ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑާ ސިލްވާ މި އަހަރު ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައްވާނެ އެވެ. އެ ގައުމުގެ ސަރުކާރުން ބަޔާނަކުން މިކަން ވަނީ އިއުލާންކޮށްފަ އެވެ.
ދެ ރައީސުން ބައްދަލުކުރަައްވާނެ ކަމަށް ބްރެޒިލްގެ ސަރުކާރުން ބުނީ މި އަހަރު އޮކްޓޯބަރުގައި، ރަޝިއާގައި އޮންނަ ބްރިކްސް ސަމިޓްގަ އެވެ. މި ބައްދަލުވުމުގެ ވާހަކަތައް މިހާ ކުރިން އިއުލާންކުރުމުގެ ބޭނުމެއް ކަމަށް ވަނީ، ދުނިޔޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން ވަކި ބަޔަކަށް މެސެޖެއް ދިނުމަށެވެ.
މި އަހަރުގެ އަހަރީ ބްރިކްސް ސަމިޓް ބާއްވަން ހަމަޖައްސާފައި ވަނީ ރަޝިއާގަ އެވެ. މިދިއަ އަހަރު އޮތީ ދެކުނު އެފްރިކާގަ އެވެ.
ދެކުނު އެފްރިކާގައި އޮތް ބްރިކްސް ސަމިޓްގައި ރައީސް ޕޫޓިން ބައިވެރިވެ ވަޑައިގަތީ އޮންލައިކޮން ވީޑިއޯ މެދުވެރިކޮށެވެ.
ޕޫޓިންއަށް ދެކުނު އެފްރިކާއަށް ވަޑައިނުގަނެވުނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން، ޕޫޓިންއާ ހައްޔަރުކުރަން ނެރެފައި އޮތް އަމުރަކާ ހެދި އެވެ.
ދެކުނު އެފްރިކާ އަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެމްބަރަކަށް ވުމުން އެ ކޯޓުން ނެރޭ އަމުރުތައް ތަންފީޒުކުރުން އެ ގައުމަށް ލާޒިމުވާނެ އެވެ.
ޕޫޓިން ދެކުނު އެފްރިކާއަށް ވަޑައިގެންނެވި ނަމަވެސް ހައްޔަރުކުރުން އޮންނާނީ ވާޖިބެއް ގޮތުގަ އެވެ. ދެކުނު އެފްރިކާއާ ރަޝިއާއާ ދެމެދު އޮތް ގާތް ގުޅުމެއްގެ ސަބަބުން ޕޫޓިން ހައްޔަރު ނުކުރި ނަމަވެސް، ހައްޔަރު ނުކުރުން ވާނީ ވަރަށް ބޮޑު މައްސަލައަކަށެވެ.
ލޫލާއާ ޕޫޓިންގެ ބައްދަލުވުމަށް މަގުފަހިކުރުމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ބްރެޒިލްއަށް ވަޑައިގެން ލޫލާއާ ވަނީ ބައްދަލުކުރައްވާފަ އެވެ.
ލަވްރޯފް ބްރެޒިލަށް ވަޑައިގެންނެވި އަސްލު ބޭނުމަކީ ބްރެޒިލްގެ ރިއޯ ޑީ ޖެނެއިރޯގައި އޮތް ޚާރިޖީ ވަޒީރުންގެ ބައްދަލުމުގައި ބައިވެރިވުމެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕޫޓިންއާ ލޫލާ ބައްދަލުކުރައްވާ ޚަބަރާ ބުޅިގެން، އެންޓަނީ ބްލިންކެން ވެސް ލޫލާއަށް ބައްދަލުކުރެއްވި އެވެ.
މި ދެ ލީޑަރުން މަޝްވަރާކުރި އެއްވެސް ކަމެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ޕޫޓިންއަށް ޕްރެޝަރު ކުރެއްވުމަކީ ބްލިންކެންގެ އެދިވަޑައިގަތުމަކަށް ވެދާނެ އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓާލައި ދެ ގައުމު ސުލްހަވުމަށް މެދުވެރިއަކަށް ބްރެލިޒް ވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށް ވެސް ލޫލާ މީގެ ކުރިން އޮތީ ވިދާޅުވެފަ އެވެ.