ކްރިމިނަލް ކޯޓް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށް

އިތުބާރު ހިފޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވި ޓީޗަރަކަށް 15 އަހަރުގެ ޖަލު ހުކުމެއް ކަރިމިނަލް ކޯޓުން އިއްވައިފި އެވެ.

ދ. އަތޮޅު ރަށެއްގެ މީހެއްގެ މައްޗަށް ކުރި ހުކުމުގައި ބުނެފައިވަނީ އޭނާ ޖިންސީ ގޯނާ ކޮށްފައިވަނީ ގުރުއާން ކިޔަވަން އޭނާ ގާތަށް ދިޔަ ދަރިވަރަކަށް ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭނާ އެ ކުއްޖާ ކައިރީ ނޭދެވޭ ވާހަކަތަކެއް ދައްކާ އެ ކުއްޖާގެ ގައިގައި އަތްލާފައިވާ ކަމަށާއި އޭނާ އެ ކުށަށް އިންކާރުކުރި ނަމަވެސް އޭނާގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެ އެެވެ.

ފަނަރަ އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 13 އަހަރާއި އަށް މަހުގެ ޖަލު ހުކުމެކެވެ.

އިތުބާރު ހިފޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއްކޮށްފިނަމަ، ރާއްޖޭގެ ގާނުގައިވާ ގޮތުން ބޮޑު ހުކުމެއް އަންނާނެ އެވެ.