ދުނިޔެ

ޔުކްރޭނަށް ހަނގުރާމަ ކާމިޔާބެއް ނުވާނެ: ކުބެލާ

ރަޝިއާއާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއްގައި ޔުކްރޭން މޮޅުވާނެ އެއްވެސް ގޮތެއް ނެތް ކަމަށް އެ ގައުމުގެ ކުރީގެ ހާރިޖީ ވަޒީރު ދިމިތުރީ ކުބެލާ ވިދާޅުވެއްޖެ އެވެ.

ކުބެލާ ވިދާޅުވި ގޮތުން ހުޅަނގުގެ އެހީތެރިކަން ޔުކްރޭނަށް ލިބުމަކީ ބޮޑު ނަސީބެކެވެ. އެހެން ނޫން ނަމަ އޭނާ ވިދާޅުވީ ޔުކްރޭން މިހާރު އޮންނާނީ ރަޝިއާ އިން އިސްތިއުމާރުކޮށްފައި ކަމަށެވެ.

ހަނގުރާމަ ކިތަންމެ ބޮޑަށް ދިގުލައިގެން ދިޔަ ނަމަވެސް ރަޝިއާ ބަލިކުރުމުގެ ގާބިލްކަން ޔުކްރޭނަށް ލިބިފައި ނުވާ ކަމަށް ކުބެލާ ވިދާޅުވި އެވެ.

އެމެރިކާ އާއި ޔޫރަޕްގެ ބައިވެރިންގެ އެހީތެރިކަމާ އެކު ޔުކްރޭނަށް މިހާރު ކުރެވޭ ވަރު ކުރެވުނު ނަމަވެސް ރަޝިއާ ބޭނުން ނަމަ ޔުކްރޭން ހިފުމަކީ ދާދި ފަސޭހަކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކުބެލާ ވިދާޅުވި ގޮތުގައި ހުޅަނގުން ބުނެގެން ފެށި ހަނގުރާމައިގައި ހުރިހާ ގެއްލުމެއް ލިބެނީ ޔުކްރޭނަށެވެ. ޔުކްރޭނަށް ދޭން ބުނި ބާރުގަދަ އެއްވެސް ހަތިޔާރެއް އެމެރިކާ އަދި ޔޫރަޕުންވެސް ނުދޭ ކަމަށް ވިދާޅުވި އެވެ.

ކުބެލާ ވިދާޅުވީ ރަޝިއާއާ ކުރެވޭ ހަނގުރާމައެއްގައި ބައިވެރިވުމަކީ އެމެރިކާ ޖެހިލުންވާ ކަމެއް ކަމަށެވެ. އެމެރިކާއިން ދޭން ބުނި ހަތިޔާރު ދޭން ނުކުރިގެން އުޅެނީ ރައީސް ޖޯ ބައިޑަން ބިރުން އުޅުއްވާތީ ކަމަށްވެސް ވިދާޅުވި އެވެ.

ކުބެލޭ މި މޭރުމުން ވާހަދެއްކެވިއިރު ދުރު ރާސްތާ މިސައިލް ބޭނުންކުރުމުގެ ހުއްދަ ޔުކްރޭންގެ އަސްކަރިއްޔާއަށް އެމެރިކާ އާއި ފަރަންސޭސިވިލާތުން އޮތީ ދީފަ އެވެ.

ކުބެލާ ދެކެވަޑައިގަންނަވާ ގޮތުގައި، ދުރު ރާސްތާ މިސައިލަކީވެސް ރަޝިއާ ހުއްޓުވޭނެ ހަތިޔާރެއް ނޫނެވެ. ރަޝިއާއާ ކުޅެވޭނީ ނިއުކްލިއާ ހަތިޔާރުން ކަމަށް އޭނާ ވިދާޅެއް ނުވެ އެވެ. އެކަމަކު ވާހަކަތަކުން އެހެން ދޭހަވެ އެވެ.

ޔުކްރޭނަށް ދުރު ރާސްތާ ހަތިޔާރު ފޯރުކޮށްދިނުމާ ބެހޭ ގޮތުން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވާހަކަދެއްކެވި އެވެ.

ރައީސް ޕޫޓިން ވިދާޅުވީ ހުޅަނގުން ޔުކްރޭނަށް ފޯރުކޮށް ހަތިޔާރުގެ ނިސްބަތުން ހަނގުރާމަ ފުޅާވެގެންދާނެ ކަމަށެވެ. ހުޅަނގުން ޔުކްރޭނަށް ކޮންމެ ފަދަ ބުއްދިއެއް ލައިދިން ނަމަވެސް ރަޝިއާގެ އަމާޒުތައް ހާސިލުކޮށްފައި ނޫނީ ހަތިޔާރު ނުބަހައްޓާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ.