ކުރީގެ ރައީސް އަބްދުﷲ ޔާމީންއަބްދުލް ގައްޔޫމަށް މިއަދު ހުކުމް ކުރެއްވި ފަނޑިޔާރު އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ހުކުމް ވިދާޅުވަމުން ގެންދެވިއިރު ހުންނެވީ ރަހީނުކޮށްފައި ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފި އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރު ހުންނެވީ ރަހީނު ކޮށްފައި ކަމަށާއި ހުކުމް އިއްވުމުގެ ކުރިން ގާޒީގެ ހަށިގަނޑުވެސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެކަމަކު އެކަން ކުރީ ސީދާ ކޮން ބައެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.
"ފަނޑިޔާރު ރަހީނުކޮށް ހަށިގަނޑު ބަލާ ފާސްކޮށް ވަކިން ކޮޓަރިއެއްގައި ބައިންދައިގެން ހުކުމް ކުރަން މަޖުބޫރު ކުރީ. އިންޑިއާ އިން ދިން ހުކުމެއް އިއްވީ. މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ފެނުނުތޯ؟ ނުފެންނާނެ. ގަން ޕޮއިންޓްގައި އިނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައުލޫމާތަކީ ޔަގީންވާ މައުލޫމާތެއް ކަމަށާއި އެކަމަކު މައުލޫމާތު ހިއްސާކުރި ފަރާތުގެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މިއަދު އިއްވީ "ހަރާމު ހުކުމެއް" ކަމުގައިވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.
ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ ސާބިތުވާތީ މިހާރު ދަނީ އަދަބު ކަނޑައެޅުމުގެ މަރުހަލާ ހިނގަމުންނެވެ. ދައުލަތުން އެދިފައިވަނީ ދައުވާގައި ދެވޭ އެންމެ ބޮޑު އަދަބު ދިނުމަށެވެ. ދައުލަތުން އެގޮތަށް އެދުނީ ކުށް ކުރެއްވިއިރު ޔާމީން ހުންނެވި މަގާމާއި ހިންގެވި ކުށުގެ ސަބަބުން ދައުލަތަށް ލިބިފައިވާ ގެއްލުން ބޮޑުވުމާ ގުޅިގެންނެވެ.