ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ކެންޑިޑެސީއަށް ކުރިއެރުންތަކެއް ދަނީ ލިބެމުން: އަދުރޭ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމާ ދޭތެރޭ ބައެއް ފަރާތްތަކުން ސުވާލު އުފައްދާތީ ޔާމީންގެ ކެންޑިޑެސީ ކަށަވަރުކުރުމަށް އިދިކޮޅު ކޯލިޝަނުން ކުރާ މަސައްކަތުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ އެންމެ އިސްކޮށް ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނާ އެކު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަން ޔަގީންކުރުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވިދާޅުވި ނަމަވެސް ތަފްސީލް ހިއްސާކުރެއްވުމަށް އަބްދުއްރަހީމް ވަނީ ދެކޮޅު ހައްދަވާފަ އެވެ.

"އެ މައުލޫމާތުތައް މިވަގުތު އަޅުގަނޑުމެން މީޑީއާ އަށް ހާމަކުރާކަށް ބޭނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން ރިޝްވަތު ހިފައި މަނީ ލޯންޑާކުރެއްވި ކަމުގެ ކުށް ސާބިތުވެ އެމަނިކުފާނު މިވަގުތު ގެންދަވަނީ ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ދަށުގެ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާ ހިނދަކު ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ބަލައި، ޕީޕީއެމްގެ ތެރެއިން އެހެން ބޭފުޅަކަށް ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަށް ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ކެމްޕޭން ކުރަމުންދާ ކަމަށް ބުނާ މައްސަލަތަކެއް ވެސް ޕީޕީއެމްގެ ކަމާ ގުޅޭ ކޮމިޓީތަކުން ދަނީ ބަލަމުންނެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ އެއް ބޭފުޅަކީ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ބުނާ އަޑުތަކެއް ވަނީ ގަދަވެފަ އެވެ. ނަމަވެސް އަބްދުއްރަހީމް މިއަދުވެސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވޭނެ ކަމަށާއި ޕީޕީއެމްގެ ޕޭލޭންގައި އޭ އިން ފެށިގެން ޒެޑާ ހަމައަށް ވެސް ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވާ ބޭފުޅުން ކެންޑިޑެސީ ފޯމު ހުށަހެޅުއްވުމަށް ހުޅުވާލުމާ އެކު ރައީސް ޔާމީން ނަން ހުށަހަޅުއްވާނެ ކަމުގައިވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭރުން އެމަނިކުފާނުގެ ކެންޑިޑެސީއާ މެދު ޝައްކެއް އޮތް ނަމަ ވަކި މުއްދަތެއްގެ ތެރޭގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަން މަޖުބޫރުވާނެ ކަމުގައި ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި އޮތް ރައީސް ޔާމީންގެ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަންޖެހޭ ހުށަހެޅުންތަކެއް އިސްތިއުނާފް ކުރަން ވަގުތު އޮއްވައި، ރައީސް ޔާމީންގެ ޝަރީއަތްތަކެއް ދަށު ކޯޓުގައި "ފަޓާސް ބަރިއެއްހެން" ގެންދަން ތާވަލްކޮށްފައިވާ ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ ނުރުހުންވެސް ފާޅުކުރައްވާފަ އެވެ.

ޕީޕީއެމްގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން "ކޮތަޅު"ގެ ނަމުގައި އަންނަ ހުކުރު ދުވަހުގެ ރޭ އަލިމަސްކާނިވަލުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފަ އެވެ.