ދުނިޔެ

ލޫލާ ބްރެޒިލްގެ ރައީސް ކަމުގެ ހުވައި ކުރައްވައިފި

ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ -- އާންމު ނަމުން ނަމަ ލޫލާ -- ބްރެޒިލްގެ ރައީސްކަމާ ހަވާލުވެ ވަޑައިގެން މަގާމުގެ ހުވައި ކުރައްވައިފި އެވެ.

މި ރަސްމިއްޔާތަށްޓަކައި ބްރެޒިލްގެ ވެރިރަށް ބްރާޒީލިއާގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށްފަ އެވެ. ބްރެޒިލްގެ ތާރީޚުގައި ވެސް ރައީސްކަމުގެ މަގާމު ތިންވަނަ ދައުރެއް ލިބިވަޑައިގެންނެވި ފުތަމަ ލީޑަރަކީ ލޫލާ އެވެ.

ލޫލާ ކޮންގްރެސްގައި -- ގާނޫނު ހަދާ މަޖިލީހުގެ ކުރިމަތީގައި މަގާމުގެ ހުވައިކުރެއްވީ ގާނޫނުއަސާސީ ދެމެހެއްޓެވުމަށާއި ދިފާއުކުރެއްވުމަށް އަދި ކިޔަމަންތެރިވެ ވަޑައިގަތުމަށް ކުރެއްވި ހުވަޔާ އެކު އެވެ.

އުމުރުފުޅުން 77 އަހަރުގެ ލޫލާ އެނބުރި ރިޔާސީ ގަނޑުވަރަށް މި ވަޑައިގަތީ ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާތާ ފަސް އަހަރު ވެސް ނުވަނީހެވެ. ޖަލު ހުކުމެއް ތަންފީޒް ކުރެއްވުމަށް ފަހު ރައިސް ކަމަށް ވަޑައިގަތުން ބްރެޒިލްގެ ސިޔާސީ ލީޑަރުންގެ މެދުގައި ވަނީ ބޮޑު ކަމަކަށް ވެފަ އެވެ.

މި ފަދަ އެތައް ސަބަބަކާ ހެދި ލޫލާ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގެ ސެކިޔުރިޓީ ބެހެލެއްޓުމަށް 8،000 ފުލުހުން ނެރެން ޖެހުނު ކަމަށް ޚަބަރުތައް ބުނެ އެވެ.

އަނެއްކޮޅުން އިންތިހާބުން ބަލިވެވަޑައިގެންނެވި ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯއަށް ތާއިދުކުރާ ބަޔަކު ގޮވާތަކެތި ބަރާކޮށް ގޮއްވާލަން ތައްޔާރުކުރި ލޮރީއެއް ހަފުތާއެއްހާ ދުވަސް ކުރިން ވަނީ އަތުލައިގެންފަ އެވެ.

ލޫލާ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ގާނޫނު ހަދާ މަޖިލީހުގެ ކުރިމަތީގައި މަގާމު ހަވާލު ނުކުރައްވާނެ ކަމަށް ބޮލްސޮނާރޯ އޮތީ ވިދާޅުވެފަ އެވެ. އޭނާގެ މި ބަސް ދެމެހެއްޓުމަށްޓަކައި ރަސްމިއްޔާތަށް ކުޑަތަން ވެފައި ވަނިކޮށް ގައުމު ދޫކުރައްވައި ވަނީ އެމެރިކާއަށް ވަޑައިގެންފަ އެވެ.

ލޫލާ ވެރިކަމާ ހަވާލުވެވަޑައިގަތީ ވައުދުތަކަކާ އެކު އެވެ. ބްރެޒިލްގެ އިގްތިސާދު ކޮޅަށް ޖެހުމާއި އެމޭޒޯން ޖަންގަލި ހިމާޔަތްކުރުން އަދި ބްރެޒިލުން ފަގީރުކަން ނައްތާލެއްވުމަށް ސިޔާސީ ޕޯޑިއަމްތަކުގައި ދެއްކެވި ވާހަކަތަކާ ވެސް އެކު އެވެ.

ސިޔާސީ މާހިރުން ވިދާޅުވާ ގޮތުގައި ސަރުކާރުގެ ސިޔާސަތު މިސްރާބު އޮތް ދިމާއެއް ސާބިތުކޮށް ދެއްކެވުމަށްޓަކައި ކުރިއަށް އޮތް 100 ދުވަހަކީ ލޫލާއަށް ވަރަށް ބުރަ ދުވަސްތަކަކަށް ވާނެ އެވެ.

ލޫލާ އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑެތި ފިއްތުންތަކާ އެކު ބޮޑު ފަރަގެއް ނެތި އެވެ. މިއީ ވެސް ގައުމު ދެމެހެއްޓުމުގައި ލޫލާ ސާބިތުވެ ވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.

ބައިބައިވެފައިވާ ގައުމު އެއްބައިވަންތަކޮށް ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށް ލޫލާއަށް އޮތް ގޮތަކީ 24 ގަޑިއިރު ބޮލުން ކުޅުއްވުން ކަމަށްވެސް ބުނެވެ އެވެ.