ކަންގަނާ

އަމީތާބު ބުނަނީ އިންޑިއާގެ އެންމެ މޮޅު ބަތަލާއަކީ ކަންގަނާ ކަމަށް

އަމީތާބު ބައްޗަން ކަހަލަ ވަރުގަދަ ޝަޚްސިއްޔަތެއްގެ ތައުރީފު ލިބުމަކީ ކޮންމެ އެކްޓަރެއްގެ ވެސް ހުވަފެނެކެވެ. ސޮނީ ޓީވީގެ "ކޯން ބަނޭގާ ކްރޯޅްޕަތީ"ގެ މިފަހަރުގެ ސީޒަންގެ އެޕިސޯޑެއްގެ ބައިވެރިޔަކަށް އަމީތާބު ސުވާލެއް ހުށަހަޅާ ހަތަރު ޖަވާބުގެ ތެރެއިން ރަނގަޅު ޖަވާބު ބުނުމަށް އެދެ އެވެ.

މި މީހާއަށް އިއްވަނީ ހަތަރު ބަތަލާއެއްގެ އަޑެވެ. އޭގެ ތެރޭގައި ހިމެނޭނީ އަމީޝާ ޕަޓޭލް، ކަންގަނާ ރަނާވަތު، ޕްރިތީ ޒިންޓާ އަދި ކްރީތީ ސަނަންގެ އަޑެވެ. ޝޯގެ ބައިވެރިޔާއަށް ޖެހެނީ އޭގެން ބަތަލާއިންގެ އަޑުން އެއީ ކާކުކަން ދެނެގަންނާށެވެ.

މި ސުވާލުގެ ރަނގަޅު ޖަވާބަކީ ކަންގަނާ ކަމަށް ބުނަމުން އަމީތާބު ވަނީ ކަންގަނާ އަށް ވަރަށް ތައުރީފު ކޮށްފަ އެވެ. އަމީތާބު ބުނީ ކަންގަނާ އަށް ވަރަށް ރީތި ކަމަށާއި އެންމެ މޮޅު ބަތަލާ ކަމަށެވެ. އަދި ކަންގަނާގެ މަޝްހޫރުކަން ވެސް އަމީތާބު ފާހަގަ ކުރި އެވެ. އޭގެ ހެއްކަކަށް އަމީތާބު ދެއްކީ ގިނަ އަދަދެއްގެ ފިލްމީ އެވޯޑާއި ނެޝަނަލް އެވޯޑު ވެސް އޭނާއަށް ލިބިފައި ވުމެވެ.

ކަންގަނާ އަކީ އޭނާގެ ހުނަރުން ހިންދީ ފިލްމު އިންޑަސްޓްރީގައި ކުރިއަރައިގެން ގޮސްފައިވާ ބަތަލާ އެކެވެ. އޭނަ ފިލްމު ކުޅެން ފެށީއިރު އިންޑަސްޓްރީގައި އޭނާ ދަންނަ އެކަކުވެސް ނެތެވެ. ނަމަވެސް މިއަދު އޭނައަކީ ހަގީގަތުގައި ވެސް އެއްވަނަ ދަރަޖައިގައި ގުނާލެވޭ ބަތަލޭ އެކެވެ.

ކަންގަނާ އަކީ ހިތަށް އެރި އެއްޗެއް ކޮންމެ މީހަކާ ދިމާލަށް ވެސް ބުނެލަން ކެރޭ ވަރަށް ހިތްވަރުގަދަ ބަތަލާއަކަށް ވާތީ އޭނާއާ ނުރުހޭ މީހުން ވެސް ފިލްމު އިންޑަސްޓްރީގައި ވަރަށް ގިނަ އެވެ. ނަމަވެސް އެކަމާ ފަރުވާލެއް ނުބަހައްޓާ ކަންގަނާ ދަނީ އޭނާގެ މަސައްކަތައިގެން ކުރިޔަށެވެ. މިހާރު އޭނާ އެކްޓްކުރުމުގެ އިތުރުން ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓް ވެސް ކުރެ އެވެ.

ކަންގަނާ އަށް އަމީތާބު ތައުރީފުކުރުމަކީ ފަހަރެއްގައި އިންޑަސްޓްރީގެ ބައެއް މީހުން އަމީތާބާ ހިތްހަމަނުޖެހިދާނެ ކަމަކަށް ވެސް ވެދާނެ އެވެ.