ބޮލީވުޑް

ޝާހް ރުކްގެ "ޕަތާން" ބަލާ ހިތުން މީހުން މޮޔަވަނީ

ޝާޙް ރުކް ޚާންގެ ފިލްމެއް ރިލީޒް ނުކުރާތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެއްޖެ އެވެ. އަދި މިކަމާ ޝާހް ރުކްގެ ފޭނުން ތިބީ ވަރަށް ބޮޑަށް މާޔޫސް ވެފަ އެވެ. "ޕަތާން" ކުޅެން ޝާޙް ރުކް ސޮއިކުރިކަން އެނގުނީއްސުރެ އެމީހުން ކެތްތެރިކަމެއް ނެތި މި ފިލްމު ރިލީޒްކުރާނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދިޔައީ އެހެންވެ އެވެ. މިހާރު "ޕަތާން" ނިމި ރިލީޒްކުރަން ހަފުތާއަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ޝާހް ރުކްގެ ފޭނުންތައް ވެސް ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ.

މީން ޒަމާނަކުވެސް ފިލްމެއް ބަލަން މީހުންގެ ޝައުގުވެރިކަން ނެތް ވަރަށް މި ފިލްމު ބެލުމުގެ ޝައުގުވެރިކަން އިންޑިޔާގެ މީހުންގެ އެބައޮތެވެ. ފިލްމުގެ އެޑްވާންސް ބުކިންގްސް އަށް ހުޅުވާލިތާ މަދު ގަޑިއެއްގެ ތެރޭގައި އެތައް މިލިއަން ޓިކެޓެއް ވިކިފައިވުމުން ފިލްމު ބަލަން މީހުން މޮޔަވެފައި ތިބި މިންވަރު ހާމަވެ އެވެ.

ޝާހް ރުކްގެ ބައެއް ފޭނުން އޭނާއަށް "ކިންގް ޚާން"ގެ ނަމުން މުހާތަބުކުރާއިރު އަނެއް ބަޔަކު ބުނަނީ އޭނާއަކީ ބޮލީވުޑްގެ ރަސްގެފާނު ކަމަށެވެ.

"ޕަތާން"ގެ އޮންލައިން ބުކިންގްސް އަށް ހުޅުވާލުމުން ވަރަށް ގިނަ ސްޓޭޓްތަކުގެ އޮންލައިން ޓިކެޓިން ސައިޓްތައް ކްރޭޝްވެފައި ވެއެވެ. ހާއްސަކޮށް ކަލްކަތާ ފަދަ ސްޓޭޓްތަކުގައި މި ފިލްމު ބެލުމުގެ ޝައުގުވެރިކަން އާއްމުންގެ ކިބައިގައި ހުރީ މޮޔަވާ ދަރަޖައަށް ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.

އިންޑިޔާ ނޫނަސް ނޯތު އެމެރިކާ، އޮސްޓްރޭލިޔާ އަދި މެދު އިރުމަތީގެ ގައުމުތަކުގައި ވެސް މި ފިލްމަށް އޮތް ޑިމާންޑް އާދަޔާހިލާފަށް އިތުރުވެފައިވާ ކަމަށް ޓްރޭޑް އެނަލިސްޓުން ބުނެފައިވެ އެވެ.

މި ފިލްމު ބެލުމަށް ފޭނުންގެ ހުރި ޝައުގަށް ބަލައި އެއްވެސް ޓީވީ ޝޯއެއްގައި ފިލްމު ޕްރޮމޯޓް ނުކުރަން ޝާހް ރުކް އާއި އޭނާގެ ޓީމުން ވަނީ ނިންމާފަ އެވެ. އަދި ނޫސްތަކަށް އިންޓަވިއު ދިނުން ފަދަ އެއްވެސް ކަމެއް ވެސް މިފަހަރުގެ ޕްރޮމޯޝަންގައި ނުހިމެނެ އެވެ. އޭގެ ބަދަލުގައި ޓުވީޓާގައި "#އާސްކް މީ" ހޭޝްޓެގްގެ ދަށުން ލައިވް ސެޝަންތަކެއް ޝާހް ރުކް ގެންދަނީ ބާއްވަމުންނެވެ. މި ސެޝަންތަކުގައި ފޭނުން ސީދާ ޝާހް ރުކް އާ ސުވާލުކޮށް އޭނާއާ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެ އެވެ.

ޖެނުއަރީ 25 ގައި "ޕަތާން" ރިލީޒްކުރާއިރު އިންޑިޔާގެ ގިނަ ބަޔަކު ވާހަކަ ދައްކާ މައިގަނޑު ތިން ބަސް ކަމަށްވާ ތަމަޅަ، ތެލުގޫ އަދި ހިންދީ ބަހުން ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވެ އެވެ.

ޖޯން އަބްރަހަމް އާއި ދީޕިކާ ޕަދުކޯން ވެސް މުހިއްމު ބައިތަކެއް އަދާކުރާ މި ފިލްމާ ހެދި މީހުން މޮޔަވެފައިވާ ވަރަށް ބަލާއިރު ބޮކްސް އޮފީހުގެ ވަރަށް ގިނަ ރެކޯޑްތަކެއް މި ފިލްމުން މުގުރާނެކަމަށް ޓްރޭޑް އެނަލިސްޓުން މިހާރުއްސުރެ ދަނީ ބުނަމުންނެވެ.

ކޮރޯނާވައިރަސް ޕެންޑެމިކްގެ ސަބަބުން އިންޑިޔާގެ އެކި ހިސާބުތަކުން ބަންދުކޮށްފައި ހުރި 25 އަށް ވުރެ ގިނަ ސިނަމާ ހުޅުވުމުގެ ފުރުސަތު ވެސް "ޕަތާން"ގެ ސަބަބުން ވަނީ ލިބިފަ އެވެ.