ބޮލީވުޑް

ޖޯންއާ އެއްވެސް މައްސަލައެއް ނެތް: ޝާހް ރުކް

"ޕަތާން" ރިލީޒްވުމަށް ތައްޔާރުވަމުންދާއިރު ފިލްމުގައި އެންމެ މުހިއްމު ރޯލެއް ކުޅުނު ދެ އެކްޓަރުން ކަމަށްވާ ޝާހް ރުކް ޚާނާއި ޖޯން އަބްރަހަމްގެ މެދުގައި ވަރަށް ބޮޑަށް މައްސަލަޖެހި ދެ މީހުން އެކަކު އަނެކަކު ދެކެ ވަރަށް ރުޅިއައިސްފައި ތިބިކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ޚަބަރު ފަތުރާފައި ވެއެވެ. އަދި "ޕަތާން"ގައި އޭނާއަށް ކުޅެން ލިބުނު ރޯލާ މެދު ޖޯން ހިތްހަމަނުޖެހިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ނަމަވެސް ދާދިފަހުން ޝާހް ރުކް ދީފައިވާ އިންޓަވިއު އެއްގައި މި ހަބަރުތައް ދޮގުކުރި އެވެ. އަދި ޖޯންއާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް ޝާހް ރުކް ބުންޏެވެ. އެމީހުންގެ އޮތްނަމަ އޮތް މައްސަލައެއް އޮތީ ސްކްރީނުން އެ ފެންނަ މަންޒަރުތަކުގައި ކަމަށާއި ޖޯން އަކީ ވަރަށް ރަނގަޅު މީހެއް ކަމަށް ޝާހް ރުކް ބުންޏެވެ.

"ޕަތާން" އަކީ ޝާހް ރުކް އާއި ޖޯން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. ނަމަވެސް މީގެކުރިން ދެ އެކްޓަރުން އެތައް ފަހަރެއްގެ މަތިން އެކިއެކި ތަންތަނުން ބައްދަލުވެފައިވާ ކަމަށް ޝާހް ރުކް ބުންޏެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ޝާހް ރުކް ބުނީ ޖޯންއާ ދޭތެރެ ދޭތެރެއިން ބައްދަލުވިޔަސް ފިލްމެއް ކުޅުމުގެ ފުރުސަތު މީގެ ކުރިން ތަނަވަސްވެފައި ނުވާ ކަމަށެވެ.

ޝާހް ރުކް ބުނީ ޖޯން އަކީ އޭނާ ވަރަށް އިހްތިރާމްކުރާ އެކްޓަރެއް ކަމަށާއި "ޕަތާން"ގައި އޭނާ ކުޅެނީ ހަގީގަތުގައިވެސް ވަރަށް ނުލަފާ މީހެއްގެ ރޯލު ކަމަށެވެ.

"އަހަރެމެން ދެ މީހުން ތަޅާ ފޮޅާ މަންޒަރުތަކުގައި ވެސް އޭނާ އުޅޭނީ އަހަރެންނަށް އަނިޔާއެއް ވެދާނެތީ ވަރަށް ބަލައިގެން. އަހަރެން ބުނަން އަނިޔާވިޔަސް އެއީ ކަމެއް ނޫނޭ. އޭނަ އުޅޭނީ ވަރަށް ލަދުން. އަހަރެން ބުނަން އަހަރެން ގައިގައި ޖެހިޔަސް އޯކޭއޭ. ތަދެއް ނުވާނޭ. ވަރަށް ކިޔައިގެން ވިސްނައިދީގެން އޭނާ ލައްވާ އެފަދަ މަންޒަރުތައް ކުޅުވަން ޖެހޭނީ،" ޝާހް ރުކް ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި "ޕަތާން" ރިލީޒްކުރުމުން ގިނަ ބަޔަކަށް ޖޯންގެ ކެރެކްޓާ އެންމެ މަގުބޫލުވުމުގެ ފުރުސަތު އެބައޮތެވެ.

"ޕަތާން"ގެ ބަތަލާ އަކީ ދީޕިކާ ޕަދުކޯން އެވެ. އަދި އަޝޫތޯޝް ރާނާ ވެސް ވަރަށް މުހިއްމު ބައެއް މި ފިލްމުގައި ކުޅެފައި ވެއެވެ.

"ޕަތާން" ރިލީޒްކުރަން ހަމަޖެހިފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.