ޝާހް ރުކް ޚާނާއި ދީޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމްގެ "ޕަޓާން" އަށް މުޅި ދުނިޔޭން 1000 ކްރޯޑުގެ ވިޔަފާރިވެއްޖެ އެވެ.
މިހާތަނަށް އެއްވެސް ފިލްމަކަށް 1000 ކްރޯޑުގެ ވިޔަފާރި ވެފައެއް ނުވެ އެވެ. ޖެނުއަރީ 25 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމު އަދިވެސް ގިނަ ސިނަމާތަކެއްގައި ދައްކަމުން އެބަދެ އެވެ.
"ޕަޓާން" އަކީ 2018ގައި ޝާހް ރުކް ކުޅުނު "ޒީރޯ" ފްލޮޕްވުމުން ވީ ދެރައިން އެއްވެސް ފިލްމެއް ނުކުޅެ އޭނާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު ހުރުމަށްފަހު ކުޅުނު ފިލްމެކެވެ.
މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް ލީޑް ރޯލު ކުޅެފައިވާ 2019 ގައި ރިލީޒްކުރި ބްލޮކްބަސްޓާ ފިލްމު "ވޯ"ގެ ޑައިރެކްޓަރު ސިދާރްތު އާނަންދެވެ.
"ޕަޓާން"ގެ ޕްރޮޑީއުސަރު ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް)ގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ޝެއާ ކުރި ޓުވީޓެއްގައި "ޕަޓާން" އަށް މުޅިން ދުނިޔޭން 1000 ކްރޯޑުގެ ވިޔަފާރި ކުރެވިފައިވާކަން ހާމަކޮށްފައި ވެއެވެ.
މި ފިލްމަކީ ވައިއާރްއެފް އިން އުފައްދާ 'ސްޕައި ޔުނިވާސް'ގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.
ރިތިކް އާއި ޓައިގާގެ "ވޯ" އަކީ ވެސް އޭގެ އެއް ފިލްމެވެ. އަދި ސަލްމާން ޚާންގެ "އޭކް ތާ ޓައިގާ" އާއި "ޓައިގާ ޒިންދާ ހޭ" އަކީ ވެސް މި ސިލްސިލާގެ ފިލްމު ތަކެކެވެ. ޓައިގާގެ ކެރެކްޓާއިން "ޕަޓާން"ގައި ސަލްމާންގެ ކުޑަ ރޯލެއް ހިމަނާފައި ވެއެވެ.
"ޕަޓާން"އަށް މި ލިބުނު ބޮޑު ކާމިޔާބުން ޝާހް ރުކްގެ ކުރިއަށް އޮތް ދެ ފިލްމަށް ފޭނުންކުރާ އިންތިޒާރު ވަނީ އިތުރުވެފަ އެވެ.
ޝާހް ރުކް މިހާރު ކުޅެމުންދާ ދެ ފިލްމުގެ ތެރެއިން ސައުތު އިންޑިއާ ޑައިރެކްޓަރު އަޓްލީގެ "ޖަވާން" ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން ދެވަނަ ދުވަހު އެވެ. ދެން އޮތީ ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރާ "ޑުންކީ" އެވެ. ތާޕްސީ ޕަންނޫ ބަތަލާގެ ބައި ކުޅޭ މި ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ.