ސައުތު އިންޑިއާ ފިލްމުތައް ކުޅެގެން ސުޕަސްޓާރުންގެ ދަރަޖަ ހޯދާފައިވާ ދެ ތަރިން ކަމަށްވާ ނާގާ ޗޭތަންޔާ އާއި ސަމަންތާ ޕްރަބޫގެ ކައިވެންޏަށް ހަތަރު އަހަރު ފުރެން ކައިރި ވެފައި ވަނިކޮށް އެމީހުން ވަކިވާން ގަސްދު ކޮށްފިކަން ދާދިފަހުން ވަނީ އިއުލާން ކޮށްފަ އެވެ. މި ދެމަފިރިން ވެރިވާކަން އިއުލާން ކުރުމާއެކު ބޮލިވުޑް ބަތަލާ ކަންގަނާ ރަނާވަތު ވަނީ މިކަމާ އެކްޓަރު އާމިރު ޚާނާ ގުޅުވާފަ އެވެ. އޭނާ ބުނި ގޮތުގައި މިއީ "ވަރީގެ ތަޖުރިބާކާރު" އާމިރު ޚާންގެ ނުފޫޒުން މިހާރުގެ ޖެނެރޭޝަނަށް ދިމާވާ ކަންތައްތައް ކަމަށެވެ.
ކަންގަނާ ބުނި ގޮތުގައި ނާގާ ޗޭތަންޔާ، 34، އާއި އާމިރު އާ ބައްދަލުވީ ހިސާބުން އޭނާ އާއި އޭނާގެ އަންހެނުންނާ ދެމެދު މައްސަލަތައް ޖެހެން ފެށި ކަމަށެވެ. އާމިރު މިހާރު ކުޅޭ "ލާލް ސިންގް ޗައްޑާ" ގައި ނާގާ ޗޭތަންޔާ ބައިވެރިވެ އެވެ. ކަންގަނާ މި ދައްކަނީ އެ ވާހަކަ އެވެ.
"އަބަދުވެސް ދެމަފިރިއަކު ވަރިވާން ޖެހެނީ ފިރިހެންމީހާގެ ސަބަބުން. މިއީ ގުދުރަތީ ގާނޫނު ހިނގާ ގޮތް. ލައިގެން އުޅޭ ހެދުން ބާލާފައި އެހެން ހެދުމެއް ލާ ގޮތަށް އަންހެނުން ބަދަލު ކުރުން މި ފިރިހެން ވެރިން ހުއްޓާލަ ބަލަ،" ކަންގަނާ ސޯޝަލް މީޑީއާގައި ޝެއާ ކުރި މެސެޖެއްގައި ލިޔެފައި ވެއެވެ.
އާމިރު ދެވަނަ އަށް ކައިވެނިކުރި ކިރަން ރާއޯ ވަރި ކުރާކަން އިއުލާންކުރީ ދާދި ފަހުންނެވެ. އާމިރު އާ ދިމާކޮށްލައިގެން "ވަރީގެ އެކްސްޕާޓް" އޭ ކިޔައިގެން ކަންގަނާ މި އުޅެނީ އާމިރު، ދެ ވަނަ އަނބިމީހާ ވެސް ވަރިކުރާތީ އެވެ.
ތަމަޅަ އަދި ތެލުގޫ ފިލްމު އިންޑަސްޓްރީ ޓޮލީވުޑްގައި މަސައްކަތްކުރާ އެންމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޖޯޑަކީ ޗޭތަންޔާ-ސަމަންތާ (ޗޭ-ސޭމް) އެވެ. މި ދެ ތަރިން 2017 ގައި ކައިވެނިކުރީ 10 ވަރަކަށް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުގަ އެވެ. މި ދުވަސްތަކުގެ ތެރޭގައި ވަރަށް ކާމިޔާބު، ރީތި، ގިނަ ފިލްމުތަކެއް މި ދެ އެކްޓަރުން އެކުގައި ކުޅެފައި ވެއެވެ.
ނާގާ ޗޭތަންޔާ އަކީ ސައުތު ސުޕަސްޓާ ނާގްއަރްޖުނާގެ ދަރިއެކެވެ. ސަމަންތާ ވަރިކުރާ ވާހަކަ ނާގާ ޗޭތަންޔާ އިއުލާން ކުރުމާ ގުޅިގެން ފެތުރުނު އެއް ޚަބަރެއްގައި ބުނަނީ ވަރިކުރާއިރު ޚަރަދުގެ ގޮތުގައި ދޭ އެލިމަނީގެ ގޮތުގައި 200 ކްރޯޑު ރުޕީސް ސަމަންތާއަށް ދޭން ނާގާ ޗޭތަންޔާގެ އާއިލާއިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި ފައިސާ ސަމަންތާ ގަބޫލު ނުކުރި ކަމަށް ވެސް އިންޑިއާ ނޫސްތަކުން ބުނެފައި ވެއެވެ.