ބޮލީވުޑް

ކުރިން އާމިރު އާ ގާތް އެކުވެރިކަމެއް އޮތް ކަމަށް ކަންގަނާ ބުނޭ!

ކަންގަނާ ރަނާވަތު ބުނާ ގޮތުގައި އާމިރު ޚާނާއި އޭނާ އެއް ދުވަސްވަރެއްގައި ވަރަށް ގާތް އެކުވެރިކަމެއް އޮތެވެ. އެ ދެ މީހުންގެ ގުޅުން ކެނޑުނީ ރިތިކް ރޯޝަން އާއި ކަންގަނާގެ ލޯބީގެ ވާހަކަތަކެއް ކަންގަނާ ފަޅާ އަރުވާލައިގެން އެ މައްސަލަގަނޑުގެ ތެރޭގައި ކަމަށްވެސް ކަންގަނާ ބުންޏެވެ.

ކަންގަނާ ތުހުމަތުކުރާ ގޮތުގައި އެ މައްސަލައިގައި އާމިރުގެ ތާއީދު ލިބުނީ ރިތިކް އަށެވެ. އަދި ކަންގަނާއާ އޮތް ގުޅުން އާމިރު ކަނޑާލީ އެވެ.

ކަންގަނާގެ އިންސްޓަގްރާމް ސްޓޯރީޒްގައި އޭނާ ލިޔެފައިވާ ގޮތުގައި އާމިރުއާ އެކު އޮތް ގާތް އެކުވެރިކަން މިހާރުވެސް އޭނާ ވަރަށް ހަނދާންވެ އެވެ.

"މިހާރު ވެސް ބައެއް ފަހަރު އަހަރެންގެ ހަނދާނަށް އާދޭ އާމިރު ސާ އާ އަހަންނާ އޮތް ގާތް އެކުވެރިކަން. ނޭނގޭ އެ ދުވަސް މާޒީއާ އެކުވެގެން ދިޔަ ގޮތެއް،" ކަންގަނާ ލިޔެފައި ވެއެވެ.

ކަންގަނާ ލިޔެފައިވާ ގޮތުގައި އާމިރު އަކީ ފިލްމު އިންޑަސްޓްރީގައި ހުރި އޭނާގެ މެންޓާ އެވެ. އިންޑަސްޓްރީގެ ވަރަށް ގިނަ ކަންކަން އޭނާއަށް ދަސްކޮށްދިނީ އާމިރު ކަމަށްވެސް ބުންޏެވެ.

"ޔަގީންވާ އެއް ކަމަކީ އޭނާ ޓީޗަރެއްގެ ގޮތުގައި އަހަރެންނަށް ކުރިއަށްދާންވީ މަގު ބުނެދިންކަން. އަދި އަހަރެންގެ މަސައްކަތް ބަލައިގެންކަން. އަދި އަހަރެންގެ ވަރަށް ގިނަ ޗޮއިސްތައް ރަނގަޅުތޯ ނޫންތޯ ބުނެދިންކަން. އެއީ ރިތިކް އާ އަހަރެންގެ މައްސަލަގަނޑު ޖެހުމުގެ ކުރިން. އޭގެ ފަހުން އާމިރު އެރީ ރިތިކްގެ ފަޅިއަށް. އެ މައްސަލަގަނޑުގެ ތެރޭގައި އެންމެ އަންހެނެއް އެއް ފަރާތަށް މުޅި ފިލްމު އިންޑަސްޓްރީ އަނެއް ފަރާތަށް އެރީ،" ކަންގަނާ ލިޔެފައި ވެއެވެ.

އާމިރު އާއި އޭނާގެ އޮތް ގާތް އެކުވެރިކަމާ ގުޅޭ ގޮތުން ކަންގަނާ ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ކަންގަނާ ވަނީ މިކަމާ ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ. އަދި ކަންގަނާގެ ފިލްމުތައް ޕްރޮމޯޓްކޮށްދީ ފިލްމުގެ ޕްރެމިއާ ތަކަށް އާމިރު ނުދާ ކަމަށާއި ނަމަވެސް އާމިރުގެ ފިލްމުތަކުގެ ސްޕެޝަލް ސްކްރީނިން އަށް އޭނާ އަބަދުވެސް ދާ ކަމަށް ކަންގަނާ މީގެ ކުރިން ބުނެފައި ވެއެވެ.

އަދި މިއަހަރު ކުރީކޮޅޫ އޮތް އިވެންޓެއްގައި ލިޔުންތެރިޔާ ޝޯބާ ޑޭގެ ބައޮޕިކްގައި އޭނާގެ ކެރެކްޓާ ކުޅެން އެންމެ ރަނގަޅު ބަތަލާ އަކީ ކޮބައިތޯ އާމިރުއާ ސުވާލުކުރުމުން ކަންގަނާގެ ނަން އޭނާ ނުބުނެގެން ވެސް ކަންގަނާ ވަރަށް މައްސަލަ ޖެއްސި އެވެ.

"ބޭޗާރާ އާމިރު ޚާން. ހައް ހައް ހާ. އޭނާ އަމިއްލައަށް ނޭނގޭ ކަމަކަށް ހެދިގެން އުޅުނީ. އޭނާއަކަށް ނޭނގޭ ކަހަލަ ތިން ފަހަރަށް ނެޝަނަލް އެވޯޑު ހޯދާފައިވާ ބަތަލާއަކީ އަހަރެން އެކަނިކަން. އޭނާ އެ ބަތަލާއިންގެ ނަންތައް ކީ އެއްވެސް ބަތަލާއަކަށް އެންމެ ނެޝަނަލް އެވޯޑެއް ވެސް ލިބިފައެއް ނެތް،" ކަންގަނާ ބުނެފައި ވެއެވެ.