އެލައިޑް އިންޝުއަރެންސް

އެލައިޑްގެ ދެ ފަންޑަކުން އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި

އެލައިޑް އިންޝުއަރެންސް ކުންފުނިން ކުރިއަށް ގެންދާ އިޖުތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ތައާރަފްކުރި ފަންޑިން ޕްރޮގްރާމްތަކަށް ހޮވުނު ފަރާތްތައް އިއުލާންކޮށްފި އެވެ.

އެލައިޑް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާންކޮށްފައިވަނީ އެލައިޑް ކޮމިއުނިޓީ ފަންޑާއި އެލައިޑް އެޑިޔުކޭޝަން ފަންޑުން އެހީ ލިބޭ ފަރާތްތަކެވެ.

ކޮމިއުނިޓީ ފަންޑަށް ހޮވުނު ފަރާތްތައް

  • ކިއްސަރު ޖަމިއްޔާ - ގއ. ކޮނޑޭ
  • ހޯޑެއްދޫ ސްޕޯޓްސް - ގދ. ހޯޑެއްދޫ
  • ފައުންޑޭޝަން އޮފް އޭދަފުށި ޔޫތް ލިންކޭޖް - ބ. އޭދަފުށި
  • ޖަމިއްޔަތުލް އިހްތިހާދް - ރ. ކިނޮޅަސް

އެޑިއުކޭޝަން ފަންޑަށް ހޮވުނު ފަރާތްތައް

  • ބ. އަތޮޅު ސްކޫލް - ބ. ދަރަވަންދޫ
  • ފީވަކު ސްކޫލް - ށ. ފީވަކު
  • ކޮނޑޭ ސްކޫލް - ގއ. ކޮނޑޭ
  • ލ. އަތޮޅު ސްކޫލް - ލ. މާބައިދޫ
  • ހުޅުދުއްފާރު ސްކޫލް - ރ. ހުޅުދުއްފާރު
  • އަބޫބަކުރު ސްކޫލް - ގދ. ތިނަދޫ
  • ބ. ހިތާދޫ ސްކޫލް - ބ. ހިތާދޫ
  • ހއ. ބާރަށު ސްކޫލް - ހއ. ބާރަށް

މި ފަންޑުތަކުގެ ތެރެއިން ކޮމިއުނިޓީ ފަންޑަށް ހޮވުނު ކޮންމެ ފަރާތަކަށް އެލައިޑުގެ ފަރާތުން ދެނީ 50،000 ރުފިޔާ އެވެ. އެޑިޔުކޭޝަން ފަންޑަށް ހޮވުނު ކޮންމެ ފަރާތަކަށް އެލައިޑުން ދެނީ 25،000 ރުފިޔާ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެލައިޑްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ ފަންޑިން ޕްރޮގްރާމްތަކުގެ ތެރެއިން ކޮމިއުނިޓީ ފަންޑިން އެބޭފުޅުން ހާއްސަކުރީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ކަމަށެވެ. ނަމަވެސް އެޑިއުކޭޝަން ފަންޑިން ހުޅުވާލީ މާލެ ސަރަހައްދު ހިމެނޭ ގޮތަށް ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ކަމަށެވެ.

އެލައިޑުން ވަނީ މީގެ ކުރިންވެސް ސަރުކާރުގެ އިތުރުން ޕްރައިވެޓް ސްކޫލްތަކަށްވެސް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ސްކޫލްތަކުގެ އެޑިޔުކޭޝަން ސިސްޓަމް އަޕްގްރޭޑް ކުރުމާއި ޓީޗަރުން އަޕްގްރޭޑް ކުރުމުގެ އިތުރުން އިލެކްޓްރޯނިކް ޒަމާނީ ގޮތްތަކަށް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމްތަކަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.

އެލައިޑުން ހުޅުވާލި ފަންޑިންގެ ފުރުސަތު ތަކުގެ މައިގަނޑު މަގުސަދަކީ މުޖުތަމައަށް އެންމެ ފައިދާކުރަނިވި ގޮތަކަށް ރޭވިފައިވާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މުޖުތަމައަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ދިރިއުޅޭ މީހުންނަށް ލިބިދޭ ކޮމިއުނިޓީ ފަންޑިންގައި ހިމެނޭ ހަ ދާއިރާ އަކީ ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމެވެ.

އެލައިޑް އެޑިޔުކޭޝަން ފަންޑަކީ ތައުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެލައިޑުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރުވި ބޮޅެއް ކަަމަށް އެ ކުންފުނިން ބުނެ އެވެ.

"އެލައިޑްގެ ފަރާތުން އަންނަ އަހަރުވެސް މިފަދަ ފުރުސަތުތަކެއް ހުޅުވާލުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން،" ފިރުޝާން ވިދާޅުވި އެވެ.

2018 ވަނަ އަހަރު ލޯންޗްކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް"އަކީ އެލައިޑްގެ އިޖުތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. އެގޮތުން ޔޫއެންގެ ދެމެހެއްޓެނިވި ތަރައްގީއަށް ވާގިވެރިވާ މިއޮނިގަނޑުގެ ދަށުން، އެލައިޑުން ދަނީ ތިމާވެއްޓާއި ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގައާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.