ދުނިޔެ

އެމެރިކާގައި ގަދަފިނީގެ ސަބަބުން މަރުވި މީހުންގެ އަދަދު 63 އަށް

އުތުރު އެމެރިކާއަށް ފިނި މޫސުން ލައިގަތުމާ އެކު ހާލަތު ތޫފާނެއްގެ ދަރަޖައަށް ވަނީ ބަދަލުވެފަ އެވެ. އެ ގައުމުން ލިބޭ ޚަބަރުތައް ބުނާ ގޮތުން ނިއުޔޯކަށް ވުރެ ބަފަލޯ ސިޓީގެ ހާލަތު މާ ގޯހެވެ.

ބަފަލޯ ސިޓީގެ މޭޔަރު، ބައިރަން ބްރައުން ވިދާޅުވި ގޮތުގައި އެ ސިޓީގެ ހަޔާތުގައި -- ފާއިތުވި 50 އަހަރު ތެރޭގައި ވެސް މިހާރު ކުރިމަތިވެފައި އޮތް ވަރުގެ ގަދަ ފިނިކަމެއް އާންމުން ތަޖުރިބާ ނުކުރެ އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ގަދަ ފިނީގެ ސަބަބުން 63 މީހުން މަރުވެފައި ވާއިރު ހާލަތު އަދި އޮތީ ބުނަން ދަތި ހިސާބެއްގަ އެވެ. އޭނާ ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި ގިނައީ ތަންތަނުގައި ތާށިވެ އުޅަނދުފަހަރު ހުއްޓި މަގުބަންދުވުމުގެ ސަބަބުން މަރުވި މީހުން ކަމަށެވެ.

މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުން މޫސުން ލާހިކުވާން ފަށާނީ ހަފުތާ ނިމޭ ހިސާބުގަ އެވެ.

މީހުން ސަލާމަތްކުރުމުގައި އުޅޭ އޮފިޝަލުން ބުނި ގޮތުގައި ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން މަގުތަކާއި އިމާރާތްތައް ވަނީ ވަޅުލެވިފަ އެވެ. އަދި އެހީއަށް ބޭނުންވާ މީހުންނާ ހިސާބަށް ދަތުރުކޮށް ދާނެ ގޮތެއް ވެސް ނެތެވެ.

ހެލިކޮޕްޓަރުގައި ދަތުރުކުރި ނަމަވެސް ވައިގަދަވުމުގެ ސަބަބުން އުޅަނދު ކޮންޓްރޯލުން ނެއްޓުމަށް ފުރުސަތު ބޮޑު ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ. ސްނޯ ބޯކަމުން ހެލިކޮޕްޓަރު ތިރިކުރާނެ ތަންތަން ވެސް ފަސޭހަ ނޫން ކަމަށް އޮފިޝަލުން ބުނެ އެވެ.

ފިނި ގަދަވެ ހާލަތު ގޯސްވުމާ ގުޅިގެން އެއާޕޯޓުތައް ވަނީ ބަންދުކުރަން ޖެހިފަ އެވެ. ބަފަލޯގެ އިތުރުން ޑެންވާ އާއި ކޮލޮރާޑޯ، މިޝިގަން އަދި ޑެޓްރޮއިޓް ފަދަ ބޮޑެތި އެއާޕޯޓްތަކުން ވެސް ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ.

"ފްލައިޓްއަވާ" ވެބްސައިޓް ދައްކާ ގޮތުން އަންގާރަ ދުވަހަށް އޮތް ތާވަލުން 2،800 އަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ނިއުޔޯކްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ހުއްދަ ދެއްވާފަ އެވެ. އަދި އަވައްޓެރި ސިޓީތަކުން ނިއުޔޯކަށް އެހީ ފޯރުކޮށް ދިނުމަށް ވެސް ބައިޑަން އެދިވަޑައިގެންނެވި އެވެ.