ޝާހް ރުކް ޚާންގެ "ޕަތާން" ޓީޒާ ދައްކާލުމާއެކު އިންޓަނެޓަށް ތޫފާނެއް ގެނުވައިފި އެވެ. އަދި ސޯޝަލް މީޑިއާގައި މި ފިލްމާ ގުޅޭ ގޮތުން މީހުން ކޮމެންޓުކޮށް މީމްސް ހަދައި ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ.
ޝާހުގެ 57 ވަނަ އުފަން ދުވަހާ ދިމާކޮށް "ޕަތާން"ގެ ޕްރޮޑިއުސަރުން ޝާޙް އަށް ދީފައި މިވަނީ ވަރަށް އެކަށީގެންވާ ރަނގަޅު ހަދިޔާއެއް ކަމަށް ފިލްމުގެ ޓީޒާ ބެލި ގިނަ ބަޔަކު އެއްބަސްވެ އެވެ.
ޓީޒާ އިންޓަނެޓުގައި ރިލީޒްކުރިތާ މަދު މިނެޓްކޮޅެއް ތެރޭ މުޅި ސޯޝަލް މީޑިއާ މި ޓީޒާ ވަނީ ހިސޯރުކޮށްފަ އެވެ. ސަބަބަކީ ގިނަ ބަޔަކު އެންމެ ލޯބިވާ ޝާހް ރުކް ގިނަ އަހަރު ތަކަކަށް ފަހު ބޮލީވުޑަށް އެނބުރި އަންނަ ފިލްމުގެ ޓީޒާ އަށް މި އިޝްތިހާރު ވީމަ އެވެ.
ޓީޒާއަށް ކޮމެންޓުކުރި ގިނަ ބަޔަކު ބުނީ މިއީ 100ގެ އިޝްތިހާރެއް ކަމަށާއި ބޮކްސް އޮފީހުގައި ޝާހް ރުކް އޭނާގެ ޖާދޫ މިފަހަރު ދައްކާލާނެ ކަމަށެވެ.
"ބޮލީވުޑަށް މި ވަގުތު 'ޕަތާން' ކަހަލަ ފިލްމެއް ވަރަށް ބޮޑަށް ބޭނުންވެފައި ވަނީ. ބޮކްސް އޮފީހުގައި ކާމިޔާބު ހޯދޭ ކަހަލަ ހުރިހާ ބާވަތްތަކެއް ހަމަޔަށް ހުރި މިފަދަ ފިލްމަކަށް އިންޒާރު ކުރާ މީހުން ވަރަށް ގިނަ. މި ފިލްމުގެ ފުރަތަމަ ދުވަހުގެ ވިޔަފާރި 45-50 ކްރޯޑަށް އަރާނެ ކަމަށް ލަފާ ކުރެވޭ. ދެ ދުވަހުން 100 ކްރޯޑު ހޯދާނެ ކަމަށް ބެލެވެނީ،" ޓީޒާ އަށް ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ.
ޖޯން އަބްރަހަމް އާއި ދީޕިކާ ޕަދުކޯންގެ ރޯލުތަކަށް ވެސް ޓީޒާ ބެލި މީހުން ވަނީ ތައުރީފުކޮށްފަ އެވެ. އަދި މި ދެ ތަރިންނަކީ މި ފިލްމަށް ވަރަށް އަގުހުރި ބަޔެއް ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ.
ސިދާންތު އާނަންދް ޑައިރެކްޓްކުރާ "ޕަތާން" ރިލީޒްކުރަން ހަމަޖެހިފައިވަނީ 2023ގެ ޖެނުއަރީ 25 ވަނަ ދުވަހު އެވެ.