އެމެރިކާގެ ރައީސް ޖޯ ބައިޑަން އޭނާގެ ދަރިކަލުން، ހަންޓާ ބައިޑަންއަށް -- އެއްވެސް ޝަރުތަކާ ނުލައި ހުރިހާ ދައުވާއަކަށް މާފުދެއްވައިފި އެވެ.
ހަންޓާ ބައިޑަންގެ މައްޗަށް އުފުލާފައި އޮތް ދައުވާތަކުގެ ތެރޭގައި ދައުލަތުގެ ގާނޫނުތަކަށް އިހްތިރާމު ކުރުމެއް ނެތި ހަތިޔާރު ގެންގުޅުމާއި ޓެކުހަށް މަކަރުހެދުން ހިމެނެ އެވެ.
ހަންޓާގެ މައްޗަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އުފުލާފައި އޮތް މި ދައުވާތަކާ ބެހޭ ގޮތުން ވާހަކަ ނުދައްކަވާނެ ކަމަށް ރައީސް ޖޯ ބައިންޑަން ކުރިން ވިދާޅުވި އެވެ. އަދި ދައުވާތަކާ ގުޅިގެން ހަންޓާއާ ބައްދަލު ނުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް ބައިޑަންގެ ރިޔާސީ ދައުރު ނިމުމަށް ގާތްގަނޑަކަށް މަސްދުވަހަށް ވެފައި ވަނިކޮށް -- މިހާރު އެ ވަނީ ދަރިކަލުންނަށް މާފުދެއްވައި ކުށެއް ނެތް މީހެއް ގޮތުގައި އާންމުންގެ ތެރެއަށް ދޫކޮށްލައްވާފަ އެވެ.
ދަރިކަލުންނަށް މާފުދެއްވައި ލިޔުމުގައި ސޮއިކުރައްވައި ބައިޑަން ވިދާޅުވީ ޖަސްޓިސް ޑިޕާޓްމަންޓުން ހަންޓާއާ މެދު ކަންކުރައްވާފައި ވަނީ އިހްތިޔާރެއް ނެތް ގޮތަށް -- އިންސާފުން ނޫން ކަމަށެވެ.
ބައިޑަން ވިދާޅުވި ގޮތުގައި ހަންޓާއާ މެދު ތަންފީޒީ ބާރުތަކުން އެގޮތަށް ކަންކުރީ އެއީ އޭނާގެ ދަރިއަކަށް ވާތީ ކަމަށެވެ. އަދި އޭނާއާ މެދު ހިތު ހުރިހާ ގޮތަކަށް ކަންކުރުމަށްފަހު މިހާރު އާއިލާއާވެސް ދިމާކުރީ ކަމަށް ބައިޑަން ވިދާޅުވި އެވެ.
ހަންޓާ ބައިޑަންއަށް ޖަސްޓިސް ޑިޕާޓްމަންޓުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ޑްރަގު ވިޔަފާރިކުރުމާއި، މަސްތުވެ ހުރެ ހަތިޔާރު ބޭނުންކުރުން ހިމެނެ އެވެ. އަދި 2018 ގައި ދައުލަތަށް މަކަރު ހަދައި ހަތިޔާރު ގަނެ ވިއްކާފައިވާ ކަމަށް ބުނާ ތުހުމަތެއްވެސް އެބަ އޮތެވެ.
ބައިޑަން ވިދާޅުވީ ސިޔާސީ ގޮތުން ހުރިހާ ފިއްތުމެއް ބޮނޑުވި ދަނޑިވަޅު ޖަސްޓިސް ޑިޕާޓްމަންޓުން އޭނާގެ ދަރިކަލުންނާ ދިމާކުރުމުން ވެސް ދޭހަވަނީ އެއީ ސީދާ އޭނާއަށް އަމާޒު ކުރި އެތިފަހަރެއް ކަމެވެ.
ބުއްދިއެއް ހުރި މީހަކަށް ޖަސްޓިސް ޑިޕާޓްމަންޓުގެ ރޭވުން ވިސްނޭނެ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.
ދަރިކަލުންނަށް މާފުދެއްވުމާ ގުޅިގެން ފާޑުކިޔާ މީހުން ބުނަނީ، ހުރިހާ ޖަރީމާއެއް ހިންގާފައި ވަނީ ދެބަފައިން ގުޅިގެން ކަމަށެވެ.
ޔުކްރޭނަށް ހަތިޔާރު ވިއްކުމުގައި އަދި ޗައިނާއާ އެކު ސިއްރު ޑީލްތައް ހެދުމުގައިވެސް ދެބަފައިންގެ ދައުރެއް އޮތް ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.