޮޑުވެގެން ޓުވިޓާ އިން އޭނާ އެކައުންޓް ބަންދުކުރުމަށްފަހު ދާދިފަހުން ވަނީ އަނެއްކާވެސް އެ އެކައުންޓް ބޭނުން ކުރެވޭ ގޮތް ހަދާފަ އެވެ. އެއާއެކު މީހުންނާ ޒާތީ ގޮތުން ދިމާކުރުމުގެ ކުޅިވަރު ކަންގަނާ ވަނީ ފަށާފަ އެވެ.
ކަންގަނާގެ އެންމެ ފަހުގެ ހަމަލަ އަމާޒުކޮށްފައިވަނީ ސުޕަސްޓާ އާމިރު ޚާން އަށެވެ. އެއީ ކޮންމެހެން އާމިރު އޭނާއަށް އެއްޗެއް ކިޔައިގެނެއް ނޫނެވެ. ތައުރީފުކޮށްގެންނެވެ.
ލިޔުންތެރިޔާ ޝޯބާ ޑޭގެ ފޮތެއް ލޯންޗުކުރުމުގެ އިވެންޓެއްގައި ނޫސްވެރިއަކު އާމިރު އާ ސުވާލެއް ކުރި އެވެ. ޝޯބާގެ ބައޮޕިކް އެއް އުފައްދާނަމަ އެ ފިލްމުގައި ޝޯބާގެ ކެރެކްޓާ ކުޅެން އެންމެ ރަނގަޅު ބޮލީވުޑް ބަތަލާއަކީ ކޮބައިތޯ އެވެ؟ އާމިރު ބުނީ ދީޕިކާ ޕަދުކޯން އާއި ޕްރިޔަންކާ ޗޯޕްޅާ އަދި އާލިއާ ބަޓް ވެސް ރަނގަޅުވާނެ ކަމަށެވެ.
"ތަލައިވީ"ގައި ކަންގަނާ ވަރަށް މޮޅު ކަމަށް ބުނެ ކަންގަނާގެ ނަން ޝޯބާ ހަނދާން ކޮށްދިނުމުން އާމިރުވެސް އެކަމާ އެއްބަސްވި އެވެ. އަސްލުވެސް ކަންގަނާ އަކީ ވަރަށް މޮޅު އަދި ކުޅަދާނަ ބަތަލާއެއް ކަމަށް އާމިރު އެއްބަސްވި އެވެ.
ނަމަވެސް ކަންގަނާ މި ވާހަކަ ނެގީ ވަރަށް ނެގެޓިވް ކޮށެވެ. އާމިރު މި ވާހަކަ ދައްކާ ވީޑީއޯ ކްލިޕް އަލުން ޝެއާ ކުރަމުން ކަންގަނާ ބުނީ އާމިރު އުޅުނީ އޭނާގެ ނަން ނުބުނެ ވޭތޯ ކަމަށެވެ.
"ބޭޗާރާ އާމިރު. ހާއްހާ. އޭނަ ވަރަށް މަސައްކަތްކުރި އަހަރެންނަކީ ތިން ފަހަރަށް ނެޝަނަލް އެވޯޑު ލިބިފައިވާ ބަތަލާއަކަށް ނޭނގޭ ކަމަށް ހަދަން. އޭނާ ބުނި އެއްވެސް ބަތަލާއަކަށް ލިބިފައެއް ނޯންނާނެ އެ އެވޯޑެއް. ޝުކުރިއްޔާ ޝޯބާ ޖީ. ތި ކެރެކްޓާ އަހަރެން ވަރަށް ކުޅެލަން ބޭނުން،" އާމިރު ވާހަކަ ދައްކަނިކޮށް ފެންނަ ވީޑިއޯ ކްލިޕް އަލުން ޝެއާ ކުރަމުން ކަންގަނާ ކުރި ޓުވީޓެއްގައި ވެއެވެ.
ކަންގަނާގެ ރުޅި އާމިރުއާ އަމާޒުވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެއް ފަހަރަކުވެސް ކަންގަނާ ވަނީ އާމިރު އަށް ބަހުގެ ހަމަލާތަކެއް ދީފަ އެވެ.
ކަންގަނާގެ ވަރަށް ކުރީގެ އިންޓަވިއު އެއްގައި އޭނާ ބުނެފައިވާ ގޮތުގައި "ދަންގަލް" އާއި "ސީކްރެޓް ސުޕަސްޓާ" އުފައްދަން އުޅުނުއިރު އާމިރު އޭނާއާ ގުޅައި އެ ފިލްމުތައް ކުޅުމަށް ހުށަހެޅި އެވެ. ނަމަވެސް އޭނާ އޭރު ވެސް ދެ ތިން ފިލްމެއްގެ މަސައްކަތް ކުރަމުން ދިޔަ ކަމަށާއި އޭނާ ދެއްކި އެއްވެސް ވާހަކައެއް އެމީހުން އަޑުނާހާ އެހެން ބަޔަކު ލައްވާ އެ ފިލްމުތައް ކުޅުވީ ކަމަށެވެ.