ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރުމާ އެކު ރައީސް ޔާމީނަށް މިވަގުތަށް ރިޔާސީ އިންތިހާބުގައި ވާދަކުުރެއްވުމުގެ ދޮރު މިވަނީ ބަންދުވެފަ އެވެ. އެހެންވެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ދެން ވާނީ ކޮން ބޭފުޅެއްތޯ އާންމުން ސުވާލު އުފައްދަ އެވެ. އުފެއްދުން މުހިއްމު ވެސް ސުވާލެކެވެ.
ރައްޔިތުން މިސުވާލުގެ ޖަވާބު ބޭނުންވާތީ ނޫސްވެރިން މިސުވާލުގެ ޖަވާބު ހޯދުމަށް އިއްޔެ ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. ނޫސްވެރިންގެ ސުވާލުތަކާ ކުރިމަތިލެއްވީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
އަދުރޭ ތަކުރާރުކޮށް ވިދާޅުވީ އެއް ވާހަކައެކެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެކަން ބަދަލުނުކުރެވޭނެ ކަމަށެވެ. އަދި އެ ބަހުސް ނުކުރަންވެސް އަދުރޭ ވަނީ ނޫސްވެރިންނަށް ދަންނަވާފަ އެވެ. އަދުރޭ ދެއްވަމުން ގެންދެވި ޖަވާބު ނޫން އެހެން ޖަވާބެއް ލިބޭތޯ ވެސް ނޫސްވެރިން މަސައްކަތް ކުރި އެވެ. އެގޮތުން އަދުރޭ ވަށައިގެން އެވަގުތު ތިއްބެވި އިދިކޮޅު ކޯލިޝަންގެ އެހެން ލީޑަރުންނާ ސުވާލުކުރުމަށް ނޫސްވެރިން މަސައްކަތް ކުރުމުން އެ ފުރުސަތުވެސް އަދުރޭ ނުދެއްވި އެވެ. ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ދައްކަންޖެހޭ ވާހަކަ ދައްކަން ލީޑަޝިޕުން ހުއްދަ އޮތީ އޭނާ އަށް އެކަނި ކަމަށެވެ. އަދުރޭ ބޭނުންވީ ނޫސްވެރިންގެ ސުވާލުތަކުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ބަހުސް އުފައްދަން ފުރުސަތު ނުދިނުމެވެ. ނަމަވެސް އެ ބަހުސް، އެ ސުވާލު ނޫސްވެރިންނާއި އާންމު ރައްޔިތުން ކުރާނެ އެވެ.
އަދުރޭ ވެސް އަދި އިދިކޮޅު ކޯލިޝަންގެ އެހެން ލީޑަރުން ވެސް ގަބޫލުކުރައްވަން ޖެހޭ ހަގީގަތަކީ ރައީސް ޔާމީން މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން މާފުށި ޖަލުގައި ކަމެވެ. މި ހާލަތަކީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ހާލަތެއް ނޫނެވެ. ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު އެވަނީ ޔާމީންގެ ކިބައިން އުނިވެފަ އެވެ. އެހެންކަމުން އަދުރޭ އާއި އިދިކޮޅު ކޯލިޝަނުން ކޮންމެ ގޮތަކަށް މިހާރު ވާހަކަ ދެއްކެވި ނަމަވެސް އިދިކޮޅު ކޯލިޝަނާއި އަދުރޭ އަށް ވެސް ޖެހޭނީ ރިޔާސީ ކެންޑިޑޭޓާ ގުޅޭ ސުވާލަށް ޖަވާބު ދެއްވާށެވެ. އެ ސުވާލު ނޫސްވެރިން ކުރާނެ އެެވެ. އެއީ ޕީޕީއެމް އަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީއަށް ވާތީ ކުރާ ސުވާލެކެވެ.
