ބޮލީވުޑް

ކަންގަނާގެ"ދާކަޅް" އިޝްތިހާރު އަމީތާބު ފޮހެލީ ކީއްވެ؟

ކަންގަނާ ރަނާވަތު މިހާރު ތައްޔާރުވަމުން ދަނީ އާ ފިލްމު "ދާކަޅް" ރިލީޒް ކުރުމަށެވެ. ކަންގަނާގެ ފޭނުން ކެތްތެރިކަމެއް ނެތި މިފިލްމަށް އިންތިޒާރު ކުރަމުން ދާއިރު މަޝްހޫރު ސުޕަސްޓާ އަމީތާބު ބައްޗަން ވެސް އިއްޔެ ކަންގަނާގެ މި ފިލްމުގެ އިޝްތިހާރެއް އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުން ޝެއާ ކުރި އެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ އޭނާ ވަނީ އެ އިޝްތިހާރު ފޮހެލާފަ އެވެ.

މިކަން އެނގުމުން ވަރަށް ގިނަ ބަޔަކު މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑީއާގައި ބަހުސް ކުރަން ފެށި އެވެ. އެއް ބަޔަކު ބުނީ އަމީތާބަށް "ދާކަޅް" ޓީޒާ ޓުވީޓް ކުރެވުނީ އޮޅިގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ޓުވީޓް ކުރިތާ މަދު މިނިޓްކޮޅެއް ތެރޭ ފޮހެލީ އެހެންވެގެން ކަމަށެވެ.

މިކަމާ އެންމެ ގަދަޔަށް ރުޅިއައީ ކަންގަނާ އެވެ. ޔޫޓިއުބު ޗެނަލެއްގައި ދެއްކި ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ކަންގަނާ ވަނީ އަމީތާބު މިގޮތަށް ކަންތައް ކުރީ ކާކު ޕްރެޝަރު ކޮށްގެންތޯ ސުވާލު އުފައްދާފަ އެވެ. އޭނާ ބުނި ގޮތުގައި އަމީތާބު ކަހަލަ ވަރުގަދަ ޝަހްސިއްޔަތެއްގެ ވެރިޔަކު މިފަދަ ކަމެއް ކުރުމުން އޭނާ ވަރަށް ހައިރާންވެއްޖެ ކަމަށެވެ.

ކަންގަނާގެ ފިލްމީ މަސައްކަތްތަކަށް ހިންދީ ފިލްމު އިންޑަސްޓްރީގެ މީހުން އެއްގޮތަކަށް ވެސް ގަދަރު ނުކުރާ ކަމުގެ ޝަކުވާ ވެސް ކަންގަނާ ކުރި އެވެ. އަދި އެގޮތަށް ކަންތައް ކުރަނީ އެމީހުންނަށް ވުރެ އޭނާ މޮޅުވީމަ ހިތުގައި އުފެދޭ ޒާތީ ނުތަނަވަސްކަމެއްގެ ސަބަބުން ކަމަށް ދޭހަވާ މޭރުމަކުން ވެސް ކަންގަނާ ވަނީ ވާޙަކަ ދައްކާފަ އެވެ.

"އަހަންނަށް ހީވަނީ ވަކި މީހެއް ނޫންހެން. އެންމެންނަށް އަހަންނާ ވަރަށް ޒާތީވެގެން އުޅޭހެން. އެއްވެސް އެކްޓަރަކު އަހަރެންގެ މަސައްކަތް ބަލައިގަނެ ހިތްވަރުދީ ނަހަދަނީ ކީއްވެ؟ ޚާއްސަކޮށް އަންހެން ފަންނާނުން؟" ކަންގަނާ ސުވާލު އުފެއްދި އެވެ.

ކަންގަނާ ބުނި ގޮތުގައި އޭނާގެ މަސައްކަތް ބަލައި ނުގަނެ އެންމެން ފިލާ ތިބެނީ އޭނާއަށް ތައުރީފު ކޮށްފިނަމަ ފިލްމު އިންޑަސްޓްރީން އެމީހަކު ބޮއިކޮޓް ކޮށްފާނެ ކަމުގެ ބިރަށެވެ. ނަމަވެސް އިންޑަސްޓްރީގެ އެހެން މީހުން ކުރާ ރަނގަޅު މަސައްކަތްތައް ފާހަގަކޮށް އެ ބަޔަކަށް އޭނާ އަބަދުވެސް ތައުރީފުކުރާ ކަމަށް ކަންގަނާ ބުންޏެވެ. އެގޮތުން ކަރަން ޖޯހަރްގެ "ޝޭޜްޝާހް" އާއި ވިވެކް އަގްނިހޯތުރީގެ "ދަ ކަޝްމީރު ފައިލްސް" އަދި އެސްއެސް ރާޖާމޯލީގެ "އާރްއާރްއާރް" އަށް އޭނާ ތައުރީފުކޮށް މެސެޖުތައް ޝެއާކޮށްފައި ވާނެ ކަމަށް ކަންގަނާ ބުންޏެވެ.

މޭ 20 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ދާކަޅް"ގައި ކަންގަނާގެ އިތުރުން ހަރަކާތްތެރި ވަނީ އަރްޖުން ރާމްޕާލް އާއި ދިވްޔާ ދައްތާ އެވެ.