ދުނިޔެ

އެމެރިކާއަށް ނަގޫރޯޅި އެރީ މޫސުމީ ބަދަލަކުން ނޫން: ބައިޑަން

އެމެރިކާއަށް ނަގޫރޯޅި އެރީ މޫސުމީ ބަަދަލަކުން ނޫން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ބައިޑަން ވިދާޅުވީ ސިނާއީ މަސައްކަތްތަކުގެ ސަބަބުން މޫސުމަށް ބޮޑެތި ބަދަލުތައް އާދެ އެވެ. އެހެންނަމަވެސް އެމެރިކާގެ އަވަށްތަކަށް އެރި ނަގޫރޯޅި އަކީ އާދަޔާ ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ގިނަ އަވަށްތަކަށް ނަގޫރޯޅި އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ކެންޓަކީ ސްޓޭޓަށެވެ.

"މޫސުމާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް އެނގެނީ މަދު މިންވަރެއް،" ބައިޑަން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ނަގޫރޯޅި އަރަން މެދުވެރިވީ މޫސުމަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ކަމަށް ވިދާޅުވާން ކެރި ވަޑައިނުގަންނަވާ ކަމަށެވެ.

އެމެރިކާއަށް ނަގުރޯޅި އެރީ މޫސުމީ ބަދަލަކުންތޯ ސުވާލު ދެންނެވުމުން ބައިޑަން ވިދާޅުވީ ޔަގީންވެ ވަޑައިގަންނަވާ ކަމަކީ އެމެރިކާގެ ހަޔާތުގައި ވެސް މިވަރުގެ ނަގޫރޯޅިއެއް އެރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

ބައިޑަން ވިދާޅުވީ ނަގޫރޯޅި އުފެދޭ ގޮތާއި އަރާގޮތް އަދި ބިމަށް ފައިބާފައި ހުންނަ ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ނަގޫރޯޅި އެރުން އާންމު ތަންތަން ވެސް އެނގި ވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ހީކުރެވިފައި ނުވާ ކިތަންމެ ކަމެއް ހީނުކުރާ ވަގުތުގައި ދުނިޔޭގައި ހިނގާ ކަމަށެވެ.

އެމެރިކާއަށް އެރި ނަގޫރޯޅީގެ ސަބަބުން ކެންޓަކީން 100 އަށް ވުރެ ގިނަ މީހުން މަރުވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް ގެއްލުން ލިބިފައިވާ ކަމަށް ގަވަރުނަރު، އޭންޑީ ބޭޝިއާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ އިމާރާތްތަކުގެ ފުރާޅު ވަޔާ އެއްލާލުމުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

ކެންޓަކީ ސްޓޭޓްގައި ހާލަތު ގޯސްވުމުގެ ސަބަބުން ކުއްލި ހާލަތު އިއުލާންކުރި އެވެ. އަދި މައި ސަރުކާރުގެ އެހީތެރިކަމަށް އެދުނެވެ.

ގަވަރުނަރު ވިދާޅުވީ ވެދެވެން އޮތް ހުރި އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ވައިޓް ހައުސް އިން ބުނި ކަމަށެވެ. އަދި ހިދުމަތްތައް ވަގުތީ ގޮތުން ފެށުމަށް ބޭނުންވާ ކަރަންޓް ޖެނެރޭޓަރާއި ކާބޯތަކެތި ފޯރުކޮށްދޭނެ ކަމަށެވެ.