އިންތިހާބުގައި ވޯޓުލުމާ ހަމައަށް ބާކީ އޮތީ ހަތް މަސް ދުވަސް ކަމަށްވާތީ މިމުއްދަތުގައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ އެތައް މަރުހަލާތަކެއް ހުރުމުން ޕީޕީއެމް އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ދެއްކުން އަވަސް ވެސް ކުރަންޖެހެ އެވެ. ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރާނެ އެއް ފަރާތަކީ އިދިކޮޅު ޕާޓީ އެެވެ. މިވަގުތު އެ ޒިންމާ އޮތީ ޕީޕީއެމް / ޕީއެންސީގެ އަށެވެ. ސަރުކާރާ މެދު ހިތްހަމަނުޖެހޭ މީހުން ރިޔާސީ އިންތިހާބެއްގައި ވޯޓުލާނެ ކެންޑިޑޭޓަކަށް ބޭނުންވާނެ އެވެ. ޕީޕީއެމް އަކީ ސިޔާސީ ޕާޓީތަކުގެ ނިޒާމު ގަބޫލުކޮށްގެން ރަޖިސްޓްރީކޮށްފައިވާ ޕާޓީ އަކަށްވެފައި ޕާޓީއެއްގެ އެންމެ މުހިއްމު އަމާޒަކީ ވެރިކަމަށް އައުމެވެ. އެހެންވެ މި ހަމައިން ބެލިނަމަވެސް ޕީޕީއެމް އިން ރިޔާސީ ކެންޑިޑޭޓެއް ދައްކަންޖެހޭނެ އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ބޮޑު ނާކާމިޔާބެއް ލިބިވަޑައިގެންނެވި ފަހުން ޕީޕީއެމް އާއި ޕީއެންސީ އިން އަބަދުވެސް ދައްކަމުންދާ އެއް ވާހަކައަކީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމެވެ. އެކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ. ޕާޓީގެ އެހެން ބޭފުޅަކުވެސް އެ މަގާމަށް ކުރިމަތި ނުލައްވާނެ ކަމަށާއި ރައީސް ޔާމީން ހުންނެވިހާ ދުވަހަކު އެ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅަކުވެސް އިދިކޮޅުގައި ނެތް ކަމަށް އަބަދުވެސް ބުނެ އެވެ.
ގއ. ވޮޑަމުލާ މައްސަލައިގައި ރައީސް ޔާމީނަށް ކުށް ސާބިތުވާ ކަމަށް 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކޮށް އެމަނިކުފާނު ޖަލަށް ލުމުން އޭރުވެސް އިދިކޮޅު ކޯލިޝަނުން ބުނަމުން ދިޔައީ ޔާމީނަކީ އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ކަމަށެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރިއިރުވެސް އިދިކޮޅު ކޯލިޝަންގެ ވާހަކަ ބަދަލެއް ނުވި އެވެ. ވޮޑަމުލާ މައްސަލައިގައި ރައީސް ޔާމިނަށް ސުޕްރީމް ކޯޓުގެ މަރުހަލާ އިން މިނިވަންކަން ލިބުމާ އެކު އަވަސްކޮށްލުމަށްފަހު "ހަވާލޭ ވަތަން"ގެ ނަމުގައި ޖަލްސާއެއް ބާއްވާ އިދިކޮޅު ކޯލިޝަނުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލުވެސް ކޮށްފަ އެވެ. ނަމަވެސް އޭރުވެސް ވ. އާރަށުގެ މައްސަލައިގައި ދައުލަތުން އޮތީ ކްރިމިނަލް ކޯޓުގައި ރައީސް ޔާމީނަށް ދައުވާ އުފުލާފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ހަތް މަސް ދުވަހަށް ވެފައިވާއިރު ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރުމާ އެކު ޕީޕީއެމް އާއި ޕީއެންސީ އަށް މިހާރު ޖެހިފައިވަނީ އިސްތިއުނާފްގެ ދެ މަރުހަލާ ނިމެންދެން ޔާމީނާ މެދު ވެދާނެ ގޮތެއް ބެލުމަށް މަޑުކުރާށެވެ. އެ ދެ މަރުހަލާ ނިމޭ ގޮތަކުން ނޫނީ އިދިކޮޅު ކޯލިޝަނާއި އަދުރޭ ކިތަންމެ ބޭނުންވި ނަމަވެސް ރައީސް ޔާމީނަށް ރިޔާސީ ޓިކެޓެއް ނުދެވޭނެ އެވެ. ޓިކެޓް ދީގެން ކުރެވޭނެ ކަމެއްވެސް ނޯންނާނެ އެވެ. އެކަމަކުވެސް ޖަޒުބާތާއި ޖޯޝުގައި އަދުރޭ ވިދާޅުވަނީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ފިޔަވާ އެހެން ބޭފުޅަކު އިދިކޮޅުން ވާދަނުކުރާނެ ކަމަށެވެ.
"ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓަކަށް އެއްވެސް ބަދަލެއް ނާދޭ. ނުވެސް އަންނާނެ. އެ ބަދަލު ކުރާކަށް ބަޔަކަށް ކުރެވޭނެ މަސައްކަތެއް ވެސް ނޯންނާނެ،" ނޫސްވެރިންނާ ޗެލެންޖު ކުރައްވަމުން އަދުރޭ ވިދާޅުވި އެވެ.
އަދުރޭ މިހާރު ދައްކަވަމުން ގެންދަވާ ޒާތުގެ ވާހަކަތަކެއް ވެރިކަން ކުރާ ޕާޓީ -- އެމްޑީޕީ ވެސް 2018 ވަނަ އަހަރު އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ، ނިކަން އަޑުހަރުކޮށް ދެއްކި އެވެ. ރައީސް ނަޝީދަށް ޖިނާއީ ހުކުމެއް އިއްވުމުން ވެސް އެމްޑީޕީ ގަދަ ދައްކާފައި މަސައްކަތް ކުރީ ރައީސް ނަޝީދު އިންތިހާބުގައި ބައިވެރިކުރާށެވެ. ނަމަވެސް ދައުލަތުގެ އިދާރާތަކުން އެ ފުރުސަތެއް ނުދިނެވެ. އެހެންވެ އެމްޑީޕީގެ އިސްވެރިންނަށް ވެސް ޖެހުނީ ދެވަނަ ވިސްނުމަކަށް ގޮސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރާށެވެ. އެގޮތަށް އެކަން ކުރުމުން ރައީސް ނަޝީދަށް ވެސް ލުއިތަކެއް ލިބި މިނިވަންކަމާ އެކު ސިޔާސީ ހަރަކާތް ހިންގަން އެވަނީ ފުރުސަތު ލިބިފަ އެވެ.
ރިޔާސީ ކެންޑިޑޭޓެއްގެ މައްސަަލައިގައި 2018 ވަނަ އަހަރު އެމްޑީޕީން ކުރި ތަޖުރިބާ އަށް ބަލާއިރު ރައީސް ޔާމީން ނެތް ހާލަތުގައި ޕީޕީއެމް އިން ރިޔާސީ ކެންޑިޑޭޓެއް އިންތިހާބަށް ނެރޭނެ އެވެ. އަދުރޭ ކިތަންމެ ހަރުކޮށް ވިދާޅުވި ނަމަވެސް ރައީސް ޔާމީން ނެތް ހާލަތުގައި ޕީޕީއެމް އިން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ އެވެ. ރައީސް ޔާމީންގެ ދިފާއުގައި މިވަގުތު ޖަޒުބާތުގައި ވާހަކަދައްކަވާ ލީޑަރުންގެ ތެރޭގައިވެސް ޕީޕީއެމްގެ ޓިކެޓަށް ފާރަވެރިވާ ބޭފުޅުން އެބަތިއްބެވި އެވެ. އެފަދަ ބޭފުޅުންގެ ޕްރެޝަރާ ހެދިވެސް ޕީޕީއެމް އިން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ އެވެ. ނެރެން މަޖުބޫރުވެސް ވާނެ އެވެ. މިވަގުތު ލޯމައްޗަށް ގަދަކޮށް ބަދަހިކޮށް ޕީޕީއެމްގެ ލީޑަރުން ފެނުނު ނަމަވެސް ރިޔާސީ ޓިކެޓާ ހަމައިން އިދިކޮޅު ކޯލިޝަންގައި ރެނދުވެސް އަޅާނެ އެވެ. މިހުރިހާ ސަބަބުތަކާ ގުޅިގެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ބަހުސް މިވަނީ ފެށިފަ އެވެ. މިބަހުސްގައި ބައިވެރިވެ އިދިކޮޅު ކޯލިޝަނާއި އަދުރޭ އަށް ޖެހިވަޑައިގަންނަވާނީ ރައީސް ޔާމީން ނޫން ކެންޑިޑޭޓެއްގެ ވާހަކަދައްކަވާށެވެ.