ދުނިޔެ

ޔުކްރޭން ހަމަނުޖެހުންތަކަށް އަސްކަރީ ހައްލެއް ނެތް: ލޫލާ

ޔުކްރޭން ހަމަނުޖެހުންތަކަށް އަސްކަރީ ހައްލެއް އޮތް ކަމަށް ދެކެވަޑައި ގަތުމަކީ ކޮސްކަމެއް ކަމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑާ ސިލްވާ -- ޔުކްރޭންގެ ރައީސް ވޮލޮދިމިރު ޒެލެންސްކީއަށް ދަންނަވައިފި އެވެ.

އދގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތަމަށް ނިއުޔޯކަށް ވަޑައިގެން ޒެލެންސްކީއާ ބައްދަލުކުރައްވައި ލޫލާ ވިދާޅުވީ ކީވްއާ މޮސްކޯއާ ދެމެދު ކުރެވޭ މަޝްވަރާއަކުން ނޫން ގޮތަކަށް ޔުކްރޭން ހަނގުރާމަ ނުހުއްޓުވޭނެ ކަމަށެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމަކީ މައްސަލައެއް ކަމަށް ވިދާޅުވެ ލޫލާ ވިދާާޅުވީ ބްރެޒިލް ފިޔަވައި ބްރިކްސް ޖަމާއަތުގެ އެއްވެސް ގައުމަކުން ރަޝިއާ ކުށްވެރިކޮށް އެއްޗެއް ބުނެފައި ނުވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލޫލާއާ ޒެލެންސްކީ ބައްދަލުކުރެއްވީ ދޮރު ބަންދު ކޮޓަރިއެއްގައި، މަޝްވަރާތައް ލީކުނުވާނެ ގޮތެއް ބައްލަވައިގެންނެވެ.

ދެ ރައީސުންގެ ބައްދަލުވުން ހިނގާދިޔަ ގޮތް ދެނެހުރި އޮފިޝަލަކު ކިޔައިދިން ގޮތުގައި، ރަޝިއާ - ޔުކްރޭން ސުލްހަކުރުމަށް މެދުވެރިއަކަށް ބްރެޒިލް ވެދާނެ ކަމަށް ޒެލެންސްކީއަށް ލޫލާ ދެންނެވި އެވެ. އެހެން ނަމަވެސް މޮސްކޯއާ އެކު އެއްވެސް ޒާތެއްގެ އެއްބަސްވުމެއް ގާއިމުކުރެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޒެލެންސްކީ ވިދާޅުވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޔުކްރޭންގެ އިސްތިގުލާލަށް ނުރައްކަލެއް އޮތް އަދި ޔުކްރޭންގެ ބިމުން ތަންގަނޑެއް ދޫކޮށްލަން ޖެހޭ އެއްވެސް ޑީލެއް ބޭނުން ނުވާ ކަމަށް ޒެލެންސްކީ ލޫލާއަށް ދެންނެވި ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ބްރެޒިލްގެ ރައީސް ކަމާ ލޫލާ ހަވާލުވެ ވަޑައިގަތް ފަހުން މިއީ ޒެލެންސްކީއާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ޖަޕާންގައި މިދިއަ އަހަރު އޮތް ޖީ20 ސަމިޓްގައި ވެސް ޒެލެންސްކީއާ ބައްދަލުކުރެއްވުމަށް ލޫލާ މަަސައްކަތްކުރެއްވި އެވެ. ނަމަވެސް ޒެލެންސްކީ ގަޑިއަށް ވަޑައި ނުގަތުމުން ބައްދަލުކުރެއްވުން ލޫލާ ކެންސަލް ކުރެއްވީ އެވެ.

މިއަހަރު އިންޑިއާގެ ނިއުދިއްލީގައި އޮތް ޖީ20 ސަމިޓަށް ޒެލެންސްކީއަށް ދައުވަތު ދެއްވާފައެއް ނުވެ އެވެ. އެހެންކަމުން ދެ ރައީސުން އެންމެ ފަހުން މި ބައްދަލުކުރެއްވީ އދގެ އާންމު މަޖިލީހަށް އެމެރިކާއަށް ވަޑައިން -- އާންމު މަޖިލީހުގެ ހަވާސާގަ އެވެ.