ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހޮނިހިރު ދުވަހު އޮތް ޔުކްރޭން ސުލްހައިގެ ބަހުސަށް އެ ގައުމުން 10 ނުކުތާއެއް ހުށަހަޅައިފި އެވެ. މިއީ މީގެ ކުރިން ވެސް ޔުކްރޭނުން މަޝްވަރާކުރަން ބޭނުންވި ނުކުތާތަކެކެވެ.
ޖިއްދާ ސަމިޓަށް ހުށަހެޅި މައިގަނޑު ހުރިހާ ނުކުތާއެއްގައިވެސް ފާހަގަކޮށްފައިވަނީ ޝަރުތަކާ ނުލައި ރަޝިއާ، ޔުކްރޭނުން ފައިބައިގެން ދިއުމަށެވެ.
ޖިއްދާ ސަމިޓަކީ ރަޝިއާ، ޔުކްރޭން ހަނގުރާމައަށް ނިމުމެއް ގެނައުމަށް މަޝްވަރާކުރުމަށް ބޭއްވުނު ސަމިޓެކެވެ. މި ސަމިޓުގައި ދުނިޔޭގެ ނުފޫޒުގަދަ 40 ގައުމަކުން -- ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ބައިވެރިވި ނަމަވެސް، ރަޝިއާއަށް ދައުވަތު ދީފައެއް ނުވެ އެވެ.
ޔުކްރޭނަށް ސުލްހަ ގެނައުމަށް ކުރެވޭ މަޝްވަރާތަކުގައި ރަޝިއާ ބައިވެރި ނުކުރުމަކީ -- މެކްސިކޯ އާއި ބްރެޒިލް ބުނާ ގޮތުން -- އެއްގޮތަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ނޫނެވެ.
ދެ ގައުމެއްގެ ދެމެދުގައި ކުރެވޭ ހަނގުރާމައެއް ހުއްޓުވަން އެދޭނަމަ ހަމަ އެންމެ ފުރަތަމަ މަޝްވަރާ މޭޒު ދޮށަށް ހާޒިރުވާން ޖެހޭނީ އެ ދެ ގައުމަކުން ކަމަށް މެކްސިކޯގެ ރައީސް ވެސް ވަނީ ވިދާޅުވެފަ އެވެ.
ޖިއްދާ މަޝްވަރާތަކުގައި ރަޝިއާ ބައިވެރިނުކުރިއެއް ކަމަކު، މަޝްވަރާތައް ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލާނެ ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ.
މި ސަމިޓްގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ބްރެޒިލް، ޗައިނާ އަދި އިންޑިއާ ހިމެނެ އެވެ. ބްރެޒިލް އާއި ޗައިނާ އަދި އިންޑިއާ އަކީ ބްރިކްސް ޖަމާއަތަށް ނިސްބަތްވާ ތިން ގައުމު ކަމަށް ވުމުން އެ މީހުންގެ ވާހަކަތައް ހުންނާނީ ރަޝިއާއަށް މަންފާކުރާ ގޮތަށެވެ.
ސައޫދީ އަރަބިއްޔާގައި ޔުކްރޭން ސުލްހައިގެ ސަމިޓެއް ބޭއްވުމުގެ ބޭނުމަކީ، ޔުކްރޭނަށް ވަފާތެރި ހުޅަނގުގެ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގެ ތާއީދު ހޯދުމެވެ. މިއީ ޔުކްރޭން އެދޭ ގޮތް ނަމަވެސް، ގިނަ ގައުމުތައް މިހާރު ތިބީ އެ މީހުން ބުނުން އިއްވައިގެންނެވެ.
ޔުކްރޭނަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ވާނީ ވީހާ އަވަހަށް ހަނގުރާމަ ހުއްޓާލުން ކަމަށް ގިނަ ގައުމުތަކުން ބުނެ އެވެ.
ޖިއްދާ ސަމިޓް ދެ ދުވަހަށް ދިގުދެމިގެން ދާނެ އެވެ. މި މުއްދަތުގެ ތެރޭގައި ޔުކްރޭނުން ހުށަހަޅާފައި އޮތް 10 ނުކުތާއާ މެދު ވަކިވަކި ގައުމުތަކުން ދެކޭ ގޮތް ހާމަކުރާނެ އެވެ. އަދި ދޭދޭ ގުޅުން ބަދަހިކުރުމަށްޓަކައި ގައުމުތަކުން އެއްބަޔަކު އަނެއް ބަޔަކަށް ތައާރުފުވެ، އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރާނެ އެވެ.