ބޮލީވުޑް

އަމީތާބު ތައުރީފުކުރުމުން ޖާޔާއަށް ގަބޫލެއް ނުކުރެވުނު

އަމީތާބު ބަޗަން ހޯސްޓްކުރާ "ކޯން ބަނޭގާ ކްރޯޅުޕަތީ (ކޭބީސީ) ގެ 1000 ވަނަ އެޕިސޯޑުގައި ބައިވެރިވީ އަމީތާބުގެ ދަރިފުޅު ޝްވޭތާ ނަންދާ އާއި ކާފަ ދަރިފުޅު ނަވްޔާ ނަވޭލީ ނަންދާ އެވެ. އަދި އަމީތާބުގެ އަންހެނުން ޖާޔާ ބައްޗަން ވަނީ ވީޑިއޯ ކޯލް މެދުވެރިކޮށް މި ޝޯގައި ބައިވެރިވެފަ އެވެ.

މި ޝޯގެ އާ ޕްރޮމޯގައި ޖާޔާ ވަނީ އަމީތާބާ ގުޅޭ ވަރަށް ޝައުގުވެރިވާ ކަހަލަ ގިނަ ވާހަކަތައް ކިޔައިދީފަ އެވެ. ޖާޔާ ބުނި ގޮތުގައި އަމީތާބަކީ ދުވަހަކު ވެސް ފޯނު ކޯލަށް ޖަވާބު ދޭ މީހެއް ނޫނެވެ.

"ކޮންމެ މީހަކު ގުޅިނަމަވެސް އޭނަ ނުނަގާނެ ފޯނެއް،" ޖާޔާ ބުންޏެވެ. ޖަވާބުގައި އަމީތާބު ބުނީ އިންޓަނެޓުގައި މައްސަލަ އުޅޭތީ ދިމާވާ ކަމެއްވީމަ އޭނަ އެކަމާ ކުރާނެ ކަމެއް ނެތް ކަމަށެވެ. ނަމަވެސް ޝްވޭތާ ވަގުތުން އޭނާގެ މަންމައަށް ތާއީދުކޮށް އަމީތާބު ހަދަނީ ދޮގެއް ކަމަށް ބުންޏެވެ.

ޝްވޭތާ ބުނީ އޭނާގެ ބައްޕައަށް ސޯޝަލް މީޑިއާގައި އެކި ކަހަލަ މެސެޖުތަކާއި ފޮޓޯތައް އަބަދުވެސް ޝެއާ ކުރެވެ އެވެ. އަދި ޓުވީޓުތައް ކޮށް ހެދެ އެވެ. އިންޓަނެޓު ނެތިއްޔާ އެކަންކަން ވެސް ނުވާނެކަން ދޭހަވާ މޭރުމުން ޝްވޭތާ ބުންޏެވެ.

އަމީތާބުގެ ކާފަ ދަރިފުޅު ވެސް ވަނީ އަމީތާބާ ދިމާ ކޮށްލާފަ އެވެ. ނަވްޔާ ސުވާލު ކުރީ އެމީހުން ބިއުޓީ ޕާލާއަށް ގޮއްސަ އައިމަ މާމަ ކައިރީގައި ކާފަ ވަރަށް ރީއްޗޭ ބުނަނީ ހަމަ ހެޔޮހިތުން ބުނާ އެއްޗެތޯ ނުވަތަ މާމަ ހިތްހަމަޖައްސާލަން ބުނާ އެއްޗެއްތޯ އެވެ؟

ނަވްޔާގެ ސުވާލަށް ޖަވާބު ނުދީ ފަރުޖައްސަން ވެގެން އަމީތާބު ވަގުތުން ވަނީ ޖާޔާ ކައިރީގައި އޭނާ ހާދަ ރީއްޗޭ ބުނެ ފައެވެ.

ނަމަވެސް އަމީތާބު ބުނި ވާހަކަ ޖާޔާ އަކަށް ގަބޫލެއް ނުކުރެވުނެވެ. ޖާޔާ ބުނީ އަމީތާބު ހަދަނީ ދޮގު ކަމަށާއި ދޮގު ހެދުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

ކޭބީސީގެ 1000 ވަނަ އެޕިސޯޑު ފުރިހަމަ ކުރެވުނީތީ ވީ އުފަލުން އަމީތާބު ވަރަށް ޖަޒުބާތީވެ އޭނާގެ ލޮލުން ކަރުނަ އައިތަން ވެސް ޕްރޮމޯގައި ފެނެ އެވެ. އަމީތާބު ވަނީ އެހާ ގިނަ ދުވަސް ވަންދެން އޭނާއާއެކު ދެމި ތިބި ކަމަށްޓަކައި ޝޯގެ ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.