ބޮލީވުޑް

އަންހެނުން ރުޅިއަތުވެދާނެތީ އަމީތާބު ވަރަށް ބިރުގަނޭ!

އަމީތާބު ބައްޗަން ހޯސްޓްކުރާ ޓީވީ ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ"ގެ މިހާރު ދައްކާ 13 ވަނަ ސީޒަންގައި އެޕިސޯޑެއްގައި ކަތަކް ނެށުންތެރިއެއް ކަމަށްވާ ނަމްރަތާ އަޖޭ ޝާހް ކިޔާ މީހަކު ބައިވެރިވި އެވެ. ގުޖްރާތުގެ މި އަންހެންމީހާ ވަނީ އަމީތާބު އާ އެހެން މީހުން ނުކުރާ ކަހަލަ ސުވާލުތައް ކޮށް އޭނާއާ ވަރަށް މަޖާކޮށް ވާހަކަ ދައްކާފަ އެވެ.

ނަމްރަތާގެ މޮޅުކަމުންނާއި ކުއިޒްގެ ސުވާލުތަކަށް މޮޅަށް ޖަވާބު ދޭތީ އަމީތާބު ވެސް ވަރަށް ގިނަ ވާހަކަތައް އެ މީހާ ކުރެން އެހި އެވެ. މިގޮތަށް ޝޯގެ ވަކި ހިސާބަކުން އަމީތާބަށް ސާގެ ބަދަލުގައި އަމިތު ޖީ ކިޔަންތޯ ނަމްރަތާ އަހަމުން ލަދުރަކި ފާޑަކަށް ހީނލި އެވެ. ޖަވާބުގައި އަމީތާބު ބުނަނީ އޭނާ 'އަމިތު' ކިޔަސް ހެޔޮ ކަމަށެވެ.

ޝޯ އަނެއްކާވެސް ކުރިޔަށް ދަނިކޮށް އަމީތާބުގެ މޫނަށް ގެންނަ ހަރަކާތްތަކުގައި ވަރަށް މައުސޫމް ގޮތެއް ހުންނަ ކަމަށް ނަމްރަތާ ބުނެ އެވެ.
ޖަވާބުގައި އަމީތާބު ބުނަނީ އޭނާގެ ލޯބިވާ އަނބިމީހާ މި އެޕިސޯޑު ބަލާފައި ރުޅިއަތުވެދާނެތީ ބިރުގަންނަ ކަމަށެވެ. އެ ދެ މީހުންގެ މެދުގައި އަރާރުން ވާން ޖެހޭ ކަހަލަ ކަމެއް ނުކުރަން އަމީތާބު ވަނީ މަޖަލަކަށް ހަދާފައި ނަމްރަތާ ކައިރީ ބުނެފަ އެވެ.

އަމީތާބަކީ އަބަދުވެސް އޭނާގެ އަންހެނުންނަށް އިހްތިރާމްކުރާ އަދި އަންހެނުން ރުޅި އަތުވެދާނެ ފަދަ ކަންކަން ކުރަން ބިރުގަންނަ މީހެއްގެ ގޮތުގައި މަޝްހޫރު މީހެކެވެ.

އަންހެނުން ޖާޔާ އާއެކު އޭނާ ކުޅުނު ފުރަތަމަ ފިލްމު "ބާންސީ ބިރްޖޫ"ގެ ފޮޓޮއެއް މި މަހުގެ 5 ވަނަ ދުވަހު އަމީތާބު ވަނީ އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ. މި ފޮޓޯގައި އަމީތާބާއި ޖާޔާ ތިބީ ބައްދާލައިގެންނެވެ.

މިއީ 1972ގައި އެމީހުން ކުޅުނު ފިލްމަކަށް ވާތީ މިހާރު މި ފިލްމަށް 49 އަހަރު ފުރިފައިވާ ކަމަށް އަމީތާބު މި ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ. މިފަދަ ފޮޓޯތައް ދޭތެރެ ދޭތެރެއިން ޝެއާކޮށް ޖާޔާގެ ހިތްހަމަޖައްސަން ވެސް އަމީތާބު މަސައްކަތް ކުރެ އެވެ.