ދުނިޔެ

އިކޮނޮމިކް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ޕޫޓިން ދެއްވި ދައުވަތު ލޫލާ ގަބޫލެއް ނުކުރެއްވި

ރަޝިއާގެ ސެން ޕީޓާސްބާގްގައި އަންނަ ޖޫން މަހު އޮންނަ އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑާ ސިލްވާއަށް، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ދެއްވި ދައުވަތު ގަބޫލެއް ނުކުރެއްވި އެވެ.

ލޫލާ ވިދާޅުވީ އިކޮނޮމިކް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ރަޝިއާއަށް ވަޑައިގަތުމަށް ވުރެ -- ރަޝިއާ-ޔުކްރޭން ސުލްހަކުރުމަށް މެދުވެރިއަކަށް ވެވަޑައިގަތުމަކީ -- މާބޮޑަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ޕޫޓިން ދެއްވި ދައުވަތާ ބެހޭ ގޮތުން ލޫލާ ޓްވީޓާގައި ވިދާޅުވީ ދެ ލީޑަރުން ފޯނުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ޕޫޓިން ދެއްވި ދައުވަތަށް ވަރަށް ބޮޑަށް ޝުކުރުދެންނެވި ކަމަށެވެ.

އެހެން ނަމަވެސް، މަސްލަހަތު ހެޔޮ ގޮތަކީ މި ވަގުތު ރަޝިއާއަށް ވަޑައިނުގަތުން ކަމަށް ޕޫޓިންއަށް ދެންނެވި ކަމަށް ލޫލާ ވިދާޅުވި އެވެ.

ލޫލާ އަދި ވިދާޅުވީ އިންޑިއާ އާއި އިންޑޮނީޝިއާ އަދި ޗައިނާއާ ގުޅިގެން ޔުކްރޭން ހަނގުރާމައަށް ހައްލެއް ހޯއްދެވުމުގައި އަވަދިނެތި އުޅުއްވާ ކަމަށެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލަން ގޮވާލައްވާ ލީޑަރެއް ގޮތުގައި ލޫލާގެ އަޑު ވަނީ ވަރަށް ގަދަވެފަ އެވެ. ބައިނަލްއަގްވާމީ ފޯރަމްތަކުގައި ބަސްވިދާޅުވެ ރަޝިއާ-ޔުކްރޭން ސުލްހަކުރުމަށް މަސައްކަތްކުރުމަށް ލީޑަރުން ނުކުމެވަޑައިގަތުމަށް ލޫލާ ވަނީ ގޮވާލައްވާފަ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅު ނުވާނެ ކަމަށް ލޫލާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ހުޅަނގާ ގުޅިގެން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު ނާޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅަނގުގެ ގައުމުތަކުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ލޫލާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބްރެޒިލް އޮތީ ފަނާކުރަނިވި އެއްވެސް ހަރަކާތެއްގައި ބައިވެރިވާ ގޮތަކަށް ނޫނެވެ.

ލޫލާ ވިދާޅުވި ގޮތުގައި އޭނާ ބޮޑަށް ބުރަވެވަޑައިގަންނަވަނީ ސުލްހައަށް އިސްނެގުމުގައި ހުޅަނގުން ވެސް ބައިވެރިވުމަށެވެ. ގައުމުތައް ހިމެނޭ ގޮތުން ބާރުގަދަ ޖަމާއަތެއް އުފައްދައި ޔުކްރޭން ހަނގުރާމަ ހުއްޓުވާލުމަށް ދުނިޔެ ނުކުންނަން ޖެހޭ ކަމަށް ވެސް ލޫލާ ވިދާޅުވި އެވެ.