ބޮލީވުޑް

އަމީތާބު ޖެހުނީ ޖާޔާގެ ދިގު އިސްތަށިގަނޑުގެ ޖާދޫގައި

އަމީތާބު ބައްޗަން ހޯސްޓްކުރާ ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ"ގެ އެކި ސީޒަންތަކުގައި ބައެއް ބައިވެރިންނާ ވާހަކަ ދައްކަމުން އަމީތާބު އޭނާގެ ހަގީގީ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާ ކުރެ އެވެ. އެގޮތުން ދާދިފަހުން ދެއްކި އެޕިސޯޑެއްގައި އަމީތާބު ވަނީ އޭނާގެ އަންހެނުން ޖާޔާ ބައްޗަން އާ ކައިވެނިކުރަން ގަސްތުކުރި ސަބަބު ކިޔައިދީފަ އެވެ.

ޝޯގެ ބައިވެރިއެއްގެ ރީތި އިސްތަށިގަނޑަށް ތައުރީފުކުރަމުން އަމީތާބު ބުނީ އޭނާ ވެސް ޖާޔާއަށް ހިތް ކިޔައި ކައިވެނިކުރަން ނިންމި އެއް ސަބަބަކީ ޖާޔާގެ ދިގު އިސްތަށިގަނޑެއް އޮތީމަ އެވެ. އަމީތާބު މިހެން ބުނުމާއެކު އެތަނުގައި ތިބި އެންމެން ވަރަށް ބާރަށް ހީނ އަތްތިލަބަޑި ޖަހާ ހެދި އެވެ.

އަމީތާބު މިހެން ބުނީ ޖޯކަކަށް ހަދާފައި ނަމަވެސް މި ވާހަކައިގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވޭ ކަމަށް ލަފާ ކުރެވެ އެވެ.

އަމީތާބާއި ޖާޔާ ކައިވެނިކުރީ 1973 ވަނަ އަހަރު އެވެ. އެމީހުން ކައިވެނިކުރީ "ޒަންޖީރު" ކުޅެ އެ ފިލްމު ބްލޮކްބަސްޓާއަކަށް ވީ ފަހުންނެވެ.

"ކޯން ބަނޭގާ ކްރޯޅްޕަތީ"ގެ ފޭނުން ގަބޫލުކުރާ ގޮތުގައި ޝޯ ހޯސްޓްކުރުމަށް އަމީތާބު ވަރެއް އަދިވެސް ނެތެވެ. މާ ބޮޑަށް ތިމާގެ މޮޅުކަމާއި ބޮޑުކަން ނުދައްކައި އެހެން މީހުންނަށް އިހުތިރާމާއި ގަދަރު ދީގެން މުއާމަލާތްކޮށް ވާހަކަ ދައްކަން އަމީތާބަށް އެނގޭތީ އެވެ.