ޖަޕާންގެ ހީރޯޝިމާގައި އޮތް "ޖީ ސެވަން" ސަމިޓުގެ ހަވާސާގައި ޔުކްރޭންގެ ރައީސް ލަޑިިމިއާ ޒެލެންސްކީއާ ބައްދަލުކުރައްވާ ގޮތަށް ކުރިއާލައި ރާވާފައި އޮތް ނަމަވެސް އޭނާއާ ބައްދަލު ނުކުރެއްވުނީ ގަޑިޖެހުނުއިރު ވެސް އޭނާ ވަޑައިނުގަތުމުން ކަމަށް ބްރެޒިލްގެ ރައީސް ލޫލާ ޑާ ސިލްވާ ވިދާޅުވެއްޖެ އެވެ.
ޒެލެންސްކީއަށް ވަޑައިނުގަނެވުނީ އިތުރު އެހެން އެޕޮއިންޓްމަންޓްތަކެއް ހުރުމުން ކަމަށް ގަބޫލުކުރެވޭ ކަމަށް ލޫލާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ބްރެޒިލް އާއި ޔުކްރޭންއާ ދެމެދު ހުރި މަޝްވަރާތަކަށް ފުރުސަތު ލިބިވަޑައިނުގަތުމުން ކަންބޮޑުވެ ވަޑައިގެންނެވި ކަމަށް ލޫލާ ވިދާޅުވި އެވެ.
ބްރެޒިލްގެ ރައީސް ޖަޕާނަށް ފުރާވަޑައިގެންނެވިއިރު ޒެލެންސްކިއާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައެއް ނުވެ އެވެ. ލޫލާގެ އޮފީހުން އާންމުކުރި އޭނާގެ އެޖެންޑާގައި ޒެލެންސްކީއަށް ޚާއްސަ އައިޓަމެއް ނެތެވެ.
އެހެން ނަމަވެސް، ލޫލާއާ އެކު ދަތުރުމަތީގައި އުޅުއްވި އަދި ލޫލާގެ އެޖެންޑާ ތައްޔާރުކުރެއްވި އޮފިޝަލަކު ބްލޫމްބާގަށް ވިދާޅުވި ގޮތުގައި، ޒެލެންސްކީ އާއި ލޫލާއާ ދެމެދު ބައްދަލުވުމެއް ބޭއްވުމަށް ލޫލާއަށް ޕްރެޝަރު ކުރިމަތިވެ ވަޑައިގެންނެވި އެވެ.
ޒެލެންސްކީ ޖީ ސެވަން ސަމިޓަށް ވަޑައިގަތީ ސައޫދީ އަރަބިއްޔާގައި އޮތް އަރަބި ސަމިޓްގައި ތަގުރީރު ކުރެއްވުމަށްފަހު އެވެ. އެހެން ނަމަވެސް، ސައޫދީއަށް ވަޑައިގަތުމުގެ ކުރިން ވެސް ޒެލެންސްކީ ދަތުރުކުރައްވާ ގޮތް އާންމުކޮށްފައެއް ނުވެ އެވެ.
ޖަޕާނަށް ވަޑައިގެން ޒެލެންސްކީ ބައްދަލުކުރެއްވި އޮފިޝަލުންނާއި ގައުމުތަކުގެ ވެރިން ހިމެނޭ ގޮތުން ވަކި ޚާއްސަ އެޖެންޑާއެއް އާންމުކޮށްފައެއް ވެސް ނުވެ އެވެ.
ޒެލެންސްކީ ފަހުން ރިޕޯޓަރުން ގާތު ވިދާޅުވީ އެޖެންޑާގައި ހުރި އެހެން އައިޓަމްތަކާ ހެދި ލޫލާއާ ބައްދަލުނުކުރެއްވުނީ ކަމަށެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ކުށްވެރި ކުރައްވައި ލޫލާ ވާހަކަދެއްކެވި ނަމަވެސް ރަޝިއާ ކުށްވެރިކުރެއްވުމުގައި ލޫލާ ގެންގުޅުއްވަނީ ތަންކޮޅެއް ލުއި ސިޔާސަތެކެވެ.
ހުޅަނގާ ގުޅިގެން ރަޝިއާއަށް ދަތިކުރުމުގައިވެސް ބްރެޒިލް ބައިވެރި ނުވެ އެވެ. އަދި ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ވެސް ލޫލާ ތާއީދުކުރައްވާ ކަމެއް ނޫނެވެ.
ލޫލާ ގަބޫލުކުރައްވާ ގޮތުގައި ޔުކްރޭން ހަނގުރާމައަށް އޮތް ހަމައެކަނި ހައްލަކީ މަޝްވަރާ އެވެ. އެނޫން ހައްލެއް ދެމެހެއްޓެވި ގޮތުގައި ސުލްހައަށް މަގު ނުދައްކާނެ ކަމަށް ވެސް ލޫލާ ވިދާޅުވި އެވެ.