ކްރިމިނަލް ކޯޓް

ޖިންސީ ނިޔަތަކާ އެކު ކުޑަ ކުއްޖެއްގެ ގައިގައި އަތްލުމުން 10 އަހަރަށް ޖަލަށް

ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ގައިގައި އަތްލި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، ޝެހެނާޒް، މުހައްމަދު އަލީގެ މައްޗަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ މި ހުކުމަކީ ކުޑަކުއްޖެއްގެ މަސްލަހަތު އޮތް މައްސަަލައަކަށް ވާތީ ހުކުމްގެ ތަފްސީލް ކޯޓުން ހިއްސާކޮށްފައެއް ނުވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ) ގެ ދަށުން އޭނާގެ މައްޗަށް ވަނި 10 އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގައިވާ ގޮތުން ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ޖިންސީ ގުނަވަނެއްގައި އަތްލައިފިނަމަ 10 އަހަރާއި 14 އަހަރަށް އެ މީހަކު ޖަލަށް ލެވެނެ އެވެ.

ކްރިމިނަލް ކޯޓުން ވަނީ މިމަހުގެ ތިންވަނަ ދުވަހު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު 12 އަހަރަށް ޖަލަށްލުމަށްވެސް ހުކުމްކޮށްފަ އެވެ